ރަށަށް ނުދެވި މާލޭގައި ތިބި މީހުންް ފޮނުވާނެ އުސޫލު ކަނޑައަޅައިފި

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، އެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ފަރާތްތައް އަނބުރާ ރަށަށް ފޮނުވާނެ އުސޫލު އެކުލަވާލާ އާންމުކޮށްފިއެވެ.

ޖެެންޑާ މިނިސްޓްރީ އިން އެކުލަވާލި އުސޫލުގައި ބުނީ މި އުސޫލުގެ ދަށުން އެންމެ އިސްކަންދޭނީ އޭޕްރީލް އެކެއްގެ ނުވަތަ އޭގެ ފަހުން މާލެ އައިސް އެނބުރި ނުދެވި ތިބި މީހުން އަނބުރާ ފޮނުވާލުމަށް ކަމަށެވެ.

އެގޮތުން އެންމެ އިސްކަންދޭނީ އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ ގެ އެހީތެރިކަމާއި އެކު ބޭސްފަރުވާއަށް މާލެ އައިސް އެނބުރި ރަށަށް ނުފުރިފައިވާ ފަރާތްތައް ފޮނުވާކުމަށް ކަމަށާއި
ފަސް އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ފަރާތްތައް އަދި ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، އެފަރާތްތަކުގެ ޢާއިލާގެ މީހުންނަށް އިސްކަންދޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ޢުމުރުން 65 އަހަރުންމަތީ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތައް އަދި ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިންނާއި، ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. ދެން އިސްކަންދޭނީ ބޭސް ފަރުވާއަށް ނުވަތަ އެހެނިހެން ބޭނުންތަކަށް މާލެ އައިސްފައިވާ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިންނަށް ކަމަށް ޖެންޑާ އިން އާންމު ކުރި އުސޫލުގައި ބުނެފައިވެއެވެ.


ދެން އިސްކަންދޭނީ ރަށަށް އެނބުރި ދިއުމަށްޓަކައި އޭޕްރީލް 15 އާއި 20 އާއި ދެމެދުގެ މުއްދަތުގައި ޓިކެޓްނަގާފައިވާ ފަރާތްތަކަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކާއި ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތަކަށްވެސް އިސްކަންދޭނެ ކަމަށް ބުނެފައިވެއެވެ.

ދެން އިސްކަންދެނީ ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށެވެ. އަދި އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ ފަރާތްތައް (މިސާލަކަށް ވަޒީފާ ގެއްލުމާއި ގުޅިގެން، އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން) ވެސް އިސްކަންދޭނެ ކަމަށާއި ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިން، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާއި ބެލުން ހަވާލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ބުނެފައިވެއެވެ.

އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ ފަރާތްތައް އަދި ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖްތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެންނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށްވެސް މި އުސޫލުގެ ދަށުން ރަށަށް ދިޔުމުގައި އިސްކަން ދޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އަދި އާމްދަނީ ހޯދޭނޭ ދޮރުތައް މާލެއިން ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން ހޯދޭނޭ މަގުފަހިވެ، ދިރިއުޅުން އެފަދަ ފުރުސަތު އޮތް އެހެން ރަށެއްގައި އާބާދުކުރަން އެދޭ ފަރާތްތަ ކަށްވެސް އިސްކަންދޭނެ ކަމަށާއި އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތަކަށްވެސް އިސްކަންދޭނެ ކަމަށް ބުނެފައިވެއެވެ.

ރަށަށް ފޮނުވުމުގައި އިސްކަންދޭނީ މި ތަރުތީބުން ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ޖެންޑާ އިން ބުނީ ރަށަށް ދިއުމަށްޓަކައި އެމިނިސްޓްރީ އަށް ނުވަތަ އެފަރާތެއް ނިސްބަތްވާ ރަށު/ސީޓީ ކައުންސިލުގެ އިދާރާއަށް މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ފަރާތްތަކުން 1421 އަށް ނުވަތަ [email protected] ނުވަތަ އެ ރަށެއްގެ ކައުންސިލަށް ރިޕޯޓުކުރަމުން ގެންދިއުމަށް އެދޭކަމަށެވެ.

ރަށްރަށަށް ދިއުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަތީގައި އެވާ ކަންކަމަށް ރިޢާޔަތްކޮށް ތަރުތީބުކުރެވި އިސްކަންދެވޭ ފަރާތްތައް ސަރުކާރުން އަންގަވާގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ރަށަށް ދިޔުމަށް އެދި ޖެންޑާ އަށް ރިޕޯޓު ކުރާ ފަރާތްތަކުގެ ތަރުތީބު ކަނޑައަޅާނީ އެ މިނިސްޓްރީންނެވެ. އަދި އެފަރާތްތައް ކަރަންޓީނު ކުރުމަށް ކަނޑައެޅިފައިވަނީ ސަރުކާރުން އެކަމަށް ހަމަޖައްސާފައިވާ ފެސިލިޓީތަކުގައެވެ.

އަދި ކައުންސިލުތަކަށް ރިޕޯޓު ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، މަތީގައި އެވާ ކަންކަމަށް ރިޢާޔަތްކޮށް ތަރުތީބުކޮށް ރަށަށް ފޮނުވާނެ ފަރާތްތަކުގެ ލިސްޓު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީންކަމަށާއި މިގޮތަށް ނިންމާ ފަރާތްތައް ކަރަންޓީނު ކުރާނީ ކައުންސިލުތަކުން އެރަށެއްގައި ކަނޑައަޅާ، އަދި ކައުންސިލުގެ ބެލުމުގެ ދަށުން ބަލަހައްޓާ ފެސިލިޓީތަކެއްގައި ކަމަށް ޖެންޑާ އިން ބުންޏެވެ.

އަދި ދިމާވާ ހާއްސަ ހާލަތެއްގެ ސަބަބުން މި ތަރުތީބަށް ބަދަލު ގެނައުމުގެ ބާރު ޖެންޑާ މިނިސްޓްރީ އަށް އޮންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް