ލޮކްޑައުން އޮންނަހާ ހިނދަކު ހަގީގީ ޕީކެއް ފެނުން އެއީ ނާދިރު ކަމެއް: ޑރ. އަފްޒަލް

މާލޭ ސިޓީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ލޮކްޑައުން ހާލަތުގައި އޮންނަހާ ދުވަހަކު ކޮވިޑް-19 ގެ ހަގީގީ ޕީކެއް ނުފެންނާނެކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްއެއް އޭޕްރިލް 15 ވަނަ ދުވަހު މާލެއިން ފެނުމާ ގުޅިގެން މާލޭ ސިޓީގެ ހުރިހާ ސަރަހައްދެއްގައި ފުރަބަންދުގެ ހާލަތު އިއުލާންކޮށްފައި އޮންނަތާ ތިން ހަފްތާ ފާއިތުވެއްޖެއެވެ.

އެ މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ އިތުުރު ކޭސްތަކެއް މާލޭ ސިޓީއިން ފެނި ރާއްޖޭގައި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 618 އަށް އަރައިފައެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ލޮކްޑައުން ހާލަތުގައި ނުވަތަ ފުރަބަންދުގައި އޮވެ ހަގީގީ ޕީކްއެއް ރާއްޖެއިންް ނުފެންނާނެކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ޓްރޫ ޕީކްއޭ މިކިޔާ ޕީކްއަކީ، ލޮކްޑައުންއިން ބޭރުގައި އިންނަ ޕީކްއެއް، މާނައަކީ ލޮކްޑައުން ހުޅުވާލުމަށްފަހު އެ ފެތުރިގެންދާ ދިޔުމުގައި އަންނަ ޕީކެއްގެ ވާހަކަ އެ އަންނަ ނެޗުރަލް ޑިޒީޒްގެ (ބަލީގެ ގުދުރަތީ) ޕީކްއަކީ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވިގޮތުގައި ލޮކްޑައުން ތެރޭގައި އާންމުކޮށް އަންނާނީ ކުއްލިއަކަށް ދިމާވާ ނުވަތަ އެއްތަނަކުން ގިނަ ބަޔަކު އެއް ފަހަރާ ޕޮޒިޓިވްވާފަދަ ޕީކްއެކެވެ. މިއީ ޑރ. އަފްޒަލް ވިދާޅުވިގޮތުގައި ބަލީގެ ހަގީގީ ޕީކްއެއް ނޫނެވެ.

މޭ 6، 2020: ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރަހިމް އަފްޒަލް ވާހަކަދައްކަވަނީ. (ފޮޓޯ/އެންއީއޯސީ)

"އެހެންވީމަ ޓްރޫ ޕީކްއެއް ހަގީގަތުގައި ލޮކްޑައުންތެރޭގައި އައުން އެއީ ނާދިރުކަމެއް." ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން ސިއްހީ މާހިރުން ވަނީ ފުރަބަންދު ކުރާތާ 14 ދުވަސް ތެރޭގައި ޕީކްއަކަށް ދާނެކަމަށް ލަފާކޮށްފައެވެ. މި މުއްދަތު ހަމަވާން ކައިރިވުމާއިއެކު ރާއްޖެއިން ވަނީ އެއް ދުވަސް ތެރޭ 100 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސްވެސް ފެނިފައެވެ.

ސިއްހީ މާހިރުން ވަނީ ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި އިތުރު ކޭސްތަކެއް ފެނި މާލޭގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށްވެސް އަންދާޒާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 600 އަަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު ދެ މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. ބަލި ޖެހުމަށްފަހު 20 މީހަކު މިހާތަނަށް ވަނީ މުޅިން ރަނގަޅުވެފައެވެ.

comment ކޮމެންޓް