ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ތިބުމާ ގުޅިގެން މޮނިޓަރިންގް ގެ ހާލަތަށް ލެވުނު ނ. ހޮޅުދޫ އަދި ހެނބަދޫ އެ ހާލަތުން ނަގައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ އެ ދެ ރަށް މޮނިޓަރިން ހާލަތުން ނަގައި އަލުން އާންމު ހާލަތަށް ގެނެވިފައިވާކަމަށް ވިދާޅުވެފައެވެ.
ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އޭޕްރިލް 15 ވަނަ ދުވަހު މާލެއިން ފުރައިގެން ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރި އަމާޒު ބޯޓުން ދަތުރުކުރި މީހަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އަމާޒު ބޯޓުގެ ކޭސްއާ ގުޅިގެން އުތުރުގެ އެތައް ރަށެއް މޮނިޓަރިންގެ ހާލަތަށް ލެވިގެންދިޔައެވެ. އެތަނުން ބައެއް ރަށްތައް މިހާރު ވަނީ އެ ހާލަތުން ނަގާފައެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ:
- މާލެ ސިޓީ
- ކ. ތުލުސްދޫ
- ށ. ނަރުދޫ
- ށ. ފުނަދޫ
- ށ. މިލަންދޫ
- ށ. ފީވަށް
- ށ. މާއުނގޫދޫ
- ހ.އ. ތަކަންދޫ
- ނ. މަނަދޫ
ޕޮޒިޓިވް ކޭސް ފެނުނު އަމާޒު ބޯޓު އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. އަމާޒު ބޯޓުން ޕޮޒިޓިވްވެފައިވަނީ އެ ބޯޓުގެ ކައްޕިގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ނަރުދޫ މީހެކެވެ.
އަމާޒު ބޯޓު ކޭސްއާ ގުޅިގެން އިތުރު ކްލަސްޓާތަކެއް ފެނިގެންދިޔުމުގެ ބިރު އެބަ އޮތް ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ.
އަމާޒު ބޯޓު ކޭސްއާ ގުޅިގެން މިހާތަނަށް ށ. ނަރުދޫން 11 ޕޮޒިޓިވް ކޭސް އަދި އެއަތޮޅު މިލަންދޫން އެއް ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ.