ޓީޓީގެ ކުރިން ފުރަތަމަ ކުޅެން ބޭނުންވީ ބެޑްމިންޓަން: ދީމާ

ރާއްޖޭގެ ދީމާ މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގެ ޓީޓީ އިވެންޓުގައި ވާދަކުރަނީ --- ފޮޓޯ// އެމްއޯސީ

ޓޭބަލް ޓެނިސް ކުޅެން ފެށުމުގެ ކުރިން ފުރަތަމަ ކުޅެން ފެށީ ބެޑްމިންޓަން ކަމަށް ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބުނެފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) "އިންސްޓަގްރަމް" މެދުވެރިކޮށް ކުރިއަށްގެންދާ "ޗެޓް ވިތު ޗެމްޕިއަންސް" ލައިވްގައި ވާހަކަދައްކަމުން ދީމާ ބުނީ ޓޭބަލް ޓެނިހުގެ ކުރިން ފުރަތަމަ ކުޅެން ބޭނުންވީ ބެޑްމިންޓަން ކަމަށެވެ. އެކަމަކު ޓީޓީއަށް ހިތް ޖެހުނީ އޭނާގެ ބައްޕަ ކުރީގައި ކޮންމެސް ވަރަކަށް ޓީޓީ ކުޅެފައިވާތީ ކަމަށް ދީމާ ބުންޏެވެ.

އުމުރުން 13 އަހަރުގެ ދީމާ އަކީ މިވަގުތު ރާއްޖޭގެ ޓޭބަލް ޓެނިސްގެ އެއްވަނަ އެވެ. ނިމިގެން ދިޔަ އަހަރަކީ ދީމާގެ ޓެނިސް ކެރިއަރުގެ އެންމެ ކާމިޔާބު އަހަރެވެ. ގައުމީ ޓީޓީގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ސަރަހައްދީ އެންމެ ބޮޑެތި މުބާރާތްތަކުން ރަން މެޑަލްތަކެއް ހޯދި އެވެ. އެގޮތުން އައިއޯއައިޖީގެ ސިންގަލްސް، ޑަަބަލްސް އަދި ޓީމް އިވެންޓުން ވެސް ދީމާ ރަން މެޑަލް ހޯދި އިރު ސާފް ގޭމްސްގައި ވެސް ފުރަތަމަ ފަހަރަށް ޓީޓީއިން ރާއްޖެއަށް މެޑަލް ހޯދައިދިނެވެ.

އެކަމަކު ޓީޓީ އަކީ ދީމާގެ ދެވަނަ ކުޅިވަރު ކަމަށް އޭނާ ބުންޏެވެ. އޭގެ ކުރިން އޭނާ ކުޅެން ބޭނުންވީ ބެޑްމިންޓަން ކަމަށާއި އެކަމަކު ބެޑްމިންޓަން ކުޅެވޭ ވަރަށް ވުރެ ކުރު ކަމަށް ޓީޗަރު ބުނުމުން ޓީޓީ ކުޅެން ފެށީ އެއަށްފަހު ކަމަށް ދީމާ ބުންޏެވެ.

"ދީމާ ކުޑައިރު ކިޔެވުމަށް މޮޅުވީމަ ޓީޗަރު ބުނީ ކޮންމެސް ސްޕޯޓްސްއެއްް ވެސް ނަގާށޭ. އެހެންވެ ދީމާ ފަސްޓް ޓްރައި ކުރީ ބެޑްމިންޓަން. އެކަމަކު ބެޑްމިންޓަން ކޯޗު ބުނީ ދީމާ މާ ކުރޭ. ދެން އެ އެކެޑެމީގެ މަތީގަ ހުރޭ ޓޭބަލް ޓެނިސް ހޯލެއް. ސޯ. ބައްޕަވެސް ކުޑަ އިރު ކުޅުނީމަ [ޓޭބަލް ޓެނިސް ކުޅުނީމަ] އަޅުގަނޑު ދިޔައީ ޓޭބަލް ޓެނިސް ހޯލަށް ޓަރައި ކުރަން. ދެން އެތަނުން ޓީޓީ ކުޅޭ ހިތްވީ،" އިންސްޓަގުރާމް ލައިވްގައި ދީމާ ބުންޏެވެ.

ދީމާ ބުނީ، ޓީޓީއަށް ޖޮއިން ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ ގޭގައި ޓީޓީއަށް ޕްރެކްޓިސް ކުރަން ފެށީ ކާ މޭޒުމަތީގައި ކަމަށެވެ. އަދި ގޭގައި ޓީޓީ ކުޅުމުގައި ބައްޕަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން ދީމާ ފާހަގަ ކުރި އެވެ.

ދީމާ ބުނީ އެގޮތަށް ކުޅެމުން ކުޅެމުން ގޮސް އޭނާ ދިރިއުޅެމުން ދިޔަ ސްރީ ލަންކާގައި ރަސްމީކޮށް ތަމްރީންތައް ފެށީ އުމުރުން ހަ އަހަރުގައި ކަމަށެވެ.

"ދީމާއަށް އޭރު ސިކްސް އިޔާޒް. ދަޓް ވޯސް އިން 2013ގެ ފަަސްޓް އޭޕްރީލްގައި. މިހާރު އޭގެ ފަހުން ސެވަން އިޔާޒްވީ،"

ދީމާ ބުނީ ފުރަތަމަ އޭނާ ޓްރެއިނިން ފެށި އިރު ކުޅެން ދަނީ ހަފުތާއަކު އެންމެ ދުވަހަކު ކަމަށެވެ. އަދި އެ ދުވަހު ވެސް ކުޅުން އޮންނާނީ ދޮޅު ގަޑިއިރެއްހާ އިރު ކަމަށް ދީމާ ބުންޏެވެ. އެކަމަކު އޭގެ ދެތިން އަހަރު ފަހުން ހަފުތާއެއްގެ ހަ ދުވަސް ޕްރެކްޓިސް ކުރާ ކަމަށް ދީމާ ބުންޏެވެ.

ދީމާ ބުނި ގޮތުގައި ދުވާލެއްގެ ތެރޭ ކިތަންމެ ގިނަ އިރު ޓްރެއިނިން ހެދި ނަމަވެސް އެއްވެސް ވަރަކަށް ފޫއްސެއް ނުވެއެވެ. އެކަމަކު ކިޔެވުމުގެ ކަންކަމުގައްޔާއި އެހެނިހެން ކަންކަމާ ބިޒީވާތީ އެހާ ގިނަ ވަގުތު ކުޅެން ނުލިބޭ ކަމަށް ދީމާ ބުންޏެވެ.

comment ކޮމެންޓް