ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ރާއްޖޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދީފި

މިއަދު ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ދިޔަ ކައިވެނީގެ މަޖިލިސް -- ފޮޓޯ/ ޕީއެސްއެމް

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެންޏެއް ކޮށްފިއެވެ.

ކޮވިޑް-19 ވައިރަސް ފެތުރި މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، އެފަދަ ހާލަތެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ފެމިލީ ކޯޓުން ވަނީ އެކުލަވާލައިފައެވެ.

ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު "ސަން"އަށް ވިދާޅުވީ، މިއަދު ހަވީރު ފުރަތަމަ ފަހަރަށް އެ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެންޏެއް ކޮށްދީފައިވާ ކަމަށެވެ. އެއީ މީގެ ކުރިން ރޫޅިފައިވާ ކައިވެންޏެއް ރުޖޫއަކޮށް ކުރި ކައިވެންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އެ ކައިވެނި ކުރިއަށް ގެންދިޔަ އިރު އިންޓަނެޓުގެ މައްސަލަ ދިމާވެ އަޑުކެނޑުން ފަދަ އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާ ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން ކައިވެނިވާ ދެފަރާތުންނާއި ވަލީވެރިޔާއާއި ހެކިވެރިން ސޮއިކުރުމަށްފަހު ކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އިގްރާރު ކޯޓަށް ފޮނުވަންޖެހޭނެއެވެ.

އެ އުސޫލުގައިވާގޮތުން ކައިވެނީގެ މަޖްލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަރާތްތައް ހާޒިރުވެ ތިބިކަން ކައިވެނިކޮށްދޭ ޝަރުއީ މައުޒޫނު ކަށަވަރު ކުރަންވާނެއެވެ. އެގޮތުން، ކައިވެނީގެ މަޖްލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަރާތްތައް ހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކުރަން ޖެހޭނެއެވެ.

އެ އުސޫލުގައިވާގޮތުން ކައިވެނީގެ ހުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު، ކައިވެނިވާ ފިރިހެނާ "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި، އެކަން ޝަރުއީ މައުޒޫނު ކަށަވަރުކުރަންޖެހޭނެއެވެ.

ކައިވެނިވީ ދެފަރާތަށް މައުޒޫނު ހެޔޮދުއާ ކުރުމަށްފަހު، ދެ ހެކިވެރިންނާ ސުވާލުކޮށް،
އެމަޖްލީހުގައި ހިނގައިދިޔަ ކަންކަން ދެހެކިވެރިންނަށް ސާފުވެފައިވާކަން ކަށަވަރު ކުރަންވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

comment ކޮމެންޓް