ޕޮޒިޓިވްވި މުވައްޒަފު ފޮނުވާލީ ގެއަށް، މުޅި އާއިލާ ނުރައްކަލަށް!

ވިލިމާލެ ފެރީ ޓާމިނަލް -- ސަަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވި އެމްޓީސީސީގެ މުވައްޒަފުގެ ސާމްޕަލް ނަގައި ކަރަންޓީނުނުކޮށް، ގެއަށް ފޮނުވާލުމުން އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވިލިމާލޭ ފެރީ ޓާމިނަލުގައި މަސައްކަތް ކުރާ އެމްޓީސީސީގެ ފްރޮންޓްލައިން މުވައްޒަފަކު ހިމެނެ އެވެ. އޭނާ ފަދަ އެމްޓީސީސީގެ ފްރޮންޓްލައިން މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ދަނީ ގެއަށް ނުގޮސް އެމްޓީސީސީއިން ހަމަޖައްސާ ތަނެއްގައި ނިދައި ކައިބޮއި އުޅޭ ގޮތަށެވެ. އެއީ އެ މީހުންގެ ފަރާތުން މުޖުތަމައަށާއި، އެ މީހުންގެ އާއިލާއަށް ބަލި ފެތުރިޔަ ނުދޭން ކަމަށް އެމްޓީސީސީއިން ބުނެފައިވެ އެވެ.

ބަލީގެ އަލާމާތްތައް ފެންނާތީ ޕޮޒިޓިވްވި އެމްޓީސީސީގެ މުވައްޒަފު ރޭގެ ވަގުތެއްގައި މާލޭގައި ހުންނަ ފްލޫ ކްލިނިކަށް ދިޔަ އެވެ. އެ މީހާގެ އާއިލާއިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ ސާމްޕަލް ނެގުމަށް ފަހު ކްލިނިކުން ބެލި ޑޮކްޓަރު އެންގީ އޭނާ ގެއަށް ދިޔުމަށެވެ.

ނަމަވެސް، އޭނާ އަކީ ގެއަށް ނުގޮސް އެކަހެރިވެގެން މަސައްކަތް ކުރާ މުވައްޒަފެއް ކަމުން އެކަން ޑޮކްޓަރުގެ ސަމާލުކަމަށް ގެނައިކަމަށްވެސް އާއިލާއިން ބުންޏެވެ. އެ މައުލޫމާތު ދިނުމުންވެސް ޑޮކްޓަރު އެންގީ ގެއަށް ދިޔުމަށް ކަމަށް ޕޮޒިޓިވްވި މީހާއާ ހަވާލާދީ އޭނާގެ އާއިލާއިން ބުންޏެވެ. އަދި ދެން ހަދަންވީ ގޮތް އޭނާގެ ސުޕަވައިޒަރު ގާތުގައި އެހުމުންވެސް ބުނީ އެޗްޕީއޭއިން އަންގާ ގޮތަކަށް ހެދުމަށް ކަމަށް އާއިލާއިން ބުންޏެވެ.

"ކޮއްކޮ ވަނީ އެ މައުލޫމާތު އޭނާގެ ސުޕަވައިޒަރަށްވެސް ދީފަ. އޭނަވެސް ބުނެފައި ވަނީ އެޗްޕީއޭގެ މައްޗަށް އޭނާގެ ބަހެއް ނުވިކޭނެ ކަމަށާއި ފްލޫ ކްލިނިކުން އަންގައިފި ނަމަ ގެއަށް ދިޔުމަށް،" ޕޮޒިޓިވްވި މީހާގެ އާއިލާގެ ފަރާތުން "ސަން"އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ދާނެ އެހެން ތަނެއް ނެތުމުން އެ މީހާ ދިޔައީ ގެއަށް ކަމަށާއި އެކަމުގެ ސަބަބުން ގޭގައި ތިބި އެހެން މީހުން ކްލޯސް ކޮންޓެކްޓުންނަށްވެފައިވާކަން އާއިލާއިން ފާހަގަކުރި އެވެ. އާއިލާއިން ބުނީ އޭނާ ގެއަށް ފޮނުވާލުމުގެ ބަދަލުގައި ކަރަންޓީނު ކުރި ނަމަ އެހެން ނުވީސް ކަމަށެވެ.

"ދާނެ އެހެން ތަނެއް ނެތުމުން ކޮއްކޮ ވަނީ ރޭގަ ގެއަށް އައިސްފަ. މިއަދު ހެނދުނު އެޗްޕީއޭއިން އެންގީ ކޮއްކޮ ޕޮޒިޓިވްވި ކަމަށް. އޭނަ ގެއަށް ފޮނުވާލުމުން ގޭގައި ތިބޭ މީހުންވެސް މިހާރު ވަނީ ކްލޯސް ކޮންޓެކްޓްއަށް ވެފައި،" އާއިލާގެ މެންބަރު ބުންޏެވެ.

ޕޮޒިޓިވްވި މުވައްޒަފު އުޅޭ އެޕާޓްމެންޓުގައި އޭނާގެ އިތުރުން ދެ މީހުން ތިބެއެވެ. އޭގެ ތެރޭގައި އޭނާގެ އަންހެނުން ހިމެނެ އެވެ.

މިކަމާ ގުޅޭ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބަހެއް ނުލިބުނެވެ.

އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފާ ސީދާ ކޮންޓެކްޓުވެފައިވާ ހުރިހާ މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ. ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދާކަމަށް އާޒިމް ވިދާޅުވި އެވެ. އެހެން ނަމަވެސް މި ހާލަތުގައިވެސް ފެރީ ޓާމިނަލުން ދޭ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް