މަޓީގެ ފާޑު ކިޔުން ސަރުކާރަށް، ރިލީފް ޕެކޭޖް ކަމަކު ނުދިޔަ

މަޓީގެ އަގަރީ އާންމު ޖަލްސާގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވާ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި، "ރިލީފް ޕެކޭޖް"ގެ ތެރެއިން ޓުއަރިޒަމަށް ހާއްސަ ރިލީފް ޕެކޭޖް ކަނޑައެޅީ މޯލްޓިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އާ މަޝްވަރާ ނުކޮށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ސަރުކާރުން އިއުލާނުކުރި ރިލީފް ޕެކޭޖުތަކުން ރިސޯޓުތަކަށް ހަތް މިލިއަނާ ހަމައަށް ލޯނު ނެގޭ ގޮތަށް ވަނީ ހަމަ ޖައްސާފަ އެވެ.

ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ހިތްހަމަ ނުޖެހުންފާޅުކޮށް މިއަދު މަޓީއިން ނެރުނު ބަޔާނެއްގައި ވަނީ ޓްއަރިޒަމް ސިނާއަތަށް އެހީވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑު ކިޔާފަ އެވެ. ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް އަންނާނެ ލޮޅުން ކަމަށް ސަރުކާރުން ކުރާ އަންދާޒާތައް ހަދާފައި ވަނީ ހަގީގަތަށް ބިނާކޮށް ނޫން ކަމަށެވެ.

ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނާއި އެކި ފަންތީގެ ފަރާތްތަކުން ދާއިރާއަށް ލިބޭނެ ގެއްލުން އަންދާޒާ ކުރާއިރު، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް މަޓީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ފިޔަވަޅުތަކެއް ނާޅައިފި ނަމަ ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިން ބަނގުރޫޓުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި ކޭޝްފްލޯ މެނޭޖް ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މަޓީއިން ވަނީ ބުނެފަ އެވެ. މަޓީގެ ބަޔާނުގައި ފާހަގަ ކުރި ގޮތުގައި ޓުއަރިޒަމް އިންޑަސްޓްރީ އިހު އޮތް މަގަށް ރުޖޫއަވުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ.

ލިބިދާނެ ގެއްލުންތަކާ ބެހޭ ގޮތުން ސަރުކާރާއެކު އެކި އެކި ފޯރަމްތަކާއި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވާނެ ކަމަށާއި އަދި ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެދުނު ނަމަވެސް ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން ޓުއަރިޒަމް އިންޑަސްޓްރީއަށް ހާއްސަކޮށް އިއުލާނު ކުރި ރިލީފް ޕެކޭޖަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ގިނަ ފަރާތްތައް އެ ރިލީފް ޕެކޭޖަށް ޝަރުތު ހަމަ ނުވާ ކަމަށެވެ. ސަރުކާރުން ރިލީފް ޕެކޭޖް ދޭން ނިންމާފައިވަނީ އެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރަން ޝަތުރުކޮށްފަ އެވެ.

މަޓީއިން ގޮވާލާފައި ވަނީ އެކަމާ ގުޅިގެން ސަރުކާރުން ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ ވީހާވެސް އަވަހަށް މަޝްވަރާއަށް ދިއުމަށެވެ.

comment ކޮމެންޓް