ލޯނަށް ލުއި ދޭއިރު، ގެތަކުގެ ކުލި ކުޑަކުރަންޖެހޭ ގޮތް ހަދަނީ

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޮރިޓޯއިރަމްގެ ދަށުން ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތަކަށް ނަގާފައިވާ ލޯނުތަކަށް ބޭންކުތަކުން ލުއި ދޭއިރު ކުއްޔަށް ދޫކޮށްފައިިވާ އެޕާޓްމަންޓުތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭ ގޮތަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ހުށަހެޅިގޮތަށް، އެ ކޮމިޓީގެ ރިޕޯޓު މިއަދު ފާސްކޮށްފިއެވެ.

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިގްތިސޯދީ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓު މިހާރު ވަނީ ފާސްކޮށްފައެވެ.

ފިޔަވަޅުތައް ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ނުވަ ހުށަހެޅުމެއް ވަނީ ހިމަނައިފައެވެ.

އެގޮތުން މޮރިޓޯއިރަމްގެ ދަށުން ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތަކަށް ނަގާފައިވާ ލޯނުތަކަށް ބޭންކުތަކުން ލުއި ދީފައިިވާ ލޯނުތަކުގެ ތެރެއިން ހާއްސަކޮށް މާލޭގައި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓުތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭ ކަމަށާއި، އެފަދަ ބަދަލެއް އަންނާނެ ގޮތަށް ލުއިދިނުމަށް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ކޮވިޑް19 އާ ގުޅިގެން އެސްއެމްއީތަކަށް ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ އަދަދު، 20 ޕަސެންޓު ނުވަތަ 30 ޕަސެންޓު އިތުރުކުރުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ރިކަރަންޓު ހަރަދުތައް ހަމަޖެއްސޭނެވަރުގެ މިންވަރެއް ދިނުމަށާއި، އެ ލޯނުއަނބުރާ ދެއްކޭނެ ވިޔަފާރިތަކަށް ރިލަޔަބަލް އަމައުންޓެއް ހަމަޖެއްސުމަށް ވެސް ރިޕޯޓުގައިވެއެވެ.

އަދި ބޭންކް އޮފް މޯލްޑިވްސްގެ މޮރެޓޯރިއަމް ޕެކޭޖުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށާއި ރިސޯޓު މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާތައް ދެނެގަނެ އެ ފަރާތްތަކަށް ރިލީފް ޕެކޭޖު ފޯރުކޮށްދިނުމަށް ވެސް ރިޕޯޓުގައި ހިމަނައި، އެ ހުށަހެޅުން މިއަދު ވަނީ ފާސްކޮށްފައެވެ.

ހަމައެއާއެކު މިފްކޯގެ އިތުރުން ރާއްޖޭގައި ވެލިއު އެޑެޑް ޕްރޮޑަކްޓްތައް އުފައްދާ ފަރާތްތަކަށް އެސްއެމްއީ ލޯނު ލިބުމުގެ ފުރުސަތާއި، ކާބޯތަކެތި ހަދާ ފަރާތްތަކަށް ރިލީފް ޕެކޭޖުން ފުރުސަތު ހޯދައިދިނުމަށް ވެސް ރިޕޯޓުގަައިވެއެވެ.

ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށާއި ބޭސް އެތެރެކުރާ ފަރާތްތަކަށް ބޭނުންވާ ބޭރު ފައިސާ އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއިން އެ ފަރާތްތަކަށް ލިބޭނެކަން ކަށަވަރުކޮށްދީ އެމްއެމްއޭއިން އެކަމަށް ފިޔަވަޅު އެޅުމަށާއި ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވެންސް ދިނުމުގައި ވަޒީފާ ގެއްލޭ ފަރާތްތައް އެސެސްކުރުމަށާއި ސެލްފް އެމްޕްލޯއިޑް ފަރާތްތައް ވެސް ހިމެނޭނެ އުސޫލެއް ގެންގުޅެން ވަނީ ހިމަނައިފައެވެ.

މިއަދު ފާސްކުރި ރިޕޯޓުގައިވާ ގޮތުން ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ތަފްސީލުތަކާއި އެހީ ފޯރުކޮށްދިނުމުގައި އެސެސްކޮށްފައިވާ ގޮތުގެ ތަފްސީލުތައް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ފޮނުވަން ޖެހޭނެއެވެ.

އަދި ދައުލަތުގެ ހަރު މުދަލުގެ ދަފްތަރެއް އެކުލަވާލުމަށާއި ސަރުކާރުގެ ކުންފުނިތަކުގެ ހަރުމުދާ ރަހުނުކޮށް ނަގާ ލޯނުތަކަކީ ކޮބައިކަމާ އެ ރަހުނުގެ މުއްދަތު ހަމަވާ މުއްދަތަކީ ކޮބައިކަން އެނގޭނެ ގޮތަށް ދަފްތަރެއް އެކުލަވާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ފޮނުވަން ޖެހޭނެއެވެ.

ކޮވިޑް19 އާ ގުޅިގެން އިގްތިސޯދީ ރިލީފް ޕެކޭޖު ތަންފީޒުކުރެވެމުންދާތީ އާއި ކޮންމެ ފަނަރަ ދުވަހަކުން އެއްފަހަރު އެކަންކަމާ ގުޅޭގޮތުން ސަރުކާރުުން ހިންގާ ހަރަކާތްތަކުގެ ތަފްސީލްތަކާއި އެކަންކަން ސަރުކާރުގެ ފަރާތުން ތަންފީޒުކުރަމުންދާ ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް މިއަދު ފާސްކުރިއެވެ.

comment ކޮމެންޓް