ނަލަނަލަ ލާމަސީލު ގެމަނަފުށި، ކޮންމެހެން ޖައްސާލަންވާނެ!

ބިޔަ ރުއްތަކާއި ގަސްތަކެއްގެ ހިޔާވަހިކަމުގައި ހުއްޓިލައިގެން ހުރެ ވަށައިގެން ބަލާލިއިރު، ޒުވާން ފުރައިގެ މީހުން އެކުވެރިންނާއެކު ސަމާސަކޮށް މަޖާ ނަގާ އަޑު އިވުނެވެ. ދުވެ ސަކަރާތް ޖަހަން ބޭނުންވެފައި ތިބި ކުޑަކުދިން ގޮވައިގެން މައިންބަފައިން އައިސް ތިއްބެވެ. އުމުރުން ދުވަސްވީ މީހުން ފިނި ވައިރޯޅިއެއްގެ އުފާ ހޯދާލަން އައިސް ތިއްބެވެ. އެ އެންމެންނަށް ތިބެވޭނެ ވަރަށް އެތަނުގައި ޖޯއްޔާއި، އުނދޯއްޔާއި، ބެންޗު ޖަހާފައި ހުއްޓެވެ.

ދުރަށް ބަލާލި އިރު ފެނުނީ ނިމޭކޮޅު ހިޔާކޮށްފައި ހުރި މަޑު ރީނދޫ ކުލައިގެ ފާލަމެކެވެ. އެތަނުގައި ޖޯލިފަތިތައް ޖަހާފައި ހުއްޓެވެ. އެތަނުގައިވެސް ޒުވާނުން ހިތްހަމަ ޖައްސާލައި ހީ ސަމާސަކޮށް އުޅޭތަން ފެނުނެވެ.

އެއަށް ވުރެ ދުރަށް ކަޅި ހިންގާލިއިރު ފެނުނީ މި ރަށާއި އެއް ފަޅެއްގައި އޮންނަ ކުޑަ ކުޑަ ރީތި ރަށެކެވެ. އެ ކުޑަ ރަށަށް ޕިކްނިކް ދިޔަ އާއިލާއެއް ފަޅު ތެރެއިން ހިނގާލާފައި އައި މަންޒަރު ފެނުނެވެ. ބޮއްކުރާއަށް އަރުވާފައި ތިބި ކުޑަކުދިން މަޖާ ކުރާ އަޑު ރަށާ ހަމައަށް އިވެ އެވެ.

އަހަންނަށް ހުއްޓިލަައިގެން މި ހުރެވުނީ ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީގެ އެންމެ ހިތްފަސޭހަ ހިސާބުގަ އެވެ. އެ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ޒީރޯ ޕާކުގަ އެވެ. މިތަނަކީ މި ރަށުގެ ރީތި ކަމުގެ ކުޑަ މިސާލެކެވެ.

ވަރަށް ވަރަށް ހިތްފަސޭ

ގެމަނަފުއްޓަށް ފައިބައި ރަށު ތެރެއަށް ހިނގައިގަންނަ އިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނާނީ ސިއްހީ މަރުކަޒު ކައިރީގައި މަގެއްގެ މެދުގައި ހަދާފައި ހުރި ގަޑި ޓަވަރެވެ. ތިރީހަކަށް ފޫޓު އުސްކޮށް ހަދާފައި ހުރި އެ ގަޑީ ފަރުމާކޮށްފައި ހުރީ އަރަބި ގޮތްގަނޑަކަށެވެ. އެއީ ރަށުގެ ޒުވާން ވަޑިއެއް ކަމަށްވާ އަލީ މުރުތަޟާގެ މަސައްކަތެކެވެ.

ގެމަނަފުށީގެ ގަޑި ޓަވަރު: މިއީ އެ ރަށުގެ ވަޑިއެއް ކަމަށްވާ އަލީ މުރުތަޟާގެ މަސައްކަތެއް -- ސަން ފޮޓޯ/ މާޝާ ނައީމް

ރަށުގެ ބަނދަރުގެ ނެރުވެސް އޮންނަނީ އެހެން ރަށްރަށާ ހިލާފަށް ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ނެރުގެ ގާތަކަށް އޮންނަނީ މާ ހެދޭ ވިނަގަނޑެއް އަރުވައިފައެވެ. އަދި އެ ތަނުގައި ހުންނީ ރުއް އިންދާފައެވެ. އެ ރުއްތައް ހެދިގަތުމުން އެތަން އަދި މާ ހިތްގައިމުވާނެ އެވެ. އެ ނެރު ސަރަހައްދު ބައެއް މީހުން ކަސްރަތު ކުރަންވެސް ބޭނުން ކުރެއެވެ.

އޭގެ އިތުރުން، މާލޭގައި އާޓިފިޝަލް ބީޗް އާއި ރަސްފައްނު ހުންނަހެން ގެމަނަފުށީގެ އުތުރު ފަރާތުގައި އަދި ފެކުނު ފަރާތުގައި ބީޗް-ޕާކު ހަދާފައި ހުރެއެވެ. ޒީރޯއަކީ ދެކުނު ފަރާތުގައި ހުންނަ ޕާކެވެ. އުތުރު ފަރާތުގައި ހުންނަނީ "މާރެހާ ވިއު" ކިޔާ ޕާކެކެވެ. ރަށުގެ ޒުވާނުން ތަރައްގީކޮށްފައިވާ މި ދެ ތަނުގައި ޖޯއްޔާއި، އުނދޯއްޔާއި، ބެންޗާއި، ކުޑަކުދިން ކުޅޭނެ ތަންތަނާއި، ބާބެކިއު ހަދާނެ ތަންތަނާއި، ޓީވީ ބަލަން ޖައްސާލައިގެން ތިބޭނެ ހަޓުތައް ހުރެއެވެ. ޒީރޯގައި ހިޔާކޮށް، ޖޯލި ޖަހާފައި ހުންނަ ފާލަމެއްވެސް ހުރެއެވެ.

މި ދެ ބީޗު ޕާކުގެ އެންމެ ހިތްގައިމު ކަމަކީ އެ ތަންތަނުން ޖެހޭ ފިނި ވައެވެ. އަދި އެ ދެ ތަނުން ފެންނަ ރީތި ގުދުރަތީ މަންޒަރުތަކެވެ. ޒީރޯގައި ޖައްސާލައިގެން ތިބޭ އިރު ފެންނަ ކުޑަ ރަށަށް ކިޔަނީ ކޮޑަފެހެލާއެވެ. ދިޔަވަރު ހިކި އިރު އެ ރަށަށް ހިނގާފައިވެސް ދެވިދާނެއެވެ. ބައެއް އާއިލާތައް އެ ރަށަށް ޕިކްނިކް ދެއެވެ. މާރެހާ ވިއުއިން ފެންނަން ހުންނަނީ މާރެހާ ކިޔާ ފަޅު ރަށެކެވެ. އެއީ މީގެ ޒަމާންތަކެއް ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ ބައެއް އާއިލާތައް ދިރިއުޅުން ބަދަލުކުރީ ގެމަނަފުއްޓަށެވެ.

ގެމަނަފުށީ ދެކުނު ފަރާތުގައި އޮންނަ "ޒީރޯ" ބީޗް ޕާކު: ދުރުން ފެންނަނީ ގެމަނަފުއްޓާ އެއް ފަޅެއްގައި އޮންނަ ކޮޑަފެހެލާ ކިޔާ ފަޅު ރަށް -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ގެމަނަފުށި "ޒީރޯ" ގައި ހުންނަ ފާލަން: މިއީވެސް ޒުވާނުން ހިތްހަމަޖައްސާލަން ދާ ތަނެއް -- ސަން ފޮޓޯ/ މާޝާ ނައީމް

ރަށުގެ ދެކުނު ފަރާތުގައި ސަންރައިސް ބީޗް ކިޔާތަނެއްވެސް އޮވެއެވެ. އެ ތަނުން ކައިރީގައި އޮންނަ ބޮޑު ފަޅު ރަށެއް ކަމަށްވާ ބިހުރެހާ އާއި އެ ރަށް ކައިރީގައި އޮންނަ ފަޅުރަށްތަށް ފެނެއެވެ. ސަން ރައިސް އަދި ސަންސެޓު ބަލަން ބައެއް މީހުން އެތަނަށް ދެއެވެ.

މި ހުރިހާ ތަނެއްވެސް ސާފު ތާހިރުކޮށް ބެހެއްޓުމަށް ރައްޔިތުން މަސައްކަތް ކުރެއެވެ. ކުނި ބުނި އަޅަނީ އެ ތަންތަނުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކަށެވެ. އަދި ޑަސްބިންތަކަށް ކުނި އަޅަން ހަނދާންކޮށްދޭން އެކި ތަންތަނުގައި ބޯޑު ބަހައްޓާފައި ހުރެއެވެ. މީގެ އިތުރުން ރަށް އިތުރަށް ޒީނަތްތެރި ކުރުމަށް ރަށުގައި ހުރި ބޮޑެތި ކުނިތައް ނެގުމަށް، އެންމެ ގިނައިން ކުނި ނަގާ ޓީމަކަށް އިނާމުދޭ ގޮތަށް ކައުންސިލުން ކުނި ނެގުމުގެ މުބާރާތްތައްވެސް ބާއްވައެވެ. މި ހުރިހާ ކަމަކީ ރަށުގެ އެންމެ މުހިންމު ޝިއާރު "ސާފު ގެމަނަހުއްޓާ، ރީތި ގެމަނަހުއްޓާ" ނުވަތަ ސާފު ގެމަނަފުށި، ރީތި ގެމަނަފުށިގެ ދަށުން ކުރާ މަސައްކަތްތަކެވެ.

މުސްތަގުބަލުގައިވެސް ރަށުގައި އިތުރު ހިތްފަސޭހަ ތަންތަން ހެދުމުގެ ވިސްނުން އެބައޮތެވެ. އެ ގޮތުން ޕެރަޑައިސް ކިޔާ ބީޗް ޕާކެއް އަދި ނޭޗާ ޕާކެއް ހެދުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. ޕެރަޑައިސް ތަރައްގީ ކުރަން ވިސްނާފައި އޮތީ ޒީރޯ އަދި މާރެހާ ވިއު ފަދަ ގޮތަކަށެވެ. ނޭޗާ ޕާކް ހަދަން ވިސްނާފައި އޮތީ ތަފާތު ބާވަތް ބާވަތުގެ ގަސްތައް އިންދައި، އެތަނުގައި ދޮންދީނި އާލާކޮށްގެންނެވެ

ގެމަނަފުށީ "މާރެހާ ވިއު" ޕާކުގައި ކުނި ނާޅަން ހަނދާންކޮށްދޭން ޖަހާފައި ހުރި ބޯޑެއް -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ގެމަނަފުށީ ނެރު: ގާތަނަށް ވިނަ އަރުވައި، ރުއް އިންދާފައިވާ މި ތަނަކީ މީހުން ކަސްރަތު ކުރަން ބޭނުން ކުރާ ތަނެއް -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

މި ހުރިހާ ތަނެއްވެސް ރަށުގައި ތަރައްގީކޮށްފައި ވަނީ ރަށް ހިތްފަސޭހަ ކުރުމުގެ އިތުރުން ރަށުގެ އިގްތިސާދުވެސް ފުޅާ ކުރުމުގެ ވިސްނުމެއްގައެވެ. މިހާރު ގެމަނަފުށީގެ އިގްތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަސްވެރިކަމެވެ. ނަމަވެސް، އެ ރަށުގެ ކައުންސިލުގެ ވިސްނުމަކަށްވެފައި އޮތީ ރަށަށް ލޯކަލް ޓޫރިޒަމް ތައާރަފުކޮށް ރަށް އިތުރަށް ތިޔާގި ކުރުމެވެ. އެ މަގުން ކުރިއަށް ދިޔުމަށް "ވިޒިޓް ގެމަނަފުށި"ގެ ނަމުގައި ރަށް ޕްރޮމޯޓު ކުރުމުުގެ މަސައްކަތްވެސް ކައުންސިލުން ކުރެއެވެ. ނަމަވެސް، އަދި އެ ރަށުގައި ގެސްޓްހައުސްތައް ނިސްބަތުން މަދެވެ.

ނަމޫނާ ޒުވާނުންތަކެއް

ގެމަަނަފުށި ހިތްފަސޭހަ ރީތި ތަނަކަށް ހެދުމުގައި އެންމެ ބޮޑު ހިއްސާދާރުންނަކީ އެ ރަށުގެ ޒުވާނުންނެވެ. އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ޝިޔާންވެސް އެކަން ފާހަގަކުރައްވައެވެ. އޭނާ ވިދާޅުވީ، އެ ރަށުގެ ޒުވާނުންނަކީ އަބަދުވެސް ނަމޫނާ ދައްކާ ބައެއް ކަމަށެވެ.

"ރަށުގެ ޒުވާނުން ވަރަށް ހިލޭސާބަހަށް ކަންތައްތައްކޮށްދޭނެ. މި ރަށްރަށުގައި ނެތިފައި އޮތް އާދައެއް އެއީ ވަރަށް ބޮޑަށް. ވަކިން ހާއްސަކޮށް، ޒުވާނުން ނުކުމެ ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތައް އެއީ ހަގީގަތުގައި ވަރަށް ބޮޑަށް ބަލައިގަންނަން ޖެހޭ ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

ގެމަނަފުށީގައި އޮންނަ "މާރެހާ ވިއު" ޕާކްގެ އުނދޯއްޔެއްގައި އަންހެނަކު: ދުރުން އެ ފެންނަނީ މާރެހާ ކިޔާ ފަޅު ރަށް -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ރަށު ކައުންސިލުގެ ޒިންމާދާރު ވެރިޔާ މުހައްމަދު ޝިޔާމް ވިދާޅުވީ، ރަށަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ކިޔަވައިގެން އައިސް ޒުވާނުން ރަށުގައި ވަޒީފާ އަދާކުރަން އައުުން ކަމަށެވެ. ކިޔަވައިގެން އައިސް ވަޒީފާ ނުލިބިފައި އަދިވެސް އެތައް ބަޔަކު ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބައެއް ރަށްރަށުގައި ނަރުހުންގެ ގޮތުގައިވެސް ތިބޭނީ ބިދޭސީން. ޓީޗަރުންގެ ގޮތުގައިވެސް ގިނަވާނީ ބިދޭސީން. އެ ރަށްރަށުގައި ތައުލީމީ މީހުން ނެތިގެންނެއް ނޫން. މި ދިމާވާ މައްސަލައަކީ ކިޔަވައިގެން އެ މީހުން ހިޖުރަ ކުރަނީ މާލެއަށް މާލެއާ ކައިރިއަށް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރަށުގައި މިހާރުވެސް އެބަ ތިބި އެތައް ބައިވަރު ނަރުހުންނެއް ކިޔަވައިގެން ރަށުން ވަޒީފާ ނުލިބިގެން. އެތައް ބައިވަރު ޓީޗަރުން ކިޔަވައިގެން ރަށުން ވަޒީފާ ނުލިބިގެން. މާލެ ދާކަށް ބޭނުމެއް ނޫން،" މުހައްމަދު ޝިޔާމް ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުން އަދި ހާއްސަކޮށް ޒުވާނުން ރަށަށް ލޯބި ޖެއްސުމާ ގުޅޭ މަސައްކަތްވެސް ކައުންސިލުން ކުރަނީ ހާއްސަ ޝިއާރެއްގެ ދަށުންނެވެ.. އެ ޝިއާރަކީ "ރަޓު ރޫހު" ނުވަތަ ރަށު ރޫހު އެވެ.

އެއްބައިވަންތަ ރައްޔިތުންތަކެއް

ހދ. ކުޅުދުއްފުއްޓަށް ނިސްވަތްވާ ނަޖްލާ ޒަކަރިއްޔާ (ނަޖް) ގެމަނަފުއްޓަށް ދިރިއުޅުން ބަދަލު ކުރިތާ މިހާރު އަހަރެއް ވަނީއެވެ. އެ ރަށަކީ އޭނާގެ ފިރިމީހާގެ ރަށެވެ. ބައެއް އަސާސީ ހިދުމަތްތައް ލިބުން ދައްޗަސް، ނަޖްގެ ތަޖުރިބާގައި ގެމަނަފުށީގެ ދިރިއުޅުން މާ ހިތްފަސޭހައެވެ. އޭނާ މިހާރު ހުރީ އެ ރަށަށް ލޯބި ޖެހިފައެވެ. ނަޖް އޭނާގެ ބްލޮގް "ނަޖްވެންޗާސް.ކޮމް"ގައި ލިޔެފައިވާ ގޮތުން އެ ރަށަށް ބަަދަލުވުމަކީ އޭނާ ނިންމި އެންމެ ރަނގަޅު އެއް ނިންމުމެވެ.

ނަޖް ކައިރީގައި ގެމަނަފުށީގެ ވާހަކަ އަހާލުމުން ދެއްކީ ގެމަނަފުށީގެ ރީތި ވާހަކައެވެ. އަދި ރަށުގެ ރައްޔިތުންގެ އެއްބައިވަންތަ ރީތި އާދަތަކުގެ ވާހަކައެވެ. ނަޖްގެ ބްލޮގުގައިވެސް އޭނާ ލިޔެފައި ވަނީ އެ ރަށުގައި "އެންމެންނަކީ އެކަކު އަނެކަކުގެ ރަހުމަތްތެރިން" ކަމަށެވެ.

ގެމަނަފުށީގެ ކުޑަކުދިންތަކެއް މޫދުގައި ކުޅެނީ: މި ރަށުގައި ކުޑަކުދިން ހިތްހަމަޖައްސާލަން ދާނެ ގިނަ ތަންތަން ހުރޭ -- ސަން ފޮޓޯ/ މާޝާ ނައީމް

"މިސާލަކަށް ކައިރި އަވަށްޓެރިން އެއް މަސައްކަތް ކުރާއިރުގައި ހެލްޕު ކުރުމާއި، މަސް ބާނައިގެން އަންނަ އިރު ގެ ކައިރިގެއަކަށް މަސް ދިނުމާއި، ގެއެއްގެ ގަހެއްގައި އަޅާ އެއްޗެހި ނަގާއިރުގައި އެއްޗެހި ބިންނަ އިރު އެންމެނަށް ބެހުމާއި، ދަނޑުހައްދާއިރުވެސް އެންމެން އެއްކޮށް ވޯކް ކުރުމާއި އެހަކަ ކަންތައްތައް ފާހަގަކުރެވޭ،" ނަޖް ކިޔައިދިނެވެ.

ބައެއް ރަށްރަށުން ގެއްލިފައިވާ ރޫހާއި ދިރުން އަދިވެސް ގެމަނަފުށިން ފެނެއެވެ. ހަވީރު ކުޑަކުދިން މަގުތަކަށް ނުކުމެ ކުޅެ ހަދައެވެ. ޒުވާނުން ހަވީރު ފިންޏަށް ބުރުޖަހަން އަދި އާއިލާތައް ހިނގާލަން ދެއެވެ. ރަށުގެ މަގުތަކުގައި ހުންނަ ގަސްގަހުގެ ހިޔަލުގައި ޖޯލި ބަހައްޓައިގެން އެކި އުމުރުފުރާތަކުގެ މީހުން ރަހުމަތްތެރިންނާއެކު ހީ ސަމާސަކޮށް އުޅެއެވެ.

ހިޖުރަ ކުރާ ރޭޓު ދަށް

ގެމަނަފުއްޓަކީ މުޅި ރާއްޖޭގައިވެސް އާބާދީގެ ނިސްބަތުން އެންމެ މަދުން މީހުން ހިޖުރަކޮށްފައިވާ އެއް ރަށެވެ. އެ ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 1800 އެވެ. ކައުންސިލުން ބުނި ގޮތުގައި އެންމެ ފަހުން ހެދި ބޯހިމެނުމުންވެސް ރަށުގައި 1500އެއްހާ މީހުން އުޅޭ ކަމަށް ދައްކައެވެ.

"އަޅުގަނޑުމެންނަށް ވުރެ އާބާދީ ބޮޑު ރަށެއް މި އަތޮޅު ދާންދޫ އަކީ. ދާންދޫ ސްކޫލުގައި އުޅެނީ 200 ވަރަކަށް ކުދިން. މި ރަށުގައި 400އާ ކައިރިވާ ވަރަށް ކުދިން ތައުލީމު ހާސިލު ކުރޭ. އެހެން ދިމާވާ ސަބަބަކީވެސް އަޅުގަނޑުމެންގެ އިގްތިސާދު ތަންކޮޅެއް ރަނގަޅު މަސްވެރިކަމުން ފައިސާ ވަންނާތީ،" ކައުންސިލުގެ ޒިންމާދާރު ވެރިޔާ ޝިޔާމް ވިދާޅުވިއެވެ.

ގެމަނަފުށީ އުތުރު ފަރާތުގައި އޮންނަ "މާރެހާ ވިއު" ޕާކުގައި ކުޑަކުދިންތަކެއް ކުޅެނީ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ގެމަނަފުއްޓަކީ މަސްވެރި ރަށެކެވެ. އެއީ އެ ރަށުގެ ފަހުރެވެ. އެ ރަށުގައި 11 މަސް ދޯނި އޮވެއެވެ. ކޮންމެ ދޯންޏެއްގައި 25އަކަށް މީހުން އުޅެއެވެ. މަސްވެރިކަމުން ލައްކައިން ލައްކައިން ލިބޭ ފައިސާ ރަށުގެ އިގްތިސާދު ތެރޭގައި ދައުރުވާތީ ރަށް ތިޔާއްގެވެ. ރަށުގެ ޒުވާނުން ކިޔަވައިގެން އައިސްވެސް ކުރަނީ މަސްވެރިކަމެވެ.

މިހާރުވެސް ގެމަނަފުށީގައި މާލޭ ބިޒްނަސް ސްކޫލުގެ ކޯސްތައް ކުރިއަށްދެ އެވެ. ގެމަނަފުށީ ކައުންސިލުގެ ވިސްނުމަކީ އަދިވެސް ރަށުން ކޯސްތައް ލިބޭނެ މިންވަރު އިތުރުކޮށް، ޒުވާނުން ރަށުގައި ތިބުމަށް ހިތްވަރު ދިނުމެވެ. މިއީ ރަށުގެ އެއް ޝިއާރު ކަމަށްވާ "މާ ކޭވަންނާ ރަޓުލައި" (މަ ކިޔަވާނީ ރަށު)ގެ ދަށުން ކުރާ މަސައްކަތެއް ކަމަށް ކައުންސިލުން ބުންޏެވެ. މިއީ ރާއްޖޭގެ އެހެން ރަށްތަކުން ނަމޫނާއަކަށް ބަލަންވީ ރަށެކެވެ. މި ރަށުގެ ނަމޫނާ ބަލައިލަން ކޮންމެހެން ވެސް މި ރަށަށް ޖައްސާލަންވާނެ އެވެ.

comment ކޮމެންޓް