ޗައިނާ ކުންފުނިން އަޅައިދޭ ލޭބާ ކުއާޓަރުގެ 68 ޕަސެންޓް ނިމިއްޖެ

ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައިދޭ ލޭބާ ކުއާޓަރު -- ފޮޓޯ: އެޗްޑީސީ

ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައިދޭ ލޭބާ ކުއާޓަރުގެ 68 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެޗްޑީސީ އިން ބުނީ މި މަސައްކަތް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ސީއެސްސީއީސީ ކުންފުނިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަތަރު ފެބްރިކޭޓެޑް ސްޓީލް ސްޓްރަކްޗާ ގާއިމް ކޮށްދޭނެއެވެ. މީގެ އިތުރުން ބަދިގެ އަށް ހާއްސަ ބްލޮކަކާއި ފާހާނާ ބަރިއެއްވެސް ގާއިމް ކުރާނެއެވެ.

މި ލޭބާ ކުއާޓަރުގައި 800 މީހުން އެކޮމޮޑޭޓް ކުރެވޭނެއެވެ. މި ލޭބާ ކުއާޓާރު ގާއިމް ކުރަނީ ރެކްރިއޭޝަން ސަރަހައްދަކާވެސް އެކުއެވެ.

މީގެއިތުރުންް ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައުގެން މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ.

ރާޖޭގައި މިހާތަނަށް 573 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭގައި ތޮއްޖެހިގެން އެކި ތަންތަނުގައި އުޅޭ ބިދޭސިން ގިނައަދަދަކަށް ހިމެނެއެވެ.

ސަރުކާރުން ދަނީ މި ފަދަ ތަންތަނުގައި އުޅޭ މީހުން ސަރުކާރުގެ ފެސިލިތީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް