ނަރުދޫއިން ނެގި 41 ސާމްޕަލެއް ނެގެޓިވް، ކޮންޓެކްޓް ޓްރޭސިން އަދިވެސް ކުރިއަށް

ށ. ނަރުދޫގެ މަގުތައް ފަޅުވެފައި: އެ ރަށުގެ ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރާ ކަމަށް ޓާސްކްފޯސްއިން ބުނޭ -- ޓާސްކްފޯސް

ށ. ނަރުދޫއިން ކޮވިޑް-19އަށް ޓެސްޓު ކުރި 52 މީހުންގެ ތެރެއިން މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވި މީހުން ފިޔަވައި އެންމެންގެ ނަތީޖާ ނެގަޓިވްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ނަރުދޫއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 11 މީހުންނެވެ. އެއީ މިިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން ދަތުރު ކުރި "އަމާޒު" ބޯޓުގެ ކެޕްޓަނާއި، ކެޕްޓަނާއެކު އެއް ގެއެއްގައި އުޅޭ އޭނާގެ އާއިލާގެ މީހުންނާއި، އަމާޒު ބޯޓުގެ ދެ ކްރޫއިންނާއި އެ މީހުންނާ އެެއް ގެއެއްގައި އުޅޭ މީހުންނެވެ.

ނަރުދޫ ކައުންސިލުގެ ރައީސް، އަހުމަދު އާރިފް "ސަން"އަށް ވިދާޅުވީ، ނަރުދޫއިން ނެގި 52 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 11 މީހުން ފިޔަވައި ދެން ހުރި 41 ސާމްޕަލް ނެގަޓިވްވެފައިވާ ކަމަށެވެ.

އެހެންނަމަވެސް، އަދިވެސް ރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައި ނުވާ ކަމަށް އާރިފް ވިދާޅުވިއެވެ.

ނަރުދޫގެ ޓާސްކްފޯހުގައި އިސްކޮށް ހަރަކާތްތެރިވާ މޫސާ ހުސެއިންފުޅު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ނަރުދޫގައި ކޮވިޑް-19 ފެތުރިފައި ވަނީ އަމާޒު ބޯޓުގެ ތިން މީހުން އުޅޭ ގެތަކުގެ ތެރޭގައި ކަމަށެވެ. މޫސަ ވިދާޅުވި ގޮތުގައި އަމާޒު ބޯޓުގެ ކެޕްޓަންއާ އެކު އޭނާގެ ގެއިން ހަ މީހަކު ވައިރަސްއަށް ޕޮޒިޓިވްވި އެވެ. އަދި ޕޮޒިޓިވްވި ކްރޫއިންގެ ތެރެއިން އެކަކުގެ ގެއިން އޭނާއާއެކު އިތުރު މީހުން ޕޮޒިޓިވްވި އިރު، އަނެއް މީހާގެ ގެއިން އިތުރު މީހަކު ޕޮޒިޓިވްވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ނަރުދޫގެ ރައްޔިތުން ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދެއެވެ. ގެތަކުގެ ބޭރުން އެހެން މީހުންނާ ކޮންޓެކްޓުވެފައި ހުރީ މަދުން ކަމަށާއި، ދެން ކޮންޓެކްޓުވެފައި ހުރީ ހެލްތު ސެންޓަރުގެ ބިދޭސީ ސްޓާފުންނާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރިޔަނުދިނުމަށް، ސަރުކާރުން ވަނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި ޕޮޒިޓިވް ކޭސްތައް ފެންނަ ރަށްތަށް ދަނީ ލޮކްޑައުން ކުރަމުންނެވެ. އަމާޒު ބޯޓު ނަރުދޫއަށް ފުރީ، އެންމެ ގިނަ ކޭސްތައް ފެނުނު މާލެ ލޮކްޑައުން ކުރި ދުވަހު އެވެ.

comment ކޮމެންޓް