މި ހާލަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅުމަށް އަމިއްލަ ފަރާތްތަކުން ކުއްޔަށްދޫކޮށްފައިވާ ފްލެޓްތަކުގެ މަހު ކުލި އެއްކޮށް ނުދެއްކުނު ނަމަވެސް، އެތަންތަނުން ނުނެރެވޭ ގޮތަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ "ކޮވިޑް19 އެހީތެރިިކަމުގެ ބިލު" ގައި ހިމަނައިފި އެވެ.
ސައީދު މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ނެތިދިއުމުގެ ބިރު ބޮޑުވެފައިިވާ ކަމަށާއި އެތައް ހާސް އާއިލާއެއް ނިކަމެތިވެ ހާލުގައިޖެހެމުން އަންނާތީ، އެފަރާތްތަކަށް އަވަސް ލުއިތަކެއް ހޯދައިދިނުމަށް އެދި އެވެ.
ނަމަވެސް އެ ބިލުގައި ދައުލަތުގެ މާލިއްޔާއަށް އަސަރުކުރާ ފަދަ މާއްދާތަކެއް ހުރުމުން، އެ މާއްދާތައް ބަދަލުކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައެއް ނުވެ އެވެ.
ސައީދު ހުށަހެޅުއްވި ބިލުގައި ވިދާޅުވެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭރު ދަތުރުފަތުރަށް ހުޅުވެންދެން، އަމިއްލަ ތަންތަނަށް، ކޮންމެ މަހެއްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ 50 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއް ނުދެއްކުމުގެ ސަބަބުން އެފަދަ ފަރާތެއް، ކުއްޔަށްދޫކޮށްފައިވާ ތަނަކުން ބޭރުކޮށްގެންނުވާނެ ކަމަށެވެ.
އެ މާއްދާގެ ދަށުން ނުދެއްކިވާ 50 ޕަސެންޓު ފައިސާ، ގޭގެ ވެރިފަރާތަށް ފަހުން ލިބޭނެ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
ބިލުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސް، ބޭރުގެ ދަތުރުފަތުރަށް ވައިިގެ ބަނދަރު ހުޅުވާ ދުވަހުން ފެށިގެން 10 މަސް ދުވަހުގެތެރޭގައި ކުއްޔަށްދީފައިވާ ތަނުގެ ވެރިފަރާތަށް ދީ ހަލާސްކުރަންވާނެ ކަމަށެވެ.
ނަމަވެސް ކުއްޔަށްދީފައިވާ މުއްދަތުގެ ބާކީއޮތް މުއްދަތު 10 މަހަށް ވުރެ ކުޑަނަމަ، ފަސްކުރެވުނު ކުލި، ކުލީގެ ބާކީ މުއްދަތުގައި ދައްކާ ހަލާސްކުރަން ވާނެ ކަމަށެވެ.
ސައީދު މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި އިރު، ކޮވިޑް19 ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާގެ ހާލަތަށާއި، އާމްދަނީއަށް ބަދަލު އައުމުގެ ސަބަބުން ގޭގެ ކުލި ދައްކަން ވަނީ ނުކުޅެދިފައެވެ. އަދި ބައެއް ގޭގެ ވެރިިފަރާތުން އަންނަނީ، އެމީހުން ގެއިން ބޭރުކުރަމުންނެވެ.
މީގެ އިތުރުން މި ބިލު މަޖިލީހުން ފާސްވެ، ގާނޫނަކަށްވާ ދުވަހުން ފެށިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދައުލަތުން ވިއްކާފައިވާ ފްލެޓުތަކުގެ އަގުގެ 50 ޕަސެންޓު، ހަ މަސް ދުވަހުގެ މުއްދަތަށް ފަސްކުރެވުނީ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
އެގޮތަށް ފަސްކުރެވޭ އަގުގެ 50 ޕަސެންޓު، އެ ފްލެޓެއްގެ ލޯނުގެ ބާކީއޮންނަ މުއްދަތަށް، ހަމަހަމަ އުސޫލަކަށް ބަހާލާނީއެވެ.
ހަމައެއާއެކު ދައުލަތުގެ އެކިއެކި އިދާރާތަކުން ދޫކޮށްފައިވާ ވިޔަފާރި ބިންތަކުގެ ކުލީގެ 50 ޕަސެންޓު ހަ މަސް ދުވަހަށް ފަސް ކުރުމަށާއި، ދަނޑުވެރި ބިންތަކުގެ ކުލީގެ 50 ޕަސެންޓު ހަ މަސް ދުވަހަށް މައާފުކޮށްދިނުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް އެއާޕޯޓު ބޭރުގެ ދަތުރުފަތުރަށް ހުޅުވާ ދުވަހުން ފެށިގެން 90 ދުވަސް ވަންދެން، ފަތުރުވެރިކަމަށް ދޫކޮށްފައިވާ އެންމެހާ ރިސޯޓުތަކާއި ބިންތަކުގެ ކުލި ފަސްކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.
ފަތުރުވެރި ބިންތަކުން ފަސްކުރެވޭ ކުލި ދައްކަން ފަށާނީ ބޭރުގެ
ދަތުރުފަތުރަށް އެއާޕޯޓު ހުޅުވާދުވަހުން ފެށިގެން 48 މަސް ދުވަހުގެ ތެރޭގައި، ހަމަހަމަ އުސޫލުން ބަހާ، ކޮންމެ މަހަކަށް ޖެހޭ މިންވަރު، އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކާ
ހަލާސްކުރާ ގޮތަށެވެ. ފަސްކުރާ ކުލި އަނބުރާ ދައްކާއިރު، ކުލީގެ އިތުރުން ފަސް ޕަސެންޓު އިންޓްރެސްޓް ދައްކަންޖެހޭނެއެވެ.
ބިލުގައި ބުނެފައި ވަނީ ކުލި ފަސްކޮށްދެވޭނީ އެ ރިސޯޓެއްގެ ނުވަތަ އެ ހޮޓަލެއްގެ ނުވަތަ އެ ގެސްޓުހައުސްގެ މުވައްޒަފަކު ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ އިގްތިސޯދީ ދަތިތަކާއި ގުޅިގެން ވަޒީފާއިން ވަކިނުކުރުމާއެކު އެއިން އެއްވެސް
މުވައްޒަފެއްގެ އަސާސީ މުސާރަ ކުޑަކޮށްފައިނުވާ ފަރާތްތަކަށް އެކަންޏެވެ.
މީގެެ އިތުރުން ކޮވިޑް 19 އާގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް، ސަރުކާރު ރަސްމީކޮށް ހުޅުވާ އަދި އާންމު ދިރިއުޅުމަށް ގެނެސްފައިވާ ހުރަސްތައް ނިމުމަކަށް ގެންނަ ދުވަހުން ފެށިގެން 90 ދުވަސް ވަންދެން ފަރުދުންނާއި ވިޔަފާރިތަކުން، މޯލްޑިވްސް އިންލެންޑް އޮތޯރިޓީއަށް، ހުށަހަޅަންޖެހޭ ޓެކްސްއާއި އެންމެހާ ރިޕޯޓެއް ފަސްކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.
ޕެންޝަން ފަންޑުން ފައިސާ ނެގޭނެ އުސޫލެއް!
ކޮވިޑް19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިިވާ މާލީ ދަތިކަމުން އަރައިގަތުމަށް، މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ދިވެހި ކޮންމެ ރަޢްޔިތެއްގެ ނަމުގައި ޕެންޝަން ފަންޑަށް ޖަމާކޮށްފައިވާ ޖުމްލަ ފައިސާ ގެ ތިންބައިކުޅަ އެއްބައި، އެ ރައްޔިތަކަށް، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރަން ބިލުގައި ހުށަހަޅާފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ އެ ފައިސާ ދޫކުރަން ވާނީ ތިން
އިންސްޓޯލްމަންޓަށް ބަހާލައިގެން ކޮންމެ އިންސްޓޯލްމަންޓެއްވެސް 30 ދުވަހަށްވުރެ ގިނަދުވަސް ނުވާނޭގޮތުގެ މަތިން ކަމަށެވެ.
އަދި ބިލު ގާނޫނަކަށްވެ، ތަސްދީގުކުރައްވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައި ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ދޫކުރަންވާނެ ކަމަށް ވެސް ބިލުގައިވެއެވެ.
ޕެންޝަން ސްކީމުގެ ފައިސާ ދުކުރާނީ އެފަރާތެއްގެ
ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށެވެ. އެކައުންޓެއް ނެތް ފަރާތެއް ނަމަ ފައިސާ ދޫކުރާނީ އެފަރާތަކުން ލިޔުމުން ކަނޑައަޅާ ފަރާތެއްގެ އެކައުންޓަށް ނުވަތަ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރާ ޗެކަކުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް އެއާޕޯޓު ބޭރުގެ ދަތުރުފަތުރަށް ހުޅުވާދުވަހުން ފެށިގެން 90 ދުވަސް ވަންދެން ދިވެހި ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށާއި، ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް، ދިވެހި މަސްވެރިންނަށް ފައިދާއަކާއި ނުލައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް ދައުލަތުން ހަމަޖައްސަން ވެސް ބިލުގައި ހިމެނާފައިވެއެވެ.
އަދި ދިވެހި މަސްވެރިން ބާނާ މަހުގެ ތެރެއިން
އެކްސްޕޯޓު ކުރުމަށްޓަކައި ނުވަތަ ޕްރޮސެސް ކުރުމަށްޓަކައި މަސް ގަންނަ ދައުލަތުގެ ކުންފުނިތަކުންނާއި އަދި ޕްރައިވެޓް ކުންފުނިތަކުން އެ ގަންނަ މަހުގެ އަގު ލަސްވެގެން 48 ގަޑިއިރުތެރޭގައި އެ ވިއްކާފަރާތަށް ލިބޭނޭ އިންތިޒާމު ވެސް ދައުލަތުން ހަމަޖައްސަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.