ސިންގަޕޫރުގެ ބިލިއަނަރު އޮންގް ރާއްޖެއަށް ހަދިޔާކުރި 15 ވެންޓިލޭޓަރު ގެނެސްފި

ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަރޓީސް ޕްރޮޕަޓީސް ލިމިޓެޑްގެ ވެރިޔާ އަދި ބިލިއަނަރު އޮންގް ބެންގް ސެންގް ---ފޮޓޯ/ ސްޕައިކިންގް.ކޮމް

ސިންގަޕޫރުގެ ބިލިއަނަރެއްކަމުގައިވާ އޮންގް ބެންގް ސެންގް ހަދިޔާކުރި 15 ވެންޓިލޭޓަރު ރާއްޖެއަށް ގެނެސްފިއެވެ.

ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ އޯނަރު އަދި ބިލިއަނަރު އޮންގް ރާއްޖެއަށް ހަދިޔާކުރި މި ވެންޓިލޭޓަރުތައް މިއަދު ލިބިފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޓްވީޓުކުރައްވާފައެވެ.

ކޮރޯނާވައިރަހުގެ ބިރުވެރިކަން ރާއްޖޭގައި އުފެދިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި ބޭރުގެ އެކި ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވެންޓިލޭޓަރުތަކުގެ އިތުރުން އޮންގް ވަނީ ރާއްޖެއަށް 150،000 ފޭސް މާސްކްވެސް ހަދިޔާކުރުމަށް ނިންމައިފައެވެ. މި މާސްކްތައް މި މަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް ލިބޭނެވަރުވާނޭކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވަނީ ހަދިޔާކުރި ވެންޓިލޭޓަރުތަކަށްޓަކައި އޮންގްއަށް ޝުކުރު އަދާކުރައްވާފަވެ. އަދި ވެދެއްވި އެހީތަކުގެ މަތިން ދުވަހަކުވެސް ހަދާން ނައްތާނުލެވޭނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މި ވެންޓިލޭޓަރުތަކުގެ އިތުރުން ސިންގަޕޫރުގެ ހިއަޕް ހުއަތް ޕެއިންޓް ކުންފުނީގެ ވެރިޔާ އެންޖީ ސްވާން މީން ރާއްޖެއަށް ހަދިޔާކުރެއްވި 5000 ފޭސްމާސްކްވެސް ލިބިފައިވާ ކަމަށެވެ. އަދި އޭނާއަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ކޮވިޑް-19ގެ ފަރުވާއަށް މަސައްކަތްކުރުމަށްޓަކައި ރާއްޖެއިން ދަނީ 135 ވެންޓިލޭޓަރާއި 14 ޕޯޓެބަލް ވެންޓިލޭޓަރު ހޯދަމުންނެވެ. އޭގެތެރެއިން ހަ ޕޯޓެބަލް ވެންޓިލޭޓަރު މިހާތަނަށް ލިބިފައިވާ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.

comment ކޮމެންޓް