ފެންފުށީގައި ފުލުހުންނަށް އިންޒާރުދީ މުދަލަށް ގެއްލުން ދިން ގްރޫޕެއް ހައްޔަރުކޮށްފި

އދ. ފެންފުށި

އދ. ފެންފުށީގައި މަސައްކަތް ކުރާ ފުލުހުންނަށް އިންޒާރުދީ، ފުލުހުންގެ މުދަލަށް ގެއްލުންދިން ހަތް މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ގްރޫޕުން ފުލުހުންނަށް އިންޒާރުދީފައި ވަނީ މި މަހުގެ ދެވަނަ ދުވަހުގެރޭ 23:30 ހާއިރު ފެންފުށީ ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެމީހުން ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެ، ފުލުހުންނަށް ބިރުދައްކައި އިންޒާރުދީފައި ވަނީ އެރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު މަގުމަތިން ހުއްޓުވައި ޗެކު ކުރުން ގިނަވުމާއި، މާލެ ނުވަތަ އެހެން ރަށަކުން ފެންފުށްޓަށް ގެންދާ ފޮށިގަނޑުތަކުގެ ތެރޭގައި އެމީހުންނަށް ނިސްބަތްވާ ތަކެތި ނަގައި ޗެކް ކުރާކަމަށް ބުނެ އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އެގޮތުން އެމީހުން ވަނީ ސްޓޭޝަން ދޮރު ހަލާކުކޮށްލައިފައެވެ.

މި މައްސަލައާ ގުޅިގެން ހަމަ އެ ރޭ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެކަކު ހައްޔަރުކޮށްފައެވެ. ގްރޫޕުގެ އަނެއް ހަ މީހުން ހައްޔަރުކޮށްފައި ވަނީ ތިން ވަނަ ދުވަހު އެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި، 31އަހަރުގެ މީހަކާއި، 22 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ. މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މުޅިންވެސް ދިވެހިންނެވެ.

މައްސަލައިގައި އެ ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ދެމީހަކަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ފަސް މީހަކަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް