"އަހަންނަކީ އެފަރާތުގެ އިމްތިހާނުތަކަށް އެކަށީގެންވާ ފަރާތެއްކަމުގައި ލެއްވިއެވެ. އަދި ރީތިގޮތުގައި ކެތްތެރިކަން ދެއްވިއެވެ. އަދި އެންމެ އަނދިރި ވަގުތުތަކުގައި ރިހެމުންދާ ފުރާނައަށް އެ ފަރާތުން ތަސައްލީ ދެއްވިއެވެ. މިހުރިހާ އަނިޔާތަކެއް ނުލިބުނުނަމަ އެ ފަރާތުގެ ފުން ލޯބިފުޅު އިހުސާސްކުރެވޭނެ ހެއްޔެވެ؟"

ސާފު ނޫ އުޑުގެ ހިޔަލުގައި އުދުހެމުންދާ ދޫނިތަކަށް ބަލަން ފޫހިކަމެއް ނެތި އެތައް އިރެއްވާންދެން އަލާޔާ އިނެވެ. ތުންފަތުގައި ފަނޑު ހިނިތުންވުމެކެވެ. އޭނަ ދޫނިތަކަށް ލޯބިކުރެއެވެ. މިނިވަންކަމާއެކު އުދުހޭ މަންޒަރު ދެކެފައި އޭނަ ބައެއްފަހަރު ހަސަދަވެރިވެއެވެ. އޭނަ ދޫންޏަކަށްވި ނަމައޭ ހިތަށް އެރި އަދަދެއްވެސް ނޭގެއެވެ. ވަށައިގެންވާ ސަރަހައްދާއިވެސް އޭނަ ގަޔާވެއެވެ. ކުލަތަކުން ފުރިފައިވާ އެ ރީތި ބަގީޗާއާއިހެދި މޮޔަވާވަރުވެއެވެ. ގުދުރަތްތެރިކަމާއިމެދު އާޝޯޚުވެއެވެ. ކުދި ކުދި ކޮންމެ އެއްޗަކުންވެސް ދައްކުވާދެނީ މާތްﷲގެ މަތިވެރިކަމެވެ. ކުޅަދުންވަންތަ ކަމެވެ.

ކިރާ އޭނަގެ ކޮޓަރީގެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލުމާއެކު ދަތްތައް ގާނާލިއެވެ.

"ކޮންފަދަ ކަންނެތް ކުއްޖާގަނޑެއް. އޭނައަށް މުސާރަ މިދެނީ އަހަރެމެންގެ ބަގީޗާގެ ގަސްތައް ގުނާ ހަނދާނުގައި ބަހައްޓަން ނޫނީ އެހެން ކަމަކުތަ؟" ކިރާ އެނބުރި ބަލައިލީ އޭނަގެ ބޭބެ ޖިނާނުވެސް އަލާޔާއާއި ދެކޮޅަށް އެއްޗެކޭ ބުނާނެކަމުގެ އުއްމީދުގައެވެ.

"ހީވާގޮތުން ކޮންމެވެސް ކަހަލަ އީވިލް ކަމެއް ޕްލޭން އެބަކުރަން. ކޮންކަމެއް ކުރަން ތިވިސްނަނީ؟ "ކިރާ ބުމަ އަރުވައިލިއެވެ.

"ހިނގާ އޭނައަށް ޕްރޭންކެއް ކުޅެލަމާ." ޖިނާނު ލާނެތްގޮތަކަށް ހީލިއެވެ. ޖިނާނު އޭނަގެ އަތުގައި އޮތް ފައްސަތޭކަ ރުފިޔާގެ ނޫޓު ކުޑަދޮރުން ބޭރަށް ހޫރައިލީ އަލާޔާއިން ތަނާއި ގާތަށް އެ ނޫޓު ވެއްޓޭނެކަމުގެ ޔަގީންކަމާއެކުގައެވެ. އެކަމަކު ކަސިޔާރުވެ އެޖެހުނީ ތަންކޮޅެއް ދުރުގައެވެ. އަލާޔާގެ ނަޒަރުގައި ފައިސާގެ ނޫޓު އަޅައިގަތްކަމަކަށް ނުވިއެވެ.

"ޑޭމް.މަގޭ ފައްސަތޭކަ ރުފިޔާ އެދިޔައީ..."

"އޭ ޖިނާ ލުކް. އޭނައަށް އެ ފައިސާ ފެނިއްޖެ. މައިގޯޑް. އޭނަ އެ ނޫޓު ނަގައިފި" ކިރާ މޫނަށް ހުތުރު ވައްތަރެއް ޖައްސައިލިއެވެ." ކަންނެތްކަން އެކަންޏެއް ނޫނޭ ކުޑަ ކުޑަ ވަގެއް...."

ޖިނާނު ހިނިގަނޑު މައިތިރިކުރަމުން އޭނަގެ ފޯނުން ވީޑިއޯކުރަމުން ދިޔައެވެ. އާއިލާ މެމްބަރުންގެ ތެރޭ އަލާޔާއާއި ކުރިމަތިލާ އޭނަ ލަދުގަންނަވައިލަން ނިންމިއެވެ.

...........

އަލާޔާ ބުރުގާ ރަގަޅުކޮށްލަމުން ގެއަށް ވަނެވެ. އުމުރުން އެންމެ ސަތާރައަހަރު ކަމުގައިވިޔަސް އެއީ މިސާލުޖެހޭފަދަ ހީވާގި ހުނަރުވެރި މަސައްކަތްތެރިއެކެވެ. ކިރާމެންގެ މުއްސަދި ބޮޑުގޭގައި އުޅޭ ޚާދިމާއިންގެ ތެރެއިން އެންމެ ހަގުކުއްޖަކީވެސް އަލާޔާއެވެ. މަޑުމައިތިރި ބަސްމަދުކުއްޖަކަށްވާތީ އެހެން ޚާދިމާއިން އެކަމުގެ ފައިދާ ނަގައެވެ. އެމީހުން އަރާމުކުރަން ތިބެ އަލާޔާ ލައްވާ މަސައްކަތް ކުރުވައެވެ. ހެނދުނު ފަތިހާ ހޭލާގޮތަށް އިރުއޮއްސި އެތައް އިރެއްވާންދެން އަލާޔާ ބުރަކޮށް މަސައްކަތުގައި އަވަދިނެތި އުޅެއެވެ. އެއޮތް ބޮޑު ގަޑުވަރެއްފަދަ ގޭގައި ހެދުނު ނާސްތާ ތައްޔާރުކޮށް ތަށިތަށް ނަގާ ދޮވެ ގެ ސާފުކޮށް ފޮހެނީ އެކަނިމާ އެކަނިއެވެ. އަބަދާ އަބަދު ހިނިތުންވެލައިގެން ހުންނަ އަލާޔާގެ ޝަކުވާއެއް ނެތެވެ. އެކަމާ އެންމެ ރުޅިއަންނަނީ ކިރާއެވެ. ކިރާ ބޭނުންވަނީ އެ މޮޔަ ހިނިތުންވުން އަލާޔާގެ މޫނުމަތިން ފޮހެލުމެވެ.

"ކީއްވެ އެހާ އުފާވެރިކޮށް އަބަދު ހުންނަނީ؟ މެއިޑެއްގެ ގޮތުގައި މަސައްކަތްކުރާއިރު؟ " ކިރާގެ ވިސްނުންވެސް ހުރީ މަލާމާތްކުރާފަދަ ގޮތަކަށެވެ. އަލާޔާއަށް ސްކޫލަކަށްވެސް ނުދެވެއެވެ. އެހާވެސް ފަގީރު ނިކަމެތި އަންހެންކުއްޖެކެވެ. ރީތި ހެދުމެއް އަދި ފައިވާނެއްވެސް އޭނަގެ ނެތެވެ. އެއްވެސް ސްޓައިލެއް ފެޝަނެއްނެތް ކުއްޖަކު އޭނަގެ ބައްޕަ ގޭގެ މަސައްކަތަށް ނަގައިގެން ނުވެސް ވާނެއެވެ.

"އަލަޔާ. އަހަރެން މިލާ ކަހަލަ ހެދުމެއް ނޫނީ ފައިވާނެއް ލާން ބޭނުންތަ؟ "އަލާޔާ މަސައްކަތް ފެށިތަނާހެން އެއްދުވަހަކު ކިރާ ގޮސް ސުވާލުކުރިއެވެ. އަލާޔާ ހުރީ ހަށިގަނޑުގެ ބައްޓަން އެއްގޮތަކަށްވެސް ފައުޅުނުވާ ފަދަ ގަޔަށް ދޫ ހެދުމެއް ލައިގެންނެވެ.

"ތި ގަޔަށް މާ ބާރު. އަހަންނަކަށް ތިކަހަލަ ހެދުން ކަމަކުނުދޭ...."އަލާޔާ ތެދުވެރިކަމާއެކު ސީދަލަށް ބުނެލިއެވެ. ކިރާ އަލާޔާދެކެ ނަފްރަތުކުރަން ފެށީ އެދުވަހުން ފެށިގެންނެވެ. އެކަމަކު އަގުބޮޑުހެދުމެއް ނުގަނެވޭނެތީ އަލާޔާ ދޮގުހެދީކަމަށް ނިންމާ ކިރާ ކޮންމެވެސް ވަރަކަށް ހިތް ހަމަޖައްސައިލިއެވެ.

އެރޭ ކިރާގެ މައިންބަފައިން ވަޒީފާއިން ގެއަށް އައުމާއެކު ޖިނާން ނެގި ވީޑިއޯ ހިފައިގެން ގޮސް ކިރާ މައްސަލަ ޖެއްސިއެވެ. "މަމް ޑޭޑް. ބަލާލަ މިކުއްޖާއަށް. މިކަހަލަ މީހަކު މިގޭގައި ގެންގުޅޭނީ ކިހިނެއްތަ؟ މިއީ ވަގެއް...." ކިރާ ޝަކުވާކުރިއެވެ. ކިރާގެ މަންމަ އެވީޑިއޯ ރަގަޅަށް ބަލައިލުމަށްފަހު ހިންދިރުވައިލީ ބާރަށެވެ. މަސައްކަތުން އެނބުރި އޭނަގެއަށް އައުމާއެކު އަލާޔާދިން ފައްސަތޭކަ ރުފިޔާ އޭނަގެ މުށުތެރޭގައިވިއެވެ. އަލާޔާ ބުނީ އޭނައަށް އެ ފެނުނީ ބިންމަތިން ކަމަށެވެ. އެކަމަކު މިހާރު އޭނަގެ ލޯބިވާ އަންހެންދަރިފުޅު ވަރުގަދަ ހެއްކަކާއެކު އައުމުން ސީރިޔަސް މިޒާޖުގެވެރި ކިރާގެ ބައްޕަގެ ކުރިމަތީ ދަރިފުޅު ލަދުގަންނަވާލަން އޭނަ ބޭނުމެއްނުވިއެވެ. ކިރާގެ ބައްޕަ ހައިކަލް ވަގުތުން ބުމަ ގޮށްޖަހައިލިއެވެ. " އަލާޔާ ގެއަށް ނުގޮސް ހުރިއްޔާ މިވަގުތު މިތަނަށް ގެނޭ..."

.........

އާއިލާގެ ކުރިމައްޗަށް އަލާޔާ ގެނެވުނީ ވައްކަމުގެ ތުހުމަތުގައިކަން އެނގި އޭނައަށް ހުރެވުނީ ޝޮކެއްގައެވެ.

"އަލާޔާ ސީރިޔަސްކޮށް ތި ކުރާ މަސައްކަށް ހައްގުވާވަރަށް އަހަރެމެން ފައިސާ ނުދެނީތަ؟ ވައްކަން ކުރަން ބޭނުންވާ ހިތްވަނީ ކީއްވެ؟ ލަދެއްވެސް ނުގަނޭތަ؟ "ހިލްމާ އަޑަށް ހަރުކަށިކަން ގެންނަމުން ސުވާލުކުރިއެވެ.

"އެކަމަކު...އަޅުގަނޑު...." އަލާޔާ އެއްޗެކޭ ބުނަން މަސައްކަތްކުރުމުން ހައިކަލް މެދުކަނޑާލިއެވެ. "އެއޮތީ ބިންމަތީގައި އެކަމަކު އެއީ އަލާޔާގެ ފައިސާއެއް ނޫނެއްނު. ވޯޒް އިޓް އަލާޔާ؟ އަހަރެމެން މިގޭތެރޭގައި ތެދުވެރިކަމާއި މެނާސްތައް ހުންނަން ބޭނުން. މިކަހަލަ ކަމަކަށް މިގޭގައި ޖާގައެއް ނޯންނާނެ. " ހައިކަލްގެ އަޑު ބާރުވެފައި އަމުރުވެރިގޮތެއް ހުރުމުން އަލާޔާ ހުރީ ކުޑަވެގެންނެވެ. ހައިކަލް ތެދުވުނީ އެތަނުން ދާށެވެ. " ޔޫ ޑިސްގަސްޓް މީ" ހައިކަލްގެ އެންމެ ފަހުގެ ލަފުޒުތައް އިވުނީ ހަމައެކަނި އަލާޔާއަށެވެ. އޭނަ އެހެން ބުނެލީ އެތަނުން ދަމުން އެހާ މަޑުންނެވެ. އެލަފުޒުތައް ހިތް ފޫއަޅުވައިލީ ޚަންޖަރެއް ފަދައިންނެވެ. ހޫނު ކަރުނަ އެލޮލަށް އެއްވިއެވެ.

ހިލްމާއަށް އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. އަލާޔާގެ ލޮލުގައި ވިދަ ވިދާހުރި ކަރުނައާއެކު ސީދާ އޭނަގެ ލޮލަށް ބަލައިލިއިރު އެލޮލުން ބުނާފަދައެވެ. "ކީއްވެ؟އަހަރެން އެ ފައިސާ އަނބުރާ ރައްދުކުރި ވާހަކަ ނުބުނީ ކިއްވެ؟" އެކަމަކު ދުލުން އެންމެ ލަފުޒެއް ބުނުމަކާއި ނުލާ އަލާޔާ ދާން ހިނގައިގަތްތަން ދެކެން ހިލްމާ ހުއްޓެވެ. އޭނަ ދުވަހަކު މިކަހަލަ އަންހެންކުއްޖަކު ނުދެކެއެވެ. މިކުއްޖާގެ ކެތްތެރިކަންވަނީ މާ މަތީގައެވެ. އެހެން ލެވެލްއެއްގައެވެ.

......

އަލާޔާ ގެއަށް ދިޔައީ ބަރު ހިތަކާއިގެންނެވެ. އޭނައަށް ދޭހަނުވީ ކިރާ އެ ވީޑިއޯ ނެގިސަބަބެވެ. އަދި އޭނަގެ ބޮލުގައި ތުހުމަތު އެޅިއިރު ހިލްމާ އޭނަ ދިފާއުކޮށްފައި އެއްޗެކޭ ނުބުނި ސަބަބެވެ. އޭނަ އެމީހުންނަށް ގެއްލުމެއް ދިނީއެއްނޫނެވެ. އޭނަ ވަރުބަލިކަމެއްނެތި މަސައްކަތްކުރުމުންވެސް އަނިޔާ ލިބުނީއެވެ. އަލާޔާ އުޑާއި ދިމާލަށް ބަލައިލިއެވެ. " فَإِنَّ مَعَ الْعُسْرِ يُسْرًا ޝުއަލީ ވިތް ޑިފިކަލްޓީ ކަމްސް އީޒް..." ގުރުއާނުގެ އެ އާޔަތުން އޭނަގެ ރިހެމުން ދިޔަ ހިތަށް ތަސައްލީ ލިބުނެވެ.

އަލާޔާ އޭނަގެ ކުޑަ ޖިފުޓިވަރުގެ ކުޑަ ގެއަށް ވަނެވެ. މަދު ފަރުނީޗަރުތަކެއް ލާފައި ހުއްޓަސް ސާފުތާހިރުކަމާއި ތަރުތީބުކަމުގެ ދެވަނައެއް ނެތެވެ. އެއްފަޅީގައި ވާގި ނެތި ބަލިތަންމަތީގައި އޮތް މަންމަ ފެނުމުން އަލާޔާގެ ހިތަށް އަސަރުކުރިއެވެ. އެހާ ބަލިވެ އޮތްއިރުވެސް މަންމަގެ ރީތި ފަރިކަމެއް ހުރެއެވެ. އެކަމަކު އެންމެ ހިތާމަވެރި ލޮލެވެ. އެލޮލުގައި ފޮރުވިފައިވާ ހިތާމަތައް ބަޔާންކޮށްދޭން އޭނައަށްވެސް ކުޅަދާނައެއްނޫނެވެ.

"ކަމަކާ ހިތްހަމަނުޖެހިފައިތަ؟ ބަލިހެން އަލާޔާ ހީވަނީ. ދަރިފުޅު ބަލީތަ؟ " އަމީލާގެ އަޑު މަޑުވެފައި އޯގާތެރިއެވެ. ދަރިފުޅު ރެއާ ދުވާލު މަސައްކަތުގައި އުޅޭތަން ފެނި އަމީލާގެ ހިތް ހަލާކުވާވަރުވެއެވެ. އެކުއްޖާ މަސައްކަތްކުރަނީ ޚާދިމާއެއްގެ ގޮތުގައި ކަމެއް މަންމަ ނުދަނެއެވެ. އޭނަ ހީކުރަނީ އަލާޔާ ވަޒީފާ އަދާކުރަނީ ފިހާރައެއްގައި ކަމަށެވެ. މަންމަގެ ކުށްހީ ރަގަޅުކޮށްލަދޭނެ ހިތްވަރެއް އަލާޔާގެ ނެތެވެ.

"އަލާޔާ އިޝާ ނަމާދު ކުރަން ހަދާން ނައްތާނުލައްޗޭ. ނަމާދު ދޫކޮށްފިއްޔާ މިދުނިޔޭގައި އަދި އަނެއް ކޮޅުންވެސް އެއްޗެއް ލިބުމެއްނެތް..." މަންމަގެ ހަދާންކޮށްދިނުމަށް އަލާޔާ ޝުކުރުވެރިވުމުގެ ހިނިތުންވުމެއް ދިނެވެ. އޭނަ މިހާ ރަގަޅަށް ތަރުބިއްޔަތުކުރުމުގެ ހުރިހާ ޝުކުރު އަމީލާއަށް ހުއްޓެވެ. އަލާޔާ ނަމާދުކޮށް ނިމިގެން ވާހަކަދައްކާލަން ނުކުތްއިރު މަންމަ އޮތީ ގަދަނިދީގައެވެ. އަލާޔާ މަންމަގެ ނިތުގައި ބޮސްދިނުމަށްފަހު މަންމަގެ ގާތަށް އަރާ ޖެހިގެން އޮށޯތެވެ. ނަމަވެސް ނިންޖެއް ނައުމުން ތެދުވެގެން ގޮސް އޭނަގެ ޑައިރީ ނެގުމަށްފަހު އޭގެ ތެރެއަށްލާފައި އޮތް ދެ ސިޓީނެގިއެވެ. އެއީ އަމީލާގެއެވެ. އަލާޔާ އަތަށް އެސިޓީތައް އެރި ދުވަހުން ފެށިގެން އޭނަ މިގެންގުޅެނީ ފޮރުވައިގެންނެވެ.

ދޭއް އެޕްރިލް 1995

ލޯބިވާ އެމީ

އެޕްރީލް ފެށުނީ ބަހާރުގެ މާތައް ފޮޅުވަމުން އަދި އަހަރެންގެ ހިތް ކަލާގެ ހަދާންތަކުން ދިއްލަމުންނެވެ. ފިނިމޫސުމްގައި ކަލާ ދެކޭހިތުން އިންތިޒާރު ކުރެވެނީއެއްވެސް ނޫނެވެ. އަހަންނަށްޓަކާ އިންތިޒާރުކޮށްދޭށެވެ. މަގޭހިތުގެ ޕްރިންސެސްއެވެ.

ވިތް ލަވް

ހައިކަލް

އަށެއް ނޮވެމްބަރު 1995

"ހައިކް މިއަންނަ އަހަރު ޖުލައިގާ އަހަރެމެންގެ ކުޑަ ކުޑަ އަލާޔާ އަހަރެމެންނާއެކު ވާނެ. އާނ އަހަރެން މިއިނީ ބަލިވެ. އަނެއްކާ ހައިކް އަންނަންވާ އިރަށް ނުހުރެވިގެން މިސިޓީ ލިޔަނީ. ކެތްތެރިކަމެއްނެތި އިންތިޒާރު މިކުރަނީ ހައިކް އަންނާނެ އިރަށް އަދި ހިތް ބޭގަގާރުވަނީ ހައިކް ދެކޭހިތުން. ހައިކްއާއި ހިލްމާއޭ ކިޔައިގެން ދޮގު ވާހަކަ އެބަ ފަތުރުވާ. އަވަހަށް ގެއަށް އާދޭ. އޭރުން އެވާހަކަތަކުގެ ދޮގުކަން ސާބިތުކޮށްދެވޭނެ. ހިތް ހަލާކު މިވަނީ......"ސިޓީގެ އަނެއްބައި މާ ބޮޑަށް ފޭދިފައި ހުރުމުގެ ސަބަބުން ކިޔަން ކުޅަދާނައެއްނުވިއެވެ. ހައިކަލްއަކީ އޭނަގެ ބައްޕައެވެ. މަންމަ ދުވަހަކު އެވާހަކަ ނުބުނިކަމުގައިވިޔަސް އެކަން އޭނަ ދަނެއެވެ. އެދެމީހުން ވަރަށް ޅައިރު ކައިވެނިކޮށްގެން މަންމަ ބަލިވެއިނީއެވެ. އަމީލާ މުއްސަދި އާއިލާއަކުން އައިސްފާ ނުވުމުން ހައިކަލްގެ އާއިލާއިން އަމީލާއައި ނުރުހުނީއެވެ. އޭރު ހައިކަލް ޅަވެފައި ހެޔޮނުބައި ވަކިނުވާތީ މިނިވަންކޮށް އުޅޭ ނުސިޔާނު ހިލްމާއާއި ހިތާވީއެވެ. އަމީލާ މާ ރަގަޅުވެފައި "ސްވީޓް" އީ އެވެ. ހިލްމާއާއެކު އުޅެން މާ މަޖަލެވެ. ހިލްމާއައި ކައިވެނި ކުރުމުގެ ކުރިން އޭނަ ސިޓީއަކުން އަމީލާ ވަރިކުރިއެވެ. ހައިކަލްއަށް ނޭގުނީ އޭނަ އަމީލާ ވަރިކުރިއިރު އަލާޔާއަށް ބަލިވެއިންކަމެވެ.

އަލާޔާ ތަރުކާރީ އެއްޗެހި ގަނެގެން އެނބުރި އައި މަގުމަތީގައި މަސްތު ހާލުގައި ހުރި ޒުވާނަކު އޭނަ ހުއްޓުވިއެވެ. އޭރު އިރުއޮއްސި މަގުމަތީގައި ހިގާބިގާވެ އުޅޭ މީހުން މަދެވެ. "ތިދަނީ ކޮންތާކަށް؟ "

އެ ޒުވާނާ އަލާޔާގެ އަތުގައި ހިފާ ދަމައިގަތުމާއެކު ރުޅިވެރި ނަޒަރަކާއެކު އަތް ފޮޅުވައިގަތްއިރު އަތުގައި އެތިފަހަރެއް ވީއްލާލެވުނެވެ. "އޭ ކީއްވެ މަގޭ ގައިގާ ޖެހީ؟ "އެ މީހާ އަނގައިވާ ވާގިނެތްމީހެއް ފަދައިން ވާހަކަދައްކަމުން އަލާޔާއާއި ދިމާލަށް ޖެހިގަތެވެ.

ކިރާއާއި އެކުވެރި ކުދިންކޮޅެއް ރެސްޓޯރެންޓަކުން ނިމިގެން އެނބުރި ގެއަށް އައި މަގުމަތީގައި ދެއްކީ އެންމެ ފަހުގެ އަގުބޮޑު ލިޕްސްޓިކް އަދި އެކުދިން އެންމެ ގަޔާވާ މިއުޒިކްބޭންޑްގެ ޕޯސްޓަރުތައް ގަތުމުގެ ވާހަކައެވެ. އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުނީ އެ ގޯޅިއަށް ލަނބައިލި ތަނާއެވެ. ފިރިހެނަކު އަންހެންކުއްޖެއްގެ މޫނުމައްޗަށް ބާރު އެތިފަހަރެއް ވީއްލާލުމާއެކު އެކުއްޖާ މަގުމެދަށް ގުޅައަކަށް ޖެހުނެވެ. އޯ...އެއީ އަލާޔާ ހެއްޔެވެ؟ ކިރާ ދެލޯ ބޮޑުކޮށްގެން ބަލަން ހުއްޓެވެ. އަންހެންކުދިންތައް ނިކަން ފޯރިއާއި ޖޯޝާއެކު ސްނެޕްޗެޓަށް ވީޑިއޯތައް ނެގިއެވެ. މަސްތުހާލުގައި ހުރި ޒުވާނާއާއި ބަލާއިރު އަލާޔާ ބަލިކަށްޓެވެ. ކިރާ އަޅާނުލާ ދެއަތް ބާރަށް އެއްލަމުން ގެއާއި ދިމާލަށް ހިނގައިގަތްއިރު ކުޑަ ރަހުމެއްވެސް ހިތަކަށް ނުވަނެވެ. ވަގުންގެ ގައިގާ އެގޮތަށް ތަޅާ އަނިޔާކުރުން އެމީހާއަށްވެސް ހައްގެވެ.

އިރުގަނޑެއްފަހުން އަލާޔާ ގެއަށް ވަންއިރު މަސްތުވެފައި ހުރި މީހާގެ ހަމަލާގެ ސަބަބުން ތުންފަތް ފެޅި ލޭ ފައިބަމުން ދިޔައެވެ. ކިރާއަށްވެސް އުދަގޫތަކެއްވެ އަނގަ ހަދައިލެވިއްޖެއެވެ. އަލާޔާ ގެނައި ތަރުކާރީތަކާއި އެހެން ސާމާނުތައް ފްރިޖްގައި އަތުރަން ފެށި މަންޒަރުބަލަން ކިރާ ހުއްޓެވެ. ކުރާ ކޮންމެ މަސައްކަތެއް ފަރުވާތެރިކަމާއެކު ތަރުތީބުން ކުރާ ކުއްޖެކެވެ. އަލާޔާ އޭނައާއި ދިމާލަށް އެންމެ ފަހަރަކުވެސް ބަލާނުލުމުން ކިރާ ރުޅިވެސް އަންނަގޮތްވިއެވެ. އަލާޔާގެ ސަބަބުން އޭނައަށް އަމިއްލަ ނަފުސް ގޯސްކުރެވެނީ ކީއްވެހެއްޔެވެ؟ އިޝާ ނަމާދުގެ ބަންގި ގޮވަން ފެށިތަނާހެން އޭނަ ލެޕްހުޅުވާލައިގެން މިއުޒިކް ވީޑިއޯއެއް ޖައްސާލައިފިއެވެ. "ކިރާ. އަޒާނުގެ އަޑަށް އިހުތިރާމް ކުރުމެއް ނެތްތަ؟ "އަލާޔާއަށް ކިރާގެ އެ ކަމުނުދާ އަމަލަށް ނުދެނެހުރިކަމަށް ހަދާލާފައި ނުދެވުނީއެވެ.

"މިރޭ މުބާރާތުން ދޭ ނީޑް އެންމެ ގިނަ ވިއުސް އެންޑް ލައިކްސް. އައި ވޯންޓް ދެމް ޓު ވިން ދެން އެއީ އަލާޔާ ބެހެން ޖެހޭ ކަމެއްތަ.." ކިރާ ސަބަބު ހާމަކޮށްދިނެވެ.

އަލާޔާ ދެން ކުރިކަމަކުން ކިރާ ގަނޑުވިއެވެ. ގާތަށް ޖެހިލާފައި އޭނަގެ ލެޕްޓޮޕް ލައްޕާލައިފިއެވެ. "ތިކުރާކަމަކުން ފަހަރެއްގައި ސަޕޯޓްކުރާ ބޭންޑަށް ފައިދާއެއް ވެދާނެ. އަދި ފަހަރެއްގައި އެމީހުންނަށް އެނގިއްޖެއްޔާ އެމީހުން ހަދިޔާއެއްވެސް ދީފާނެ. އެކަމަކު މިހާރު ތިކުރަމުންދާ އަމަލުން ހެއްދެވި ފަރާތުން އެއްވެސް އެއްޗެއް ލިބޭނެތަ؟ ބަންގި ގޮވަމުންދާއިރު ތިއޮތް މިއުޒިކް އަޑުއަހަމުން ދަނީ. ވިސްނާލަބަލަ. މި ވަގުތީ ދިރިއުޅުމުގައި މުހިއްމީ އެހެން އިންސާނުންގެ ފަރާތުން އިނާމު ލިބުންތަ؟ މާތްﷲއަށްޓަކާ ކޮންމެވެސް ކަމެއްކޮށްގެން އެފަރާތުގެ ސަވާބާއި ދަރުމަ ހޯދާ ތިމާއަށް ރަހުމަތެއް ލެއްވުން މާ މުހިއްމެއް ނޫންތަ؟ އާޚިރަތަކީ ދެމިގެންވާ ގޮވަތި އަދި އެކަމަށްޓަކާ މަސައްކަތް ކުރުން މާ ރަގަޅު. ޑޯންޓް ޔޫ ތިންކް ސޯ؟ " އަލާޔާ ވާހަކަދެއްކީ އަމިއްލަ ކޮއްކޮއަކާއި ވާހަކަދައްކާނެ ގޮތަށެވެ. އަދި ކިރާ އޭނައާއި މެދު ޚާދިމާއެއްގެ ގޮތުގައި ދެކުނަސް ކިރާއަކީ އޭނަގެ އެއްބަފާ ކޮއްކޮއެވެ.

އެރޭ އަލާޔާ މަސައްކަތް ނިންމާލާފައި ގެއަށް ދާން ނުކުތުމުން ކިރާވެސް ފަހަތު އަޅުވައިލިއެވެ. އަލާޔާގެ މިޒާޖާއި ބެހޭގޮތުން ދަސްކުރިވަރަކަށް އޭނަ އިތުރަށް ހޯދާ ހިތްވިއެވެ. އެކުއްޖާ ދުވަހަކު ޝަކުވާއެއް ނުކުރެއެވެ. އަދި އެންމެފަހުން ތަގުރީރެއް ދީފައި ރަގަޅު ކަންތައް ކުރަން ބުނެދީފިއެވެ. ކިރާގެ ހުރިހާ އެކުވެރިންނާ އަލާޔާ ތަފާތެވެ. ފަހަރެއްގައި މިއީ ޖާސޫސެއް ނޫނީ އޭނަގެ އާއިލާއާއި ބެހޭގޮތުން މައުލޫމާތު ހޯދަން ފޮނުވާފައި ހުރި ކުއްޖަކަށް ވެދާނެއެވެ. ނޫނީ ދުނިޔޭގައި ލެއްވިހާ އުފާތައް ހާސިލުވެފައި ހުރި ކުއްޖެއް ހެން މިހާ ފަގީރުކުއްޖަކު އުޅެންވީ ކީއްވެހެއްޔެވެ؟ ނަމާދުތައް އެހާ ގަވާއިދުން އެހާ ބަރާބަރަށް ކުރާ ކުއްޖަކާވެސް ކިރާއާއި ދިމާވެފައެއް ނެތެވެ. އުމުރުން އެންމެ ދެއަހަރެއްވަރު ތަފާތުވީއިރު އެދެކުދިންގެ އުޅުމާއި މިޒާޖު އެހާ ތަފާތީ ކީއްވެހެއްޔެވެ؟

ކިރާ އަލާޔާގެ ފަހަތުން ދަނިކޮށް މިފަހަރު މަސްތުވެގެން ހުރި ފިރިހެނަކު އޭނައާއި ދިމާކޮށްލައިފިއެވެ. ކިރާ ނިކަން ގަދަޔަށް ރުޅިއަތުވެއްޖެއެވެ. އޭނަގެ މަގަށް ހުރަސްއަޅަން މި މަސްތުވެގެން ހުރި ކަލޭގެއަށް ހިތްވަރު ލިބުނީވެސް ކިހިނެއްހެއްޔެވެ؟ "ކަލޭގެ ދެލޯ ކޮނެލުމުގެ ކުރިން ދުރަށް ޖެހޭ ޔޫ މޯރޮން..."އޭނަ ރުޅިއައިސްފާ ބާރަށް ބުނެލުމާއެކު އެމީހާ އޭނަގެ އަތުގައި އޮތް ޕާސް ޖަހައިގަތެވެ. ކިރާ ހަޅޭއްލަވައިގަތީ ތޫނުކޮށެވެ. ކިރާއަށް ކުއްލިއަކަށް ފެނުނީ އެ ފިރިހެނާ އޭނަގެ ދެއަތުގައި ހިފެހެއްޓިތަނެވެ.

"މިދުވަސްވަރު ޅަ އަންހެންކުދިންގެ އަދަބެއް ސަދަބެއްވެސް ނުހުރޭ. ބަހުރުވަ ހުތުރުކަން.." މި ފިރިހެންމީހާއަކީ ހަގީގަތުގައި ފުލުހުން ހޯދަމުންދާ ކުށްވެރިއެކެވެ. ކިރާ ކިތަންމެ ހަޅޭއްލެވިޔަސް އޭރު މަގުމަތީ އެއްވެސް މީހަކު ހުރީއެއް ނޫނެވެ. ކުއްލިއަކަށް ފެނުނީ އެފިރިހެންމީހާ ޚަބަރު ހުސްވެގެން ބިންމައްޗަށް ދެމުނުތަނެވެ. ފަހަތުގައި އަލާޔާ ހުރީ އަތަށް ބޮޑު ގަލެއް ހެޔޮވަރުކޮށްލައިގެންނެވެ. އަލާޔާ އެމީހާގެ ބޮލަށް ދިން ހަމަލާއާއެކު ތަންޑާވީއެވެ.

"އަހަރެން ފުލުހުންނަށް ގުޅައިފިން. އެމީހުން ވަރަށް އަވަހަށް އަންނާނެ. އަވަހަށް ގެއަށް ދޭ...." އަލާޔާ ކިރާގެ އަތުގައި ހިފާ ތެދުކޮށްލަދިނެވެ.

"ކީއްވެ؟ " އަލާޔާ ދާން ހިނގައިގަތުމުން ކިރާއަށް ވައިއަޑަކުން އަހާލެވުނެވެ.

"ވައި ވަޓް؟ " އަލާޔާ އެއް ބުމަ އުފުލައިލިއެވެ.

"ކީއްވެ އަހަންނަށް އެހީވީ؟ އަހަރެން މިއަދު އަލާޔާއަށް އެހީތެރި ނުވީމެއްނު..."

"މާނައަކީ އަހަރެންގެ ހިތް ހައްދަވާފައިވަނީ ގަނޑުފެނަކުންނޫން. އަހަރެމެންގެ ދީން އުގަންނާދިނީ ބޭނުންޖެހިފައިވާ މީހުންނަށް އެހީވާން. ދަސްކޮށްދީފައިވަނީ ލޯބި ފަތުރަން ނަފްރަތެއްނޫން. އަދިވެސް ކިތަންމެ ފަހަރަކު ކިރާއަށް އެހީވާން މިހިރީ. އަހަންނާއި ދޭތެރޭ އަނިޔާވެރިވި ކަމުގައިވިޔަސް އަހަންނަށް އެހެނެއް ނެހެދޭނެ....."އެއް ނޭވާއިން ހުރިހާ އެއްޗެއް ބުނެލާފައި އަލާޔާ ހިނގައިގަތީ ކިރާއަށް މަސްހުނި އިހުސާސްތަކެއް ކުރުވަން ޖައްސާފައެވެ. އަދި ދީނާމެދު އަލަށް ޝައުގުވެރިކަމެއް ހިތުގައި އުފެދުނެވެ.

..........

ޖިނާންގެ އުފަންދުވަސް ފާހަގަކުރުން އޮތީ ޕޫލް ޕާޓީއެއްގެ ގޮތުގައެވެ. އަލާޔާ ގަސްތުކުރީ މިރޭ އޭނަގެ ބައްޕަ ހައިކަލްއާއި ކުރިމަތިލާށެވެ. މިހުރިހާ ދުވަހު އަޅާނުލާ ހުރީ ހައިކަލްގެ ކުޑަ ލޯބިއާއިލާއެއް އުދަގުލެއް ވެދާނެތީއެވެ. ނަމަވެސް މަންމަގެ ހާލު ދެރަވެ އޮޕަރޭޝަނެއް ކުރަން ޖެހުމާއެކު އޭނަގެ އަތުގައި އެކަމަށް ޚަރަދުކުރާވަރަށް ފައިސާ ނެތުމުން އެހީއަކަށް އެދެން މަޖުބޫރުވީއެވެ. އޭނަ އެހީތެރިކަން ބޭނުމެވެ. އޭނަގެ ހުރި ހަމައެކަނި މީހަކީ އޭނަގެ މަންމައެވެ. އޭނަ މަންމައާއި ނުލާ އުޅޭނީ ކިހިނެއްހެއްޔެވެ؟

އެއީ ޖިނާންގެ އުފަންދުވަސްކަމުން އޭނަގެ ގިނަ އެކުވެރިންތަކެއް އައެވެ. ބީރައްޓެހިންގެ ކުރިމަތީގައި ފަރުދާވެގެން އުޅެން އަލާޔާގެ ފަރާތުން ދަސްވެފައިވާތީ މިރޭ ކިރާ ހުރީވެސް އިސްތަށިގަނޑު ފޮރުވައިގެންނެވެ. އަލާޔާގެ ކުދި ކަންތައް ނަކަލު ކުރެވި ދުވަހަކަށްވުރެ ދުވަހެއް އަލާޔާދެކެ ރުހެވެން ފެށިއެވެ. މައިންބަފައިންގެ ފަރާތުން ދަސްނުވި ކިތަންމެ ކަމެއް އަލާޔާގެ ފަރާތުން އޭނައަށް ދަސްވެއްޖެއެވެ. ކިރާއަށް އުފާވެރިކަމާ އަމާންކަން އިހުސާސްކުރެވުނަސް އޭނަ އަދިވެސް ބޭރުފުށުން ދައްކަމުން ދިޔައީ އަލާޔާއަށް ނަފްރަތު ކުރާކަމެވެ. ޕާޓީތެރޭގައި އެއްފަހަރު އަލާޔާ ތަބައް ހިފައިގެން ޚިދުމަތުގައި އުޅުނުފަހުން އޭނަ ނުފެނިގެން އޭނަ ހޯދިއެވެ. އޭރު ގާތްގަނޑަކަށް ޕާޓީ ނިމެނީއެވެ. އޭނަ ބޭނުންވީ އޭނަ ބުރުގާ އަޅާފައި ހުއްޓާ އަލާޔާއަށް ފެނުމަށެވެ. އެކަމަކު އެ ނަސީބެއް ނުލިބުނެވެ.

"އެކުއްޖާ މިހާރު އެގެއްލުނީ ކޮންތާކަށް؟ އޭނަ ގެއަށް ދިޔައީތަ؟ " ކިރާ އަލާޔާ ހޯދަމުން ގޭގެ ފަހަތުގައި އޮތް ސަރަހަށްދަށްވެސް ދިޔައެވެ. ކުއްލިއަކަށް ފެންގަނޑުގެ ތެރެއިން އެއްޗެއް ފެނުމުން ކިރާ ބިރުގެންފައިވާފަަދަ ގޮތަކަށް ބާރަށް ހަޅޭއްލަވައިގަތެވެ. އޭނަގެ އަޑަށް މައިންބަފައިން ހޭކަނޑާލާފައި ދުވެފަ އައެވެ. ހައިކަލް އަލާޔާ ފެންގަނޑުން ނެގިއިރު އެކުއްޖާ ކިރިޔާ ވިންދު ހުރިކަމެވެ. އަލާޔާ ޕާޓީ ނިމުނުފަހުން އެ ހިސާބު ސާފުކުރަނިކޮށް އޭނަ ކައްސާލައިގެން ވެއްޓުނުއިރު އެހެން މީހަކަށް ފާހަގަނުވީއެވެ.

"ކިހިނެއްވީ؟ އަލާޔާ އަނެއްކާ ވައްކަން ކުރީތަ؟ " ޖިނާން އެތަނަށް އަންނަމުން އަހައިލީ ވީގޮތެއް އޮޅުން ނުފިލާތީއެވެ.

"އެކުއްޖާފުޅު ދުވަހަކު ވައްކަމެއް ނުކުރޭ. އެދުވަހުވެސް އެފައިސާ ބިންމަތިން ފެނިގެން ހަވާލުކުރި. އެވާހަކަ ސިއްރުކުރެވުނުކަމީ އަހަރެންގެ ކުށް..."ހިލްމާ އެވަގުތު އެކުށަށް އެއްބަސްވާން ބޭނުންވިއެވެ. ހިލްމާ ކުއްލިއަކަށް ގުދުވެ އަލާޔާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ކިރާއާއި ޖިނާންއަށް އެކަކު އަނެކަކަށް ބަލައިލެވުނީ ކުށްވެރިކަމުގެ އިހުސާސްގައި ޝޮކެއްގައި ތިބެއެވެ. އެމީހުން އަލާޔާއަށް ހާދަ ގަނާކުރިއެވެ. ވަގުފަދަ އެތައް ނަމުން ކިޔާ ހާދަ ނުބައިކޮށް ކަންތައްކުރިއެވެ. ހަގީގަތުގައި އަލާޔާއަކީ މައުސޫމްކުއްޖެކެވެ.

"އަލާޔާ ވޭކް އަޕް..." ކިރާއަށްވެސް ކަރުނަތަކެއް ނުހިފެހެއްޓުނެވެ. އަލާޔާގެ މުށުތެރޭ ބާރުކޮށްލައިގެން އޮތް ކުޑަ ޕްލާސްޓިކް ޕާސް ހައިކަލްގެ ނަޒަރުގައި އަޅައިގަތެވެ. އެ ހުޅުވައިލަން ބޭނުންވީ ކީއްވެކަމެއް ހައިކަލްއަކަށް ނޭގުނެވެ. އޭގެ ތެރެއިން ފެނުނީ ވަރަށް ކުރީގެ ސިޓީތަކެވެ. އޭނަދެކެ ފަރިތަ ލިޔުމެވެ. ހުރިހާ ޕަޒްލްތަކެއް އެއްކޮށްލަން ނެގީ ސިކުންތު ކޮޅެކެވެ. އޭނަގެ އެންމެ ފުރަތަމަ ދަރިފުޅުގެ ދިރުމެއްނެތް ހަށިގަނޑަށް ބަލައިލެވުނީ ހިތްފަޅައިގެންދާ ހާލުގައެވެ. ދުވަހަކު އެހިތަށް އަލުން ޝިފާއެއް ނުލިބޭނެ ފަދައަކުންނެވެ.

އެންމެންވެސް އަލާޔާއަށް ނަޒަރު ހުއްޓާލައިގެން ތިބީ ހިތް ހަލާކުވެފައެވެ. އަލާޔާއަކީ މަޑުމަޑުން ހުންނަ ބަސްމަދުމިޒާޖެއްގެ އަންހެންކުއްޖެކެވެ. އޭނަ މިއަދު ވަކިވެގެން އެދިޔައީ އެއިން ކޮންމެ މީހެއްގެ ހިތާއި ދިރިއުޅުމުން ބޮޑު ޖާގައެއް ހޯދައިގެންނެވެ. އެއިން ކޮންމެ މީހަކަށް ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. ޚާއްސަކޮށް ކިރާއަށެވެ. އަލާޔާގެ ކުރު އުމުރުން އޭނައަށް އެތައް އިބުރަތެއް ހާސިލުވެއްޖެއެވެ.

މި އަނިޔާވެރި ދުނިޔެއާއި އެކަށީގެންވާވަރަށް ވުރެ އަލާޔާގެ ފުރާނަ މާ ރީއްޗެވެ.

އަލާޔާގެ ލަފުޒުތައް ކިރާގެ މުޅިދިރިއުޅުމުގައި އެހީތެރިވަމުން ދިޔައިރު އާއިލާގެ އެހެން އެންމެންވެސް އާ ފެށުމަކުން ފަށަން ޖެހުނެވެ. ނިމުނީ

މިއީ އާއިލާގެ ވަރަށް ލޯބިވާ ޚާއްސަ ކުއްޖަކު ލިޔެފައިވާ އަސަރުގަދަ އިބުރަތްތެރި ވާހަކައެއްގެ ތަރުޖަމާއެކެވެ.

comment ކޮމެންޓް