ފިނިބުރު ޖަހާތީ ފުވައްމުލަކު ރިންގް ރޯޑް ވަކި ވަގުތަކަށް ބަންދުކުރަނީ

ފުވައްމުލައް ސިޓީ -- ސަން ފައިލް ފޮޓޯ

ފުވައްމުލަށް ސިޓީގައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުކުތުން މަނާކޮށް، އެ ރަށު ރިންގު ރޯޑު ވަކި ވަގުތެއްގައި ބަންދު ކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވާއިރު ވެރިރަށް މާލެ މިހާރު އޮތީ ލޮކްޑައުންގަ އެވެ. ޕޮޒިޓިވް މީހުން ފެނިފައިވާ އެހެން ރަށްރަށާއި ޕޮޒިޓިވް މީހުންނާ ގުޅޭ ކޮންޓެކްޓުން ހުރި ރަށްރަށުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

ފުވައްމުލަށް ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން އެ ސިޓީގެ ރައްޔިތުން ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުކުތުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކަށް ނުކުމެ އުޅޭ އިރުވެސް ތިން މީހުންނަށް ވުރެ ގިނައިން އެއް ތަނެއްގައި ޖަމާ ނުވެ، އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އޭގެ އިތުރުން އެ ރަށު ރިންގި ރޯޑު ވަކި ވަގުތުތަކެއްގައި ބަންދު ކުރަން ނިންމާފައިވާ ކަމަށްވެސް އިއުލާނުގައިވެ އެވެ. އެ މަގު ބަންދު ކުރަން ނިންމާފައި ވަނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 12:00އާ ހަމައަށް ކަމަށް އެ އިއުލާނުގައިވެ އެވެ. އެ މަގަކީ ގިނަ ބަޔަކު ހަވީރު ފިނީގައި ބުރު ޖަހަން ދުއްވާ މަގެކެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ފިޔަވަޅުތައް އެޅީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ކޮންމެހެން އެ ފިޔަވަޅުތައް އަޅަން ޖެހޭތީއެވެ. މުއްދަތެއް ނެތް ގޮތަށް އެޅި އެ ފިޔަވަޅުތަކާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

"ކޮވިޑް-19އާ ގުޅިގެން ކައުންސިލުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި އުނދަގޫތައް އިންތިހާއަށް ކުރިމަތިވާނެކަން މި ކައުންސިލުން ގަބޫލު ކުރަމެވެ. ނަމަވެސް، މިއީ ރައްޔިތުންބގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި ހާލަތުގައި ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށްވާތީ ހުރިހާ ރައްޔިތުން މިކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވުން އެދެމެވެ." ފުވައްމުލަށް ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 491 މީހުންނެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ މުޅި ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައެވެ. އަދި އެއް ރަށުން އަނެއް ރަަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް