މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި 95 މީހުންނަކީ އެއްކޮށް އުޅުނު ބަޔެއް ކަމަށާއި އެ މީހުންގެ ފަރާތުން އިތުރު ބަޔަކަށް އެ ބަލި ފެތުރިފައި ހުރުމުގެ ފުރުސަތު ކުޑަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
އެ މީހުންގެ ތެރޭގައި ހިމެނެނީ 61 ބަންގްލަދޭޝް މީހަކާއި 32 އިންޑިއާ މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އެ 95 މި މީހުން ނިސްބަތްވަނީ ކޮކާ ކޯލާ ކްލަސްޓާ (ސީސީސީ) އަށް ކަމަށާއި އެ އެންމެނަކީ ވެސް އެއް ތަނެއްގައި ދިރިއުޅުނު ބައެއް ކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ އެ ކްލާސްޓާގެ ފުރަތަމަ މީހާ ޕޮޒިޓިވްވި ހިސާބުން ފެށިގެން އެ ތަން ބަންދުކޮށް މޮނިޓާ ކުރަން ފަށާފައިވާ ކަމަށެވެ.
"އެހެންވީމަ އެމީހުންގެ ކިބައިން އިތުރަށް ސްޕްރެޑް ވުމުގެ ޗާންސެއް ނީންނާނެ. އެހެން ނަމަވެސް ބަލަމުން މިދަނީ އެމީހުން އިތުރަށް، އެ ތާރީހުގެ ކުރިއަށް، އަދި އަނެއްކާ އޭސިޕްޓޮމެޓިކް އެ އެންމެން ވެސް. އެހެންވީމަ އޭސިޕްޓޮމެޓިކް ވިއްޔާ އިންނާނީ އެއް ތަންކޮޅު، އޭސިމްޕްޓޮމެޓިކް މީހުންގެ ފަރާތުން ޝެޑްވުމުގެ ފުރުސަތު މި އިންނަނީ އޭގެ ކުރިއަށް ދެ ދުވަހަށް، އެހެންވީމަ އޭގެ ކުރިއަށް ދެ ދުވަހަށް ބަލާނީ، އިނގޭ ހިސާބުން ވެސް ދެ ދުވަސް ބަލާނީ. ރިސްކުގައި އިން ޓައިމްލައިނަކަށް ނުފެތޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އެ ކްލާސްޓަރ އިން ބަލި ފެތުރުމުގެ ޗާންސް ކުޑަވި ނަމަވެސް އިތުރު އެހެން ކަމެއް ފެނޭތޯ ބަލަމުން އަންނަ ކަމަށް ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ހާމަ ކުރި ގޮތުގަިއ ޕޮޒިޓިވްވި މީހުންގެ 3600 އަށް ވުރެ ގިނަ ކޮންޓެކްޓު މިހާތަނަށް ހޯދިފައިވެއެވެ.
މިހާތަނަށް ރާއްޖެއިން 491 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު އެކަކު ވަނީ މަރުވެފަ އެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 261 މީހުންނާއި، 157 ދިވެހީންނާއި 51 އިންޑިއާ މީހުންނާއި އިޓަލީގެ 11 މީހުންނާއި ޕާކިސްތާންގެ ތިން މީހަކާއި ނޭޕާލް ދެމީހުންނާއި ލަންކާ ދެ މީހުންނެވެ.