މަނަދޫއިން މާލެ ގެނައި ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނ. މަނަދޫ އިން ހާލުދެރަވެގެން މާލެ ގެނެސް ރޭ އައިޖީއެމްއެޗްގައި އެޑްމިޓްކުރި އުމުރުން 80 އަހަރުގެ އަންހެނަކު ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ، މީގެ 14 ވަރަކަށް ދުވަސް ކުރިން ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމަށް ފަހު އެ ރަށަށް އެނބުރި ދިޔަ އަންހެނެކެވެ.

އެކަމާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ވެސް ގެނެސްފަ އެވެ.

ރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމާއެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް މީހަކު އެރުން ވެސް ވަނީ މަނާވެފައެވެ.

މިއާއެކު ނ. އަތޮޅުގެ ހަތަރު ރަށެއް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މަނަދޫގެ އިތުރުން މޮނިޓަރިންގައި ދެން އޮތީ އެ އަތޮޅު ހެނބަދޫ، ކެނދިކުޅުދޫ އަދި ހޮޅުދޫ އެވެ.

ނ. އަތޮޅުގެ ރަށްތަކެއް މޮނިޓަރިންގ އަށް ގެންގޮސްގައި ވަނީ އަމާޒު ބޯޓު ކޭސް އާ ގުޅިގެންނެވެ.

މިހާތަނަށް ރާއްޖެއިން 475 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، އެމީހުންނާ ގުޅުންހުރި ގިނަ ތަންތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

އެގޮތުން މިހާތަނަށް 244 އިމާރާތެއް މޮނިޓަރިންގ އަށް ލާފައި ވާއިރު، ފިހާރައާއި ގޯޑައުން އަދި ކްލިނިކްތައް ހިމެނޭގޮތުން އަށް ތަނެއް ވެސް ވަނީ މޮނިޓަރިންގ އަށް ލައިފައެވެ. އަދި 16 ރަށަކާއި ތިން އުޅަނދު ވެސް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ހާމަ ކުރި ގޮތުގަިއ ޕޮޒިޓިވްވި މީހުންގެ 3500އަށް ވުރެ ގިނަ ކޮންޓެކްޓު މިހާތަނަށް ހޯދިފައިވެއެވެ.

comment ކޮމެންޓް