ކުޑަކުއްޖަކު ލައްވައި ސިޔާސީ ރައިވަރެއް ކިޔުއްވި މައްސަލައިގައި ޕީއެސްއެމްއިން މައާފަށް އެދިއްޖެ

ޕީއެސްއެމްގެ ޓީވީއެމް ހިންގާ އިމާރާތް --

ޕީއެސްއްމެގެ ބެލެނެވެރިކަމުގެ ދަށުން ހިންގާ ގައުމީ ޓީވީ ޗެނަލް، ޓީވީއެމްއިން ގެނެސްދޭ ކުޑަކުދިންގެ ޕްރޮގްރާމު "ކުޑަ މަސައްކަތެއް"ގައި ސިޔާސީ ރައިވަރެއް ކުޑަކުއްޖަކު ލައްވައި ކިޔުއްވި މައްސަލައިގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން މައާފަށް އެދި އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައިފި އެެވެ.

ޕީއެސްއެމްގެ ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ) ހުށަހަޅާ ކުޑަ މަސައްކަތެއް ޕްރޮގްރާމުގައި ކުޑަކުއްޖަކު ލައްވައި ކިޔުއްވައިގެން މައްސަލަ ހޫނުވި ރައިވަރަކީ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމްއާއި ޔާމީން އަބްދުލްގައްޔޫމްއާ ގުޅޭ ސިޔާސީ ވާހަތަކަށް ހިމެނޭ ރައިވަރެކެވެ.

އެ މައްސަލައާ ގުޅިގެން ޕީއެސްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަ މަސައްކަތެއް ޕްރޮގްރާމުގައި ހިމަނާފައިވާ އެ ކޮންޓެންޓަކީ އާންމު އިޖުތިމާއީ މިންގަނޑާއި، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި، ޕީއެސްއެމްގެ ބްރޯޑްކާސްޓު ކުރުމުގެ ގަވައިދާ ހިލާފު ކޮންޓެންޓެއްކަން ގަބޫލު ކުރާ ކަމަށެވެ. އެކަމަށްޓަކައި އެންމެހާ ސްޓޭކްހޯލްޑަރުންނާއި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަދި އެކަމުގައި އިމާލުވާ ފަރާތްތައް ހޯދައި އެ މީހުންނަށް ގާނޫނާއި ގަވައިދުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމުގެ ޔަގީންކަންވެސް ދޭ ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

އެގޮތަށް ކަން ހިނގާފައި ވަނީ ކޮވިޑް-19އާ ގުޅިގެން ވީހާވެސް މަދު މުވައްޒަފުންނާއެކު ޓީވީއާއި ރޭޑިއޯގެ ޓްރާންސްމިޝަން މެދުނުކެނޑި ކުރިއަށްގެންދިޔުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި އުސޫލުތަކުގެ ބޭރުން ހިނގައިދިޔަ ކަންތައްކެއްގެ ސަބަބުން ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

"ފުރަބަންދުގެ މި ހާލަތުގައި އަޅުގަނޑުމެން ގެނެސްދޭ އެކި ޕްރޮގްރާމުތަކުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ހޯމް ޕްރޮޑަކްޝަންތަކެވެ. މި އުފެއްދުންތަކުގެ ރެކޯޑިން ޕްރެޒެންޓިން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތަކެއް ގޭގައި ތިބެގެން ތައްޔާރުކޮށް، ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭ އުފެއްދުންތަކެކެވެ. އެހެންކަމުން މިކަން ހިނގައިދިޔައީ އަޅުގަނޑުމެންގެ އޮޕަރޭޝަން ކެޕޭސިޓީ ދަށްކުރެވިފައިވާ ވަގުތެއްގައިކަން ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ހިއްސާކުރަމެވެ."

ޕީއެސްއެމްއިން ބުނީ ފާއިތުވި ތަނުގައި އެ ކުންފުނިން މަސައްކަތްކޮށްފައި ވަނީ އާންމުންގެ ގެއްލިފައިވާ އިތުބާރު ހޯދައި، ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި އެ ކުންފުންޏާ މެދު އޮތް ތަސައްވަރު ރަނގަޅުކުރުމަށް ކަމަށެވެ. ނަަމަވެސް، މިހާރު ނަމޫނާ ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި އޮތުމަށް ޕީއެސްއެމްއިން ދެކޭ ތަސައްވަރަށް ލޮޅުމެއް އައިސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްވުރެ ބޮޑުވެ ގޮންޖެހުންތައް އިތުރުވެފައިވާ ކަަމަށް ބުންޏެވެ.

"ކަން އެހެން އޮތްކަމުގައިވިޔަސް، މިއަދުވެސް، އަދި ކުރިއަށް އޮތް ތަނުގައިވެސް، ޕަބްލިކް ސާވިސް މީޑިއާއިން މަސައްކަތް ކުރަމުން ގެންދާނީ ނަމޫނާ ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި އާންމުންގެ އިތުބާރާއެކު ހިދުމަތް ފޯރުކޮށްދިނުމުގެ އަމާޒަކަށެވެ. އަޅުގަނޑުމެންގެ އުންމީދަކީ އަދި އެދުމަކީ އެ އަމާޒަށް ވާސިލުވުމުގައި ތިޔަ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއި ބިނާކުރުވަނި ހިޔާލާއި އެހީތެރިކަން ލިބުމެވެ. އިހުލާސްތެރިކަމާއެކު އެކުގައި ގުޅިގެން މަސައްކަތް ކުރުމެވެ." ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.

ކުޑަކުއްޖަކު ލައްވައި ސިޔާސީ ރައިވަރެއް ކިޔުއްވި މައްސަލައިގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ޕީއެސްއެމްއަށް ފާޑުކިޔާފައެވެ.

comment ކޮމެންޓް