ޑިންގީއެއްގައި ރަށުން ފޭބި ހިމަންދޫ ބަޔަކު ހައްޔަރުކޮށްފި

އއ. ހިމަންދޫ: ފުލުހުން ވަނީ އެ ރަށުން ފުރި 3 މީހަކު ހައްޔަރުކޮށްފައި --

ޑިންގީއެއްގައި އއ. ހިމަންދޫއިން ފޭބި ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

ކޮވިޑް-19 ބެލި ރާއްޖޭގައި ފެތުރިޔަ ނުދިނުމަށް އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާކޮށް މީގެ ކުރިން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އެންގުމެއް ނެރުއްވައިފައެވެ. އެ އެންގުމާ ހިލާފަށް ރަށްރަށުން ދަތުރު ކުރާ މީހުންނަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

ފުލުހުން މިއަދު ބުނީ، ރޭ 23:45 އެހާކަންހާއިރު ހިމަންދޫގެ ކޮވިޑް-19 ޓާސްކްފޯހުގެ ހުއްދައާ ނުލައި ޑިންގީއެއްގައި ރަށުން ބޭރަށް ދާން އުޅުނު ތިން ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ޑިންގީއަށް އަރައިގެން ފުރިތަނާ ޓާސްކްފޯސްގެ އޮފިޝަލުން ޓޯޗުން އަލިކޮށް ހެދުމުން އެ މީހުން އަނބުރާލާފައި ސިއްރުން ރަށަށް އެރީ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ އުމުރަކީ 28 އަހަރު، 26 އަހަރު އަދި 32 އަހަރެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް