ލީގުތައް ކެންސަލް ކުރުމަށް ފީފާގެ މެޑިކަލް ޗީފް ގޮވާލައިފި

ފީފާގެ މެޑިކަލް ޗީފް މައިކަލް ޑޫގީ ---

މިހާރު ކުރިއަށްދާ 2019-2020 ވަނަ ސީޒަންގެ މެޗުތައް ހުރިހާ ލީގަކުން ވެސް ކެންސަލް ކުރުމަށް ފީފާގެ މެޑިކަލް ޗީފް މައިކަލް ޑޫގީ ގޮވާލައިފި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާ އެކު ފުޓުބޯޅައިގެ ހަރަކާތްތައް މެދުކެނޑިފައި އޮންނަތާ ދެމަސް ވާން މިވަނީ ގާތް ވެފަ އެވެ. އެއްބައި ގައުމުތަކުގެ ފުޓުބޯޅަ ސީޒަން ނިންމާލާފައިވާ އިރު ބައެއް ގައުމުތަކުން ލީގުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ލީގު ކަމަށްވާ ފްރެންޗް ލީގު ވަން މިއަދުގެ ވަގުތެއްގައި ކެންސަލް ކުރި އިރު އާޖެންޓީނާއާއި، ބެލްޖިއަމްގެ އިތުރުން ނެދަލެންޑުގެ ފުޓުބޯޅަ ސީޒަން ވަނީ އިތުރަށް ނުކުޅެން ނިންމާފަ އެވެ. އަނެއްކޮޅުން އިނިގިރޭސިވިލާތާއި، ސްޕެއިން އަދި ޖަރުމަނުގެ އިތުރުން އިޓަލީން އަންނަނީ ލީގަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ލައްވާ ހާއްސަ ފަރިތަކުރުންތަކެއް ވެސް ކުރުވަމުންނެވެ.

ނަމަވެސް އެ ގައުމުތަކުގައި ވެސް ލީގުގެ ކުޅުން ރަސްމީކޮށް ފަށާނެ ތާރީހެއް ކަނޑައެޅިގެން ނޭނގޭ އިރު ޖޫން މަހުގެ ތެރޭގައި ފެށޭ ވަރު ވާނެ ކަމަށް ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ. އެކަމަކު ވައިރަހުގެ "ދެވަނަ އެޓޭކެއް" އައުމަށް ރިސްކެއް ނަގަން ބޭނުން ނުވާތީ ލީގުތައް މި ސީޒަނަށް ނިންމާލަން ޖެހޭ ކަމަށް ފީފާގެ ސިއްހަތާ ބެހޭ ގޮފީގެ އިސްފަރާތް ކަމަށްވާ ޑޫގީ ވަނީ ގޮވާލައިފަ އެވެ.

"އަހަރަމެން އެންމެން ވެސް މިވަގުތު ކަންތައް ކުރަމުން މިދަނީ ސަރުކާރުން އަންގާ އެންގުމެއްގެ ތެރެއިން، ފުޓުބޯޅަ އަކީ މިވަގުތަށް ބަލާއިރު މާ މުހިއްމު ކަމެއް ނޫން،" ޑޫގީ ބުންޏެވެ.

ޑޫގީ ބުނީ، ފުޓުބޯޅަ ވީހާވެސް އަވަހަކަށް ފަށައި، ވައިގައި ހިފުމަކީ އޭނާ ވެސް މިހާރު އެންމެ ދެކެން ބޭނުންވާ ދުވަސްކަމަށެވެ. އެހެން ނަމަވެސް އެ ހާލަތަށް ދިއުމުގެ ކުރިން މިއަދުގެ ސަލާމަތަށް ވިސްނުން މުހިއްމު ކަމަށް ޑޫގީ ބުންޏެވެ.

"މިއަހަރުގެ އޮގަސްޓް ނޫނީ ސެޕްޓެމްބަރު މަހުގައި އަންނަ ސީޒަނުގެ ކުޅުން ފަށަންވީ. އަދުގެ ހާލަތު ހުރި ގޮތުން ވައިރަހުގެ ދެވަނަ އެޓޭކެއް އައުމަކީ ވެސް އެކަށީގެންވާ ކަމެއް. މިކަމުން ސަލާމަތް ވެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން."

ޑޫގީ ބުނީ މިވަގުތަކީ ފުޓުބޯޅަ ހުއްޓުމަކަށް އައިސްގެން ލިބޭ މާލީ ގެއްލުމަށް ވިސްނަންވީ ވަގުތު ނޫން ކަމަށެވެ. އަދި މީހުންގެ ފުރާނަ އަކީ ފައިސާއަށް ގަނެވޭނެ އެއްޗަކަށް ނުވާ އިރު އެންމެ މުހިއްމު ކަމަކީ އެންމެންގެ ރައްކާތެރިކަން ކަމަށް ޑޫގީ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް