ސިއްސައިގެން ގޮސްފައި އަހަންނަށް ހޭލެވުނީ، ވަރަށް ބާރަށް އެއްޗެއް ވެއްޓި ޖެހުނު އަޑު އިވުމުންނެވެ. ތެދުވެ ފުރަތަމަވެސް ބަލައިލެވުނީ، ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިއަށެވެ. ގަޑިން ފަތިހު ފަހެއް ޖެހީ އެވެ. މޯޅިއަކަށް ދެމިލުމަށްފަހު ތެދުވީމެވެ. ފަތިސްނަމާދު ކޮށްލުމުގެ މަޤުޞަދުގަ އެވެ. ފާޚާނާއަށް ވަދެވަދެ ހުއްޓައި، ކޮޓަރި ދޮރުގައި މީހަކު ތަޅައިގަތް އަޑު އިވުނެވެ. އަހަރެންގެ ހާސްކަން އިތުރުވީ، އެއަޑާއި އެކުއެކީހެން މަންމަގެ ވޭނީ ހަޅޭކުގެ އަޑު އިވުމުންނެވެ.

ދުވެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ގޭތެރެވެސް ފެންނަން އޮތީ، އަނދިރިކޮށެވެ. އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ކޮޓަރިއަށްވަދެ ދޮރު ލައްޕައިލީމެވެ. ނަމާދުކޮށްގެން ނޫނީ ބޭރަށް ނުކުންނަން އަހަރެންގެ ޟަމީރު އެއްބަސް ނުވީ އެވެ.

ނަމާދުކޮށް ނިމުމުން، މަންމަގެ ޚަބަރެއް ބަލައިނުލައި އަހަރެންގެ ހިތެއް ހަމައެއް ނުޖެހުނެވެ. ބޭރަށް ނުކުތްއިރުވެސް ގޭތެރެއިން އެއްވެސް މީހެއްގެ ޚިލަމެއް ނުވެ އެވެ. އަހަރެން ހާސްވާގޮތްވި އެވެ. މަންމައަކީ، ފަތިސްނަމާދުކޮށްގެން ނިދާ މީހެއް ނޫނެވެ. ހަގަށް ހުންނަ އަންހެން ކޮއްކޮވެސް އެވަގުތު ގޭތެރޭގެ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި އުޅޭނެ އެވެ. އަހަރެން ފަހަރަކު މީހަކަށް ގޮވަން ފެށީމެވެ. އެކަކުވެސް ޖަވާބެއް ނުދިނެވެ. މަންމަގެ ކޮޓަރި ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހާލުމުންވެސް ޚަބަރެއް ނުވި އެވެ. ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފަ އެވެ.

ކޮއްކޮގެ ކޮޓަރި އާއި ދިމާއަށް ހިނގައިގަތީމެވެ. އިވުނީ ވަރަށް ބާރު އަޑުފަށްގަނޑެކެވެ. އަޑު އައީ ގޭގެ ބޭރުންނެވެ. ދެން އިވުނީ ގޭގެ މައިދޮރުގައި ތަޅައިގަތް އަޑެވެ. އެއާއިއެކު މީހަކު ރޮއިގަތް އަޑު އިވުނެވެ. އަހަރެން ކުޑަކޮށް ޖެހިލުންވާގޮތްވި އެވެ. ފުރާފުރިހަމަވެފައި ހުރި ޒުވާން ފިރެހެނަކަށް ވިޔަސް، ކަންތައް ވަމުން ދިޔަގޮތުން ސިކުނޑީގެ ކަނަކުން ބިރުވެރިކަމުގެ ރަނގަބީލެއް އަޅަން ފެށި އެވެ.

ދެފިކުރެއްގައި ހުރެފައި ގޮސް ގޭގެ މައިދޮރު ހުޅުވާލީމެވެ. ދޮރުމަތީގައި ހުރީ ޒީނާ އެވެ. އެ އަންހެން ކުއްޖަކަށްޓަކައި އަހަރެންގެ ހިތް ބޭޤަރާރުވެފައިވާ ހިތުގެ މަލަކާ އެވެ. ދުވާލު ދެއިރަށް އެގޭ މަގުން އަހަރެން ކުރުކާލި ކަނޑަނީ ޒީނާގެ ރީތި ސޫރަ ދެކެލުމަށެވެ. އެންމެ ފެނިލުމަކުންވެސް އަހަރެންގެ ހިތަށް ފިނިކަން ލިބޭތީ އެވެ.

ޒީނާ ހަލުވިކަމާއިއެކު އެތެރެއަށް ދެމިގަތެވެ. އަވަސްއަވަހަށް ދޮރު ލައްޕައި ތަޅުލި އެވެ. ފުންކޮށް ނޭވާލަމުންދިޔަ ޒީނާ އާއި ދިމާއަށް އަހަންނަށް ވަރަށް ފުންކޮށް ބަލައިލެވުނެވެ. އެމޫނުމަތިން ފެންނަމުންދިޔައީ ހާސްކަމާއި ބިރުވެރި ކަމެވެ. ޒީނާގެ ނިތްކުރިމަތިން ހިއްލާލާފައިވާ ދާތިކިތައް މޫނުގެ ދެފަރާތުން ފައިބަމުން ދިޔަ އެވެ. އެ ހަށިގަނޑުގައި އެކިވަރުގެ ޒަޚަމްތައް ފެންނަން ހުއްޓެވެ. ބައެއް ތަންތަނުން ލޭހިލިފަ އެވެ. އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވައިލީމެވެ. ޒީނާ އެ ފުރުޞަތެއް ނުދިނެވެ. އަހަރެންގެ ގައިގައި ތަތްވީގޮތުން އަނގަ ބަންދުވާގޮތްވި އެވެ.

"ހުޒާމް އަހަރެން... އަހަރެން ސަލާމަތްކޮށްދީ..." ކުއްލިއަކަށް ޒީނާ ގިސްލާފައި ރޯން ފެށި އެވެ.

ވާނުވާ ނޭނގިފައި އަހަރެން ހުރީ ޒީނާގެ ގައިގައި އިނގިލިކުރި ޖައްސައިލަންވެސް ނުކެރިފަ އެވެ. ހިތުގެ މަލަކާ އެހާ ކައިރީގައި ހުރުމުން ލިބުނު ހަމަޖެހުމަށްވުރެ، ނުތަނަވަސްކަން އިތުރުވި އެވެ.

ގޭގެ ދޮރުގައި ދެވަނަ ފަހަރަށް ތަޅައިގަތް އަޑު އިވުނެވެ. ޒީނާ ތެޅިގަތެވެ. ކުރިޔަށްވުރެ ބާރަށް އަހަރެންގެ ގައިގައި ހިފައިގަނެފި އެވެ. ރޮއެރޮއެފައި އޭނަ އެދެމުން ދިޔައީ ދޮރު ނުހުޅުވުމަށެވެ.

ޒީނާ ހަމައަކަށް އެޅުނީ އަހަރެން އެތައް ވާހަކައެއް ދައްކައިގެންނެވެ. އޭނަ ދުރުކޮށްލުމަށްފަހު، ކުޑަދޮރާއި ދިމާއަށް އަހަރެން ހިނގައިގަތީ، ބޭރު ބަލައިލުމުގެ ނިޔަތުގަ އެވެ. އެފުރުޞަތު ދޭކަށް ޒީނާ ބޭނުމެއް ނުވި އެވެ. އަހަރެންގެ އަތުގައި ހިފައި ހުއްޓުވައިފި އެވެ. ބޭރު ނުބެލުމަށް ތަކުރާރުކޮށް އެދެމުންނެވެ.

އަހަރެން ޒީނާ ގެންގޮސް ސޯފާގައި ބޭންދީމެވެ. ވީގޮތް އޮޅުންފިލުވަން އެތައް ވާހަކައެއް ދައްކަން ޖެހުނެވެ. ޒީނާގެ އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުވި އެވެ. އެއްޗެއް ބުނާއިރަށް ފަށަނީ ރޯށެވެ. ބިރުގަންނަކަމަށް ބުނެ އެވެ. އެންމެފަހުން، އަހަންނަށް މަޖުބޫރުވީ، ޒީނާއަށް ވަގުތު ދޭށެވެ. ހަލުވި ފިޔަވަޅުތަކެއްގައި އަހަރެން ގޮސް ކޮޓަރިއަށް ވަނީ ބޭސް އަޅާފައިވާ ކުޑަ ފޮށި ބަލަ އެވެ. އެ ހިފައިގެން އެނބުރިލީއިރު، ޒީނާ ހުރީ، އަހަރެންގެ ފަހަތުގައި ވިއްދާފަ އެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. މޭގައި އަތް ޖައްސައިލެވުނީ ހިތުގެ ތެޅުން ހަމައަކަށް ނޭޅުމުންނެވެ.

އަހަންނަށް ވީގޮތް ފެނި ޒީނާގެ ކައިރިއަށް އައީ ހިންޏެވެ. އެކަނި އިންނަން ނުކެރިގެން އައީ ކަމުގައި ބުނީ ވެސް، ހިނިގަނޑެއް ޖަހައިލަމުންނެވެ.

ޒީނާ ގެންގޮސް އެނދުގައި ބޭންދުމަށްފަހު ކައިރީގައި އިށީނދެލީމެވެ. އެ މޫނުމަތިން ހަލާކުވެފައިވާ ތަންތަން ކަފަކޮޅަކުން، ސާފުކުރަން ފެށީމެވެ. ކަޅި ޖަހައިވެސް ނުލައި ޒީނާ އިނީ އަހަރެންގެ މޫނަށް ބަލާށެވެ. އަހަރެން އެކަން އެނގޭކަމަކަށް ނުހަދަމެވެ.

"ހުޒާމް..." ޒީނާ އަހަރެންގެ އަތުގައި ހިފާލަމުން ގޮވާލިއެވެ.

އެ އަޑު ޖެހުމުން، އަހަރެންގެ ހަރަކާތްތައް ވަގުތުން ހުއްޓިއްޖެ އެވެ. ހިތުގެ ހިމަ ނާރުތަކާއި ވެސް، އެ އަޑު ކުޅެލައިފި އެވެ.

"އަހަރެން ހުޒާމްދެކެ ވަރަށް ލޯބިވޭ..." ޒީނާ އޭނާގެ ޖުމްލަ ފުރިހަމަ ކުރިއިރު، ދެ ލޯ މަރާލައިފި އެވެ.

އަހަރެންގެ އަތުގައި އޮތް ކަފަކޮޅު ދޫވެގެން ވެއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން ޒީނާގެ މޫނަށް އަހަންނަށް ބަލައިލެވުނީ، ޤަބޫލުކުރަން ދަތިވީ ވަރުންނެވެ. އަހަރެން ދަންނަ ޒީނާއަކީ، ''ލަދުގަހެކޭ'' ބުނާތީ އަޑުއަހަމެވެ. އަހަންނަށް ފެނިފައިވަނީ ވެސް ޒީނާގެ ލަދުވެތިކަމުން ފުރިގެންވީ ސިފަ ތަކެވެ.

އަހަރެން ބަލަހައްޓައިގެން އިންނަން ފެށުމުން ޒީނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. ވެއްޓިފައިވާ ކަފަކޮޅު ނަގައި އަހަރެންގެ އަތުގެ ތެރެއަށް ލައިދިނެވެ. އެއަށްފަހު، އެ އަތް ގެންގޮސް އޭނަގެ މޫނުން ހަލާކުވެފައިވާ ތަނުގައި ޖައްސާލައިފި އެވެ.

"ޤަބޫލެއް ނުކުރެވޭ ދޯ... އަހަންނަށް އެނގޭ ހުޒާމްވެސް އަހަރެންދެކެ ވަރަށް ލޯބިވާކަން..." ޒީނާ އަނެއްކާވެސް ބުންޏެވެ.

އަހަރެންގެ ހައިރާންކަން އެތައް ގުނައަކަށް އިތުރު ވިއެވެ. އަހަރެން ޒީނާދެކެ ލޯބިވާކަން، ޒީނާއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ އެއީ އަހަރެންގެ ހިތުތެރޭގައި ރައްކާކޮށްފައިވާ ބޮޑު ސިއްރެކެވެ. އަމިއްލަ ނަފުޞަށް ވެސް އަހަރެން އެ ސިއްރު ހާމައެއް ނުކުރަމެވެ. ވީއިރު، ޒީނާއަށް އެ ސިއްރު ފަޅާއަރަންޖެހޭ، އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.

އަނެއްކާވެސް ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ. އެފަހަރު ހީވީ ދޮރުވެސް ވައްޓައިލަފާނޭ ހެންނެވެ. ޒީނާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައި ދިޔަ އެވެ. އެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަޞަރެވެ. އަހަރެން އަތުގައި ޒީނާ ހިފައިލި އެވެ. ވަރަށް ބާރަށެވެ. ހީވީ ފަހު ފަހަރަށް ހިފައިލި ހެންނެވެ. ޒީނާ އަހަރެންގެ ގައިގައި ބައްދާލި އެވެ. އަހަރެންގެ ކޮނޑުމަތީގައި ބޯއަޅާލައިގެން އެތައް އިރަކު އޮތެވެ. ވާނުވާ ނޭނގިފައި އަހަންނަށް އިނދެވުނީ ކުރަންވީ ކަމެއް ނޭނގިފަ އެވެ. ޒީނާ ހުއްޓުވާކަށް ވެސް އަހަރެން ނޫޅެމެވެ. ޒީނާ ތެދުވި އެވެ. އަހަރެންގެ މޫނަށް ބަލައިލިއިރު އެ ދެލޮލުން ކަރުނަ އޮހެނީ އެވެ.

"ހުޒާމް... އަހަރެން ދާންވެއްޖެ..." ޒީނާ ދެރަވެލާފައި ބުންޏެވެ.

އަހަރެން ވަކި އެއްޗެއް ނުބުނަނީސް، ފެނުނީ، ޒީނާ ހިނގައިގަތް ތަނެވެ. އަހަރެން ބަލަހައްޓައިގެން ހުއްޓައި ގެއިން ބޭރަށް ނުކުމެ ދޮރު ލައްޕާލައިފި އެވެ. ދެން އިވުނީ ޒީނާ ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑެވެ. އެއާއިއެކު ގަދަ އަލިގަނޑެއް ދޮރާއި ދިމާއިން އެޅިގެން ދިޔަ އެވެ. އަލިގަނޑު، ކުޑަދޮރުގެ ފޮތިގަނޑުތަކުގެ ތެރެއިން ފުރޭނިގެން އައިސް އަހަރެންގެ ގައިގައި ޖެހިއްޖެ އެވެ. އަހަރެން އަނބުރައިގަނެގެން ހުރިތަނަށް ވެއްޓުނެވެ.

"ހުޒާމް... ހުޒާމް... ހުޒާމް..." އިވުނީ ދަންނަ އަޑެކެވެ.

ދެލޯ ހުޅުވާލި ގޮތަށް މޫނުމަތީގައި ދެ އަތް ހުރަސްކޮށްލަން މަޖުބޫރު ވިއެވެ. އިރުގެ ރަން ދޯދިތައް އެޅިފައިވަނީ ސީދާ އަހަރެންގެ މޫނަށެވެ. އަހަންނަށް އޮވެވުނީ ވިނަގަނޑެއްގެ މަތީގަ އެވެ. ވަށައިގެން އުދުހެމުންދިޔަ ކުދި ކޮކާތައް އަހަރެން ތެދުވުމާއިއެކު މައްޗަށް އުދުހިގަތެވެ. އަހަރެން ފަސް އެނބުރުނުއިރު، ކުރިމަތީގައި ހުރީ ޒީނާ އެވެ. ޒީނާ ހުރީ ހުދުކުލައިގެ ދިގު ހެދުމެއްގަ އެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ ކޮނޑުގެ ދެފަރާތުން ގެނެސް ކުރިމައްޗަށް ވައްޓާލާފަ އެވެ. ޒީނާ ހުރީ ހިނިތުންވެލައިގެންނެވެ. އަހަރެން ފެނުމުން އަތުގެ އިޝާރާތުން ކައިރިއަށް އައުމަށް އެދުނެވެ.

އަހަރެން މަޑުމަޑުން ކުރިއަށް ހިނގައިގަތީމެވެ. އެ ވަގުތު ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފެހެއްޓިކަން އެނގުނެވެ. ފަސް އެނބުރި ބަލައިލިއިރު، ކައިރީގައި ހުރީ މަންމަ އެވެ.

ސިއްސައިގެން ގޮސްފައި އަހަންނަށް ހޭލެވުނެވެ. އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ތިބީ އަހަރެން ވަށާލައިގެންނެވެ. އަހަރެންގެ ދެލޯ ހޯދާލީ އެންމެ ސޫރަ އެކެވެ. ޒީނާ އެވެ. ޒީނާއެއް ނެތެވެ. ގޭތެރެއިން އެއްވެސް ތަފާތު ކަމެއް ފާހަގައެއް ނުކުރެވުނެވެ. އަހަންނަށް މިވީ ކިހިނެތް ހެއްޔެވެ؟ އެއީ ފެނުނު ހުވަފެނެއް ހެއްޔެވެ؟ ނޫނީ އެއީ ހީވި ހީވުމެއް ހެއްޔެވެ؟ އެކަމަކު އެއީ ޙަޤީގަތެކޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ؟

އަހަރެން ކުޑަކޮށް ހަމައަކަށް އެޅުނީ، އޭގެ ހަފްތާއެއް ފަހުންނެވެ. ޒީނާ ހޯދަށް އެގޭ ދަށަށް އަހަރެން ނުދާ ދުވަހެއް މަދުވާނެ އެވެ. ޒީނާއެއް ނުފެނެ އެވެ. ދިޔައީ ކޮންތާކަށްތޯ ވެސް، މީހެއްގެ ކައިރީގައި އަހާލާކަށް ނުކެރުނެވެ. އެންމެފަހުން އަހަރެންގެ ކެތްތެރިކަން ކޮޅުންލި އެވެ. ޒީނާގެ ޚަބަރެއްނުވެ ދެ ހަފްތާ ފާއިތުވެ ދިޔައީ އެވެ.

ޒީނާގެ މަންމަގެ ކައިރިއަށް އަހަރެން ދިޔައީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. އެކަމަކު އަހަންނަށް ލިބުނީ އަނިޔާ އެވެ. ކަންތައް ވީ ގޮތުން ގަތީ ލަދެވެ. ހިތުގައި ޒަޚަމުގެ ފާރުގަނޑެއް އުފެދިއްޖެ އެވެ.

"ޒީނާއޭ... ކޮން ޒީނާ އެކޭ ކިޔާކަށް... ޒީނާއެއް ނެތް..." އަހަރެންގެ ދުލުކުރީގައި ޒީނާގެ ނަން އޮއްވައި ފެނުނީ މޫނުމައްޗަށް ދޮރު ޖެހި ތަނެވެ.

އަހަރެން ދެރަވެ ލަދުވެސް ގަތެވެ. އޭގެ ފަހުން އެގޭ ކައިރިއަށް ދިޔުން ހުއްޓާލީމެވެ. މަންމަގެ ކައިރީގައި ޒީނާގެ ވާހަކަ އެހުމުންވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. އެންމެފަހުން އަހަރެންގެ ސުވާލުތަކުގެ ޖަވާބު ލިބުނެވެ. އެކަމަކު އެ ޖަވާބާއިއެކު އަހަރެންގެ ދިރިއުޅުން ވެސް ފުންމިން ނޭނގޭ އަނދަވަޅެއްގެ ތެރެއަށް ވެއްޓުމަށް ފަހުގަ އެވެ.

އާއެކެވެ. ޒީނާ މި ކެހިވެރި ދުނިޔެ އާއި އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ އެވެ. އޭނަ މަރުވީ އެވެ. ނޫނެކެވެ. މީހަކު އޭނަ މަރާލީ އެވެ. އެ މީހަކީ ދެވަނަ އެހެން މީހެއް ނޫނެވެ. އަހަންނެވެ. ރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ވަނީ އަހަރެން އެކަން ކުރަނިކޮށް ފެނުނު ކަމަށް ބުނެފަ އެވެ.

އަހަރެން ހައްޔަރު ކުރެވުނެވެ. ޒީނާގެ ޤާތިލެއްގެ ގޮތުގަ އެވެ. ގަބޫލުކުރަން ދަތިވި އެވެ. އަހަރެން ޒީނާ މަރާލަންވީ ކީއްވެ ހެއްޔެވެ؟ މި ހިތުގައި ވާ ލޯބި އެކަމަށް ފުރުޞަތެއް ވެސް ނުދޭނޭ ކަން ޤައިމެވެ.

އަހަރެންގެ ހަނދާނުގައި ކުޑަވެސް މިންވަރެއް ނެތެވެ. އަހަރެން އިންކާރު ކުރީމެވެ. އަހަންނަކީ އެފަދަ ނުބައި އަމަލެއް ހިންގޭ ވަރަށްވުރެ ހިތްބަލި މީހެކެވެ. ލޭ އޮހޮރޭތަން ފެނިއްޖެނަމަ އަހަރެން އަނބުރައިވެސް ގަންނާނެ އެވެ.

ފުލުހުންގެ ތަހުޤީގުތައް ހުއްޓައެއް ނުލި އެވެ. އެ މީހުން ދެން ހޯދީ ވީޑިއޯ ތަކެކެވެ. އެ ވީޑިޔޯތަކުގައި ވަނީ އަހަންނެވެ. ޒީނާއަށް ހަމަލާދީ މަރާލާ މަންޒަރެވެ. އެއީ ހަމަ އެ ދުވަހު އަހަރެން ލައިގެން ހުރި އަންނައުނެވެ. އެކަމަކު އެއީ ކިހިނެތް ވާނޭ ކަމެއް ހެއްޔެވެ؟ ޒީނާގެ ޤާތިލަކަށް އަހަރެން ވާންވީ ކީއްވެ ހެއްޔެވެ؟ ޒީނާގެ ފުރާނައިން އަތްދޮވެލަންވީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟ ހުރިހާ ސުވާލުތަކަކުން އަހަރެންގެ ސިކުނޑި ސުމަކަށް ދިޔަ އެވެ.

އަހަރެންގެ ސުވާލުތަކުގެ ޖަވާބު ލިބުނީ، ޖަލުގެ ތޭރިތަކުގެ ތެރޭގައި ދުވަސްތައް ހޭދަކުރަން ފެށިތާ އަށްވަނަ ދުވަހު އެވެ. މަންމަ އަހަންނާއި ބައްދަލު ކުރަން އައީ، އަހަރެން ބޭނުންވި ހުރިހާ ސުވާލެއްގެ ޖަވާބު ހިފައިގެންނެވެ. އަހަންނަކީ، ސިކުނޑީގެ މައްސަލަތަކެއް ހުންނަ މީހެކެވެ. ބޯ ހަމަނުޖެހޭ ވަގުތުތަކުގައި ކުރެވޭ ނުކުރެވޭކަމެއް ނޭނގެ އެވެ. ވަށައިގެން ފެންނަކަމަށް ހީވާ މަންޒަރު ތަކަކީވެސް ހަޤީގަތެއް ނޫނެވެ. އެއީވެސް އަހަރެންގެ ސިކުނޑި އަހަންނަށް ދައްކަމުންދާ މަންޒަރު ތަކެކެވެ.

އެދުވަހު ޒީނާ ގެއަށް ދިޔައީ އަހަރެން ބުނެގެންނެވެ. ޒީނާ އަންނާތީ، މަންމަމެން ކޮޓަރިއަށްލައި ބަންދުކުރީ ވެސް އަހަރެންގެ އަމިއްލަ އަތުންނެވެ. ވަކި ދުވަސްތަކެއްގައި އެއްވެސް މީހަކާއި ބައްދަލުކޮށް ވާހަކަ ދެއްކުން އޮންނަނީ، އަހަންނަށް މަނާކޮށްފަ އެވެ. އެންމެންގެ ސަލާމަތަށް ޓަކަ އެވެ. އެދުވަހު އަހަރެން ޒީނާގެ ފަރާތުން ބޭނުންވީ، ވަގުތީ އުފަލެކެވެ. އެކަން ނުވުމުން ޒީނާއަށް އެތައް އަނިޔާއެއް ކުރީމެވެ. ޒަޚަމުތަކުގައި މަލަން އަޅައިދިނީ ވެސް ހަމަ އަހަރެންގެ ދެއަތުންނެވެ. އަހަރެން ހެއްލެމުންދިޔައީ ސިކުނޑި ދައްކައިދެމުންދިޔަ ކުލަތަކަށެވެ. އަހަރެންގެ ކައިރިން ސަލާމަތްވެގެން ޒީނާ ގެއިން ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ޒީނާއަށް ހަމަލާދިނީ އަހަރެންގެ ދެއަތުންނެވެ. ތޫނު ވަޅީގެ އެތައް ހަމަލާއެއް އެއްވެސް ރަޚުމެއްނެތި އެ ހަށިގަނޑަށް އަމާޒު ކުރީމެވެ. އެއިން ކޮންމެ ފަހަރަކު ވޭނީ އަޑަކުން ޒީނާ ހަޅޭއްލެވި އެވެ.

އަހަންނަށް ދެލޯ މަރާލެވުނެވެ. މިއީ އަހަރެންގެ ހިތުން ދުވަހަކުވެސް ނުފިލާނޭ ލައްގަނޑެކެވެ. އަމިއްލަ ކުށެވެ. ގަސްދުގައި ވިޔަސް، ނުތަތަ ނުވިޔަސް، ޒީނާގެ ޤާތިލަކީ ހަމަ އަހަރެންނެވެ. އަހަރެން ޤަބޫލުކުރީ، އަހަންނަށް އެންމެ ޙައްޤީ ޖަލުގެ ތޭރިތަކުން އެތެރެ ކަމަށެވެ. ކުރި ހުރިހާ ކުށަކަށް އިޢުތިރާފުވެ، ޙައްޤު އަދަބު ލިބިގަތުމަށް އަހަރެން ހުރީ ތައްޔާރަށެވެ. ސިކުނޑީގެ މައްސަލަ ހުންނާތީ، އަހަރެން ޖަލުން މިނިވަން ކުރަން އާއިލާއިން މަސައްކަތް ކުރި އެވެ. އެހެނަސް، އެގޮތް ބޭނުން ނުވީ އަހަންނެވެ.

އަހަންނަކީ ނުރައްކާތެރި މީހެކެވެ. ލޯބިވާ މީހުންނަށް ހުރި ބިރެކެވެ. އަހަރެން ކަހަލަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫވެގެން ނުވާނެ އެވެ. ހުރިހާ ކަމެއް ހިނގައި ދިޔައީ އަހަރެންގެ އިޚްތިޔާރުން ބޭރުގައި ކަމަށް ވީނަމަވެސް، ތަޢުބާވީމެވެ. ކުރިޔަށްވުރެ ބޮޑަށް ނަމާދަށް ފަރުވާތެރިވެ، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން ފެށީމެވެ. އެއީ ބޭކާރު ވިސްނުންތަކުން ދުރުވުމަށް އަހަންނަށް ލިބުނު ވަރުގަދަ ހަތިޔާރެކެވެ.

ކޮންމެ ކަމެއްވެސް ދިމާވާނީ، ރަނގަޅަށެވެ. ކާމިޔާބީއަކީ، އެކަމަކުން ޢިބުރަތް ލިބިގަނެ، ޙެޔޮ މަގަށް ރުޖޫޢަ ވާން ދަސްވުމެވެ. މިއަދު އަމިއްލަ ނަފުޞާއިމެދު ފަޙުރުވެރިވަމެވެ. ދުނިޔެމަތީން ލިބުނު ފިލާވަޅުގެ ސަބަބުން އަހަރެންގެ ޙަޔާތް ބާއްޖަވެރި ވެއްޖެ އެވެ. އެ ހާދިސާއަށް ދެ އަހަރު ފަހުން މިއަދު އަހަންނަކީ ކީރިތި ޤުރުޢާން ހިތުދަސް ހާފިޒެކެވެ. މިއީ އަހަންނަށް ދުނިޔެމަތީން ލިބުނު އެންމެ ބޮޑު އުފަލެވެ. އެންމެ ބޮޑު ފިލާވަޅު ވެސް މެއެވެ. މަރުވެގެން ދާނީވެސް، މިއަދު ލިބިފައިމިވާ އުފާވެރިކަން މަތީގަ އެވެ.

(ނިމުނީ)

comment ކޮމެންޓް