ކުޑަކުދިންނަށް ވެސް ނަފްސާނީ ބަލީގެ ބިރުވެރިކަން އެބައޮތް: ޑރ. އާރިފް

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އާރިފު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީސޯސީ

އާންމު ދިރިއުޅުމަށް ބަދަލު އައިސް ހުރިހާ ވަގުތެއް ގޭގައި ހޭދަ ކުރަން ޖެހުމުން ކުޑަކުދިންނަށް ވެސް ނަފްސާނީ މައްސަލަތައް ދިމާވާނެ ކަމަށް އައިޖީއެމްއެޗްގެ ބަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އާރިފް ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެ ލޮކްޑައުންގެ ހާލަތަށް ގެނައުމުން ނަފްސާނީ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ނެޝަނަލް އެމަޖެންސީ ސެންޓަރުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އާރިފް ވިދާޅުވީ ކުޑަކުދިންނަށް ނަފްސާނީ މައްސަލަ ދިމާނުވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށާއި ނަމަވެސް އެއީ ކުށްހީއެއް ކަމަށެވެ.

ކުޑަކުދިންގެ ހާސްވުމާއި ކަންބޮޑުވުން ފެންނާނީ އެހެން ގޮތަކަށް ކަމަށް ޑރ. އާރިފް ވިދާޅުވި އެވެ.

"ސުކޫލުތައް ބަންދުވެފައި އޮތުމާއި އެކުދިންގެ އާންމުކޮށް އެކުދިންގެ އޮންނަ ތާވަލަށް ނޫޅެވުމުން އެކުދިންގެ ބިހޭވިއާ މައްސަލަކާއި ނުނިދުމާއި ބައިވަރު އުނދަގޫތައް." ޑރ. އާރިފް ވިދާޅުވި އެވެ.

އެހެންކަމުން ކުދިން ނަފްސާނީ ބަލި މަޑު ކަމަށް ހުށައެޅިދާނެ ކަމުގެ ބިރު އޮތުމުން އެކަމަށް ސަމާލުކަން ދިނުން މުހިންމު ކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

"ކުދިންނާ ވާހަކަ ދައްކާލެއް ގިނަ ކުރަން ޖެހޭ. ކުދިންގެ އަޑު އަހަން ޖެހޭ. ކުދިންނަށް ހިއްވަރުދޭން ޖެހޭ. ކުދިން ކަންކަމުގައި ބައިވެރި ކުރަން ޖެހޭ. ކުދިންނަށް ވިސްނޭ ވަރަށް ވިސްނޭ ގޮތަށް މިކަންކަމުގައި ހުރި މުހިންމުކަން ކިޔައިދޭން ޖެހޭ." ޑރ. އާރިފް ވިދާޅުވި އެވެ.

ކުޑަކުދިންނަށް އަޅާލުމާއި އެކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މި ދަނޑިވަޅުގައި އިސްކަން ދޭން ޖެހޭ ކަންކަން ކަމަށް ޑރ. އާރިފް ފާހަގަ ކުރެއްވި އެވެ.

ކޮވިޑް 19 އާ ގުޅިގެން ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުން ގިނަވެފައި ވާއިރު ނިމިދިޔަ މަހު ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު 615 އަށް އަރައިފަ އެވެ. އެއީ މިދިއަ އަހަރުގެ އެ މުއްދަތާ އަޅާއިރު ދެގުނަ އިތުރުވުމެއް ކަމަށް ޑޮކްޓަރުން ފާހަގަ ކުރެ އެވެ.

comment ކޮމެންޓް