ހުއްދަނެތި މަނަދޫއިން ފުރި ދެމީހަކު ހައްޔަރުކޮށްފި

މަނަދޫ މޮނިޓަރިންގެ ހާލަތުގައި އޮއްވައި އެރަށުން ފުރައިގެން ދެ މީހަކު ވަނީ ނ. އަތޮޅު ލަންދޫއަށް ދާން އުޅެފައި --- ފޮޓޯ : ޓްވިޓާ

ޓާސްކް ފޯސް އަށް ނޭނގި ޑިންގީއެއްގައި ނ. މަނަދޫއިން ފުރައިގެން ގޮސް އެ އަތޮޅުގެ ލަންދޫއަށް އަރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައި ވަނީ އިއްޔެގެ ވަގުތެއްގައި މަނަދޫއިން ފުރައިގެން ލަންދޫއަށް ދާން އުޅުނު ދެމީހުން، އެ ރަށު ފަޅަށް ވަންނަން އުޅުމުން ފުލުހުން ވަނީ އެމީހުން ރަށަށް ވަނަ ނުދީ ހުރަސްއަޅާފައި ކަމަށެވެ. އެއާ އެކު އެމީހުން ވަނީ އެނބުރި މަނަދޫއަށް ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ ރަށު ޓާސްކްފޯސްތަކުގެ ހުއްދައާ ނުލާ ދަތުުރުކުރުމާއި އަދި ރަށްރަށުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށްފައިވާ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ވަނީ ރޭގެ 21:25ގައި ދެމީހަކު ހައްޔަރުކޮށްފައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުން ވެސް ވަނީ މަނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

މާލެއިން ފުރައިގެން ދިޔަ ނ. ނަރުދޫ ބޯޓު ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގައި 14 ރަށެއް ހިމެނެއެވެ. އެގޮތުން އޭގެތެރޭގައި މަނަދޫ ހިމެނެއެވެ. ކޮވިޑް-19 އާ ގުޅޭ ކޮންޓެކްޓްގެ ކޭސްތަކަށް ބަލައި އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

comment ކޮމެންޓް