މިހާރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކަލުގެ ހާލަތާ ގުޅިގެން ސިއްހީ ދާއިރާގައި ހުރި ދަތިތައް ދެނެގަތުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް، ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވައިފި އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ފައިސަލް ވަނީ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހާއްސަކޮށް މި ދުވަސްވަރުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.
އެގޮތުން ކޮވިޑް-19 ފެތުރިފައިވާ ދުވަސްވަރުގައި އާންމު އެހެން ބަލި މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ދާގޮތާއި އެ ރަށްރަށުގައި ތިބި ދާއިމީ ބަލިތަކަށް ފަރުވާ ކުރުމުގެ ކަންތައްތައް ކުރާގޮތުގެ މައުލޫމާތު ވަނީ އެމަނިކުފާނު އޮޅުންފިލުވާފައެވެ.
އަދި މި ދަނޑިވަޅުގައި އެހެން އެއްވެސް ހިދުމަތެއް ހުއްޓައި ނުލައި ކުރިއަށް ގެންދެވުމުގެ މުހިއްމު ކަމަށް އެމަނިކުފާނު ވަނީ ބައްދަލުވުމުގައި އަލި އަޅުއްވާފައެވެ.
އެ ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ވެރިން ވަނީ ހާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އަޅަންޖެހިފައިވާ ފިޔަވަޅުތަކާއެކު ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްތެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ކުރާ އާންމު ދަތުރުފަތުރު ހުއްޓާލާފައި އޮތުމުން ސިއްހީ ދާއިރާއިން ކުރިން އާންމު ދަތުރުފަތުރަށް ބަރޯސާވެ ދެމުންދިޔަ ބައެއް ހިދުމަތްތައް ދިނުމުގައި ހުރިދަތިތަކާއި ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ބައެއް ތަކެތި ލިބުމުގައި ހުރިދަތިތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ.