ކޮރޯނާ ވައިރަސްއަކީ ލެބޯޓަރީއަކުން އައި އެއްޗެއް ކަމަށް އެޗުއައިވީ ވައިރަސް ހޯދި ސައިންޓިސްޓް ތުހުމަތުކޮށްފި

ލުކް މޮންޓެގްނާ.---

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަކީ ލެބޯޓަރީއަކުން އައި ވައިރަސްއެއް ކަމަށް އެޗުއައިވީ ވައިރަސް ހޯއްދެވި ސައިންޓިސްޓް ލުކް މޮންޓެގްނާ ވިދާޅުވެއްޖެެ އެވެ.

ފްރާންސްއަށް ނިސްބަތްވާ ލުކް މޮންޓެގްނާ އެޗްއައިވީ ވައިރަސް ހޯއްދެވުމުން އޭނާ އަށް 2008 ވަނަ އަހަރު ނޮބެލް ޕްރައިޒް ވެސް ލިބިވަޑައިގެންނެވި އެވެ.

ފްރާންސްގެ ސީ ނިއުސް ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސްގައި އެޗުއައިވީ ޖެނެޓިކް އެލިމަންޓްސްތައް ހިމެނޭ ކަަމަށާއި ގުދުރަތީ ގޮތުން އުފެދޭ ވައިރަސްއަކުން އެހެން ނުވާނެ ކަމަށެވެ. އަދި އެ ވައިރަސް އުފެއްދޭނީ ޕްރޮފެޝަނަލް މީހުންނަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެ ވައިރަސްއައީ ކޮން ގައުމެއްގެ ލެބޯޓަރީއަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އަަހަރެން ބުނެދޭން ބޭނުން ވަނީ ފެކްޓްސް. އެކަމަކު އެ ވައިރަސް ހެދީ ވަކި ބައެކޭ ބުނާކަށް ނޭނގޭ،" ލުކް ވިދާޅުވި އެވެ.

ލުކް ވިދާޅުވީ ކޮރޯނާ ވައިރަސްގައި އެހެނިހެން ވައިރަސްތަކުގައި ހުންނަ ބައި ހުންނަ ކަމަށާއި އެގޮތުން ވާލުން އަންނަ ވައިރަސްގެ ބައިތައް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އެ ވައިރަސްގައި އެއިޑްސް ބަލި ޖައްސާ އެޗުއައިވީގެ ބައިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ފަރުވާކުރުމަށް އެއިޑްސްއަށް ފަރުވާކުރުމަށް ބޭނުންކުރާ ބައެއް ބޭސްތައް މިހާރު ވެސް ދަނީ ބޭނުންކުރަމުންނެވެ.

ކޮވިޑް-19 ވައިރަސް ލެބޯޓަރީއެއްގައި އުފެއްދީ ކޮން މަގްސަދެއްގައިތޯ ނޫސްވެރިޔާ ސުވާލު ކުރުމުން، ލުކް ވިދާޅުވީ އެ ވައިރަސްއަކީ އެއިޑްސްއަށް ވެކްސިނެއް އުފައްދަން ކުރި މަސައްކަތްތަކުގެ ތެރެއިން އުފެއްދި ވެކްސިނެއް ކަމަށް ފަހަރެއްގައި ވެދާނެ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު އިންޑިއާގެ ރިސާޗް ގްރޫޕްއަކުން ޝާއިއުކުރި ޕޭޕާއެއްގައި ވެސް ވަނީ އެޗްއައިވީ ވައިރަސްއާ ކޮވިޑް-19 އާ ހުރި އެއްގޮތް ކަންތައްތަކެއް ބަޔާންކޮށްފަ އެވެ. ނަމަވެސް ފަހުން އެ ޕޭޕާ ވަނީ ނަގައިފަ އެވެ.

އިންޑިއާގެ ރިސާޗަރުންނެކޭ އެއްގޮތަށް ޗައިނާގެ ޗައިނާގެ ސައުތު ޗައިނާ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން މިދިޔަ ފެބްރުއަރީ މަހު ޕަބްލިޝްކުރި ރިސާޗް ޕޭޕަރެއްގައި ވެސް ބުނީ އެ ވައިރަސް އައުން ގާތީ ޗައިނާގެ ވޫހާން ލެބޯޓަރީއަކުން ކަމަށެވެ. އެ ޕޭޕާ ވެސް ފަހުން ވަނީ ނަގައިފަ އެވެ.

ލުކް މޮންޓެގްނާގެ ތިއަރީއަށް ރައްދުދީ ޗައިނާގެ ސަރުކާރުގެ އޮފިޝަލް ނޫސް ޒިންހުއާ ނޫހުން ބުނީ އޭނާގެ ތިއަރީގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި އެ ތިއަރީ ފްރާންސްގެ އެކްސްޕާޓުން ވެސް ދޮގުކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ލުކު މޮންޓެގްނާގެ ތުހުމަތަށް ރައްދުދީ ފްރާންސްގެ އިމިއުނޮލެޖިސްޓް އަދި އަދި ހެޑް އޮފް ސައިންސް ކައުންސިލް އަދި ކޮވިޑް 19 އާ ގުޅިގެން ފްރާންސް ސަރުކާރަށް ލަފާ ދެއްވާ ޖޭން ފްރޭންކޮއިސް ވިދާޅުވީ ލުކުގެ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ސައިންޓިފިކް ކޮމިއުނިޓީގައި ހިމެނޭ ކޮންމެ މީހަކު ވެސް ގަބޫލުކުރަނީ ކޮވިޑް19 އަކީ ކޮރޯނާ ވައިރަސް ކަމަށެވެ.

ޒިންހުއާ ނިއުސްއިން ބުނީ އިންޑިއާގެ ރިސާޗަރުން ވެސް އެޗުއައިވީއާއި ކޮރޯނާ ވައިރަސްގެ އެއްގޮތްކަން ހާމަކޮށް ޝާއިއުކުރި ޕޭޕަރު ނަގައިފައިވާ ކަމަށާއި އެހެންކަމުން ލުކް މޮންޓެގްނާ ދައްކަވާ ވާހަކަތަކަކީ ފޭކް ނިއުސްކަމަށެވެ.

މައުލޫމާތު: ސީ ނިއުސް ޗެނަލް، ފްރާންސް އަދި ޒިންހުއާ ނިއުސް އޭޖެންސީ

comment ކޮމެންޓް