ހައިކޯޓުން އެންމެ ގިނައިން ބާތިލު ކުރީ ގާޒީ އިބްރާހިމް އަލީގެ ނިންމެވުންތައް

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ -- ސަންފައިލް ފޮޓޯ

މިދިޔަ ތިން އަހަރުގެ ތެރޭގައި ހައިކޯޓުން އެންމެ ގިނައިން ބާތިލު ކުރީ، ކްރިމިނަލް ކޯޓުގެ ކޮން ފަނޑިޔާރުންނެއްގެ ނިންމެވުންތަކެއްކަން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހާމަކުރަައްވައިފި އެވެ.

ޕީޖީ އެ މައުލޫމާތު ހިއްސާ ކުރެއްވީ ކޮރަޕްޓު ފަނޑިޔާރުން ކުށްވެރިން ބަންދުނުކޮށް މުޖުތަމައުއަށް ދޫކޮށްލާ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ. ޝަމީމް ވިދާޅުވީ، ހުރިހާ ފަނޑިޔާރުންނަކީ ކޮރަޕްޓު ފަނޑިޔާރުން ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި ބަންދު މަޖިލިސްތައް ހިނގާ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެހެން ވިދާޅުވެ ކުރެއްވި ޓްވީޓުގައި، އޭނާ ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި ހައިކޯޓުން އެންމެ ގިނައިން ބާތިލު ކުރީ ކްރިމިނަލް ކޯޓުގެ ކޮން ފަނޑިޔާރުންނެއްގެ ނިންމުންތަކެއްކަން ފެންނަ ތަފާސްހިސާބުތަކެއް ހިއްސާކުރައްވައިފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި ހައިކޯޓުން އެންމެ ގިނައިން ބާތިލު ކުރީ ގާޒީ އިބްރާހިމް އަލީގެ ނިންމެވުންތަކެވެ. ގާޒީ އިބްރާހިމް އަލީގެ 20 ނިންމެވުމަކާ ދެކޮޅަށް އެ މުއްދަތުގެ ތެރޭގައި ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ. އެއީ މުޅިންވެސް ދައުލަތުން އިސްތިއުނާފު ކުރި މައްސަލަތަކެވެ.

ދެން އެންމެ ގިނައިން ހައިކޯޓުން ބާތިލު ކުރީ ގާޒީ ހަސަން ނަޖީބުގެ ނިންމެވުންތަކެވެ. ތިން އަހަރު ތެރޭގައި އޭނާގެ 15 ނިންމެވުމަކާ އިދިކޮޅަށް ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ. އެ 15 މައްސަލައަކީވެސް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަތަކެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރެއްވި އަދި މިހާރު ޑްރަގް ކޯޓަށް ބަދަލުކޮށްފައިވާ ގާޒީ އާދަމް އާރިފްގެ 15 ނިންމެވުމަކާ އިދިކޮޅަށްވެސް ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ދައުވާ ލިބޭ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެކެވެ.

  • ގާޒީ އަބްދުލްބާރީ ޔޫސުފް: 7 ނިންމެވުމަކާ އިދިކޮޅަށް ހައިކޯޓުން ހުކުމްކޮށްފައިވޭ.
  • ގާޒީ އަލީ އާދަމް: 7 ނިންމެވުމަކާ އިދިކޮޅަށް ހައިކޯޓުން ހުކުމްކޮށްފައިވޭ (އޭގެ ތެރެއިން އެއް މައްސައަކީ ދައުވާ ލިބޭ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެއް)
  • ގާޒީ އިސްމާއިލް ރަޝީދު: 7 ނިންމެވުމަކާ އިދިކޮޅަށް ހައިކޯޓުން ހުކުމްކޮށްފައިވޭ
  • ގާޒީ މުހައްމަދު ސަމީރު: 7 ނިންމެވުމަކާ އިދިކޮޅަށް ހައިކޯޓުން ހުކުމްކޮށްފައިވޭ (އޭގެ ތެރެއިން ދެ މައްސައަކީ ދައުވާ ލިބޭ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ)

ކްރިމިނަލް ކޯޓުގައި މިހާރު ތިބި ގާޒީންގެ ތެރެއިން ބައެއް ގާޒީންގެ ސުލޫކީ މައްސަލަ މީގެ ކުރިން ޖޭއެސްސީއިން ބަލާފައިވެ އެވެ. އޭގެ ތެރޭގައި ގާޒީ އިބްރާހިމް އަލީގެ މައްސަލަތަކާއި، ގާޒީ ހަސަން ނަޖީބުގެ މައްސަލަތައްވެސް ހިމެނެ އެވެ. އަދި ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ މައްސަލަތައްވެސް ބަލަމުންދާ ކަމަށް މީގެ ކުރިން ޖޭއެސްސީއިން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީއަކު އަހަރަކު 1000 އަށް ވުރެ ގިނަ ބަންދު އަމުރުގެ މައްސަލަ ނިންމާފައިވެއެވެ.

comment ކޮމެންޓް