ކުޓީނިއޯ އެނބުރި ގެނައުމަށް ލިވަޕޫލުން ދެކޮޅު: ރިޕޯޓް

ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ-- ފޮޓޯ: އޭޕީ

ލިވަޕޫލުގެ ކުރީގެ ތަރި ފިލިޕޭ ކުޓީނިއޯ އަނބުރާ އެކުލަބަށް ދިއުމަށް އެދުމުން ކުލަބުން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ކުޓީނިއޯ މިވަގުތު ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންދަނީ ބާސެލޯނާގެ ލޯނު އެއްބަސް ވުމެއްގެ ދަށުންނެވެ. ބަޔާން މިއުނިކުގައި ކުޓީނިއޯ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެކުލަބުން އޭނާ ދާއިމީ ކޮންޓްރެކްޓެއް ދިނުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާއިރު އޭނަގެ ކުރީގެ ކުލަބް ލިވަޕޫލަށް ދާން ބޭނުންވާ ކަމުގެ އިޝާރާތެއް ކުޓީނިއޯ ވަނީ ކޮށްފަ އެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އެކަމަކު 100 މިލިއަން ޕައުންޑުގެ އަގަކަށް ބާސެލޯނާއަށް ގޮސް ކުޓީނިއޯއަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެހެން ކަމުން ބާސެލޯނާއިން އޭނަގެ ބަދަލުގައި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރީޒްމަން ގެނައުމުން ފުރުސަތު ގެއްލޭނެތީ ކުޓީނިއޯ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ފޮނުވާލައިފަ އެވެ.

ވޭތުވެ ދިޔަ ސީޒަން އެއްކޮށް ކުޓީނިއޯ ބަޔާންގައި ކުޅުނު އިރު ބާސެލޯއިން އޭނާ ގެންނަން ބޭނުންވާ ކަމުގެ އިޝާރާތެއް ނުކުރެއެވެ. ވުމާއެކު ކުޓީނިއޯގެ މުސްތަގުބަލާއި މެދު މިވަގުތު ވަނީ ބޮޑު ޝައްކެއް އުފެދިފަ އެވެ. އެކަމަކު އޭނާ މިވަގުތު އެންމެ ބޭނުންވަނީ އަނބުރާ ކުރީގެ ކުލަބް ލިވަޕޫލަށް ދާން ކަމަށް އޭނަގެ އެޖެންޓް ވަނީ ދާދި ފަހުން ބުނެފަ އެވެ.

ނަމަވެސް ލިވަޕޫލުން ދެން އަނބުރާ ކުޓީނިއޯ ނުގެންނާނެ ކަމަށާއި، ކުލަބުގެ މާލީ ހާލަތު ހުރި ގޮތުން މިވަގުތު އިތުރު ކުޅުންތެރިއަކު ލިވަޕޫލަށް ނުގެނެވޭނެ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ މިރޯ އިން ވަނީ ރިޕޯޓް ކޮށްފަ އެވެ.

ކުޓީނިއޯ ވަނީ ލިވަޕޫލުގައި އޭނާ ހޭދަ ކުރި ދުވަސްތަކުގައި ދެފަހަރެއްގެ މަތިން ކުލަބުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި 50 ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ.

comment ކޮމެންޓް