ކޮރޯނާގެ ބިރާއެކު ރޮހިންގާގެ ބޯޓުތައް މެލޭޝިއާއަށް ވަނަނުދީ ފޮނުވާލަނީ

ރޮހިންގާގެ ބޯޓެއް

ކޮރޯނާގެ ބިރާ ގުޅިގެން މިޔަންމާގެ ރޮހިންގާގެ ބޯޓުތައް މެލޭޝިއާއަށް އަޔަނުދީ ފޮނުވާލަން ފަށައިފިއެވެ.

މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމުގެ ގޮތުން މެލޭޝިއާއަށް އަންނަ ރޮހިންގާ ބޯޓުތައް ވަނުމުގެ ހުއްދަ މީގެ ކުރިން ދެއެވެ.

ނަމަވެސް މިދިޔަ ހަފްތާވެސް 200 މީހުން ގޮވައިގެން މެލޭޝިއާއަށް ބަނދަރުކުރަން އުޅުނު ރޮހިންގާގެ ބޯޓެއް ވަނުމުގެ ހުއްދަ ނުދީ ވަނީ ފޮނުވާލައިފައެވެ.

މެލޭޝިއާގެ ނޭވީގެ ބެލުމުގެ ދަށުން އެ ބޯޓު މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ބޭރުކޮށްލީ ބޯޓުގައި ތިބި މީހުންނަށް ކާތަކެތި ދިނުމަށް ފަހުއެވެ.

މެލޭޝިއާގައި ކޮރޯނާ ފެތުރެންފެށިފަހުން މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު 100އެއްހާ މީހުން ވަނީ މަރުވެފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މެލޭޝިއާއިން ވަނީ ލޮކްޑައުންވެސް ކޮށްފައެވެ.

މެލޭޝިއާގައި އެންމެ ފުރަތަމަ ބަލި ފެތުރެންފެށީ މިދިޔަ ފެބްރުއަރީ މަހުއެވެ. ބަލި ފުރަތަމަ ފެތުރެންފެށީ މިސްކިތެއްގައި ބޭއްވި އިވެންޓަކުންނެވެ. އެ އިވެންޓުގައި ރޮހިންގާ މީހުންވެސް ބައިވެރިވިކަމަށް ވަނީ ބެލެވިފައެވެ.

މީގެ ކުރިން ހިނގި އެހެން ހާދިސާއެއްގައި ރޮހިންގާ މީހުން ތބި ބޯޓެއް ތިބި 60 މީހުން މަރުވިއެވެ. އެ ބޯޓުވެސް ބަނދަރު ކުރުމުގެ ހުއްދަ މެލޭޝިއާއާއި ތައިލެންޑުން ނުދިނެވެ. ނަމަވެސް ފަހުން އެ ބޯޓް އެނބުރު ބަންގްލަދޭޝް ކައިރިއަށް ދިއުމުން އެ ބޯޓުގައި ތިބި މީހުން އެގައުމުގެ ކޯސްޓުގާޑުން ނެގިއެވެ.

ބީބީސީ

comment ކޮމެންޓް