ކޮވިޑް ޖެހި ރަނގަޅުވާ މީހުންނަށް ޗިލީއިން ރިލީޒް ސެޓްފިކެޓް ދެނީ

ޑަބްލިޔުއެޗްއޯގެ ލަފަޔާ ހިލާފަށް ޗިލީން ވަނީ 'ރިލީޒް ސެޓްފިކެޓު' ދޭން ނިންމާފަ -- ފޮޓޯ: ރޮއިޓާސް

ސެންޓިއާގޯ (އޭޕްރިލް 27): ކޮވިޑް-19 ބަލި އެއް ފަހަރު ޖެހުމަށް ފަހު ރަނގަޅުވެފައިވާ މީހުންނަށް މަސައްކަތަށް ނުކުމެވޭ ގޮތަށް "ރިލީޒް ސެޓްފިކެޓެއް" ދިނުމުގެ ވިސްނުން އަދިވެސް ގެންގުޅޭ ކަމަށް ޗިލީން ބުނެފި އެވެ.

ޗިލީން އެފަދައިން ބުނެފައި ވަނީ ކޮވިޑް-19 އެއް ފަހަރު ޖެހިފައިވާ މީހުންނަށް ދެވަނަ ފަހަރަށް ބަލި ނުޖެހޭ ކަމުގެ އެއްވެސް ހެއްކެއް އަދި ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނި ފަހުންނެވެ.

އެ ޖަމްއިއްޔާއިން ބުނި ގޮތުގައި އެގޮތަށް ރިލީޒް ސެޓްފިކެޓުތައް ދިނުމުން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ފަދަ ފިޔަވަޅުތަކަށް މީހުން ބޯލެނބުން ހުއްޓާލާ، ވައިރަސް އިތުރަށް ފެތުރިދާނެ އެވެ.

ނަމަވެސް ޗިލީގެ ހެލްތު މިނިސްޓްރީގެ ސަބް ސެކްރެޓަރީ ޕޯލާ ޑާޒާ ވިދާޅުވި ގޮތުގައި މިބަލިމަޑުކަމާ ބެހޭ ގޮތުން ނޭނގޭ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް ދެ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ކުޑަކަމުގެ ހެކި އެބަހުއްޓެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއް ކަމަކީ އެއް ފަހަރު ބަލި ޖެހިފައިވާ މީހަކު ދެވަނަ ފަހަރަށް ބަލިވުމުގެ ފުރުސަތު ކުޑަކަން،" ޑާޒާ ވިދާޅުވި އެވެ.

ޑާޒާ ވަނީ ކޮވިޑް-19 ޖެހުމަށް ފަހު ރަނގަޅުވާ މީހުންނަށް އެސެޓުފިކެޓުތައް ދިނުމަށް ތައްޔާރު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސެޓްފިކެޓުތަކުގައި އެމީހާ ބަލިން އެއްކޮށް ރައްކާތެރިވެފައިވާ ކަމަށް ނުބުނާ ކަމަށާއި އެއީ އެމީހާ ބަލިން ރަނގަޅުވެ، އެކަހެރިވުމުގެ މުއްދަތު ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުމެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މި މަހުގެ ކުރީކޮޅު ޗިލީގެ ހެލްތު މިނިސްޓަރު ޖެއިމީ މަނަލިކް ވަނީ ކޮވިޑް-19އިން ރަނގަޅުވާ މީހުންނަކީ އެބަލިން ދެން ރައްކާތެރިވެފައިވާ މީހުން ކަމަށާއި އެމީހުންގެ ފަރާތުން ދެން ބަލި ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމީހުންނަށް ރިލީޒް ސެޓްފިކެޓު ދިނުމާ އެކު އެމީހުން ކަރަންޓީނުން ދޫކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.

ޗިލީގައި މިހާތަނަށް 13،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 189 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް