ޗިލީގެ ރައީސަށް ކުރާ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ދޮގުކުރައްވައިފި

ޗިލީގެ ރައީސް ގެބްރިއަލް ބޮރިޗް. ބޮރިޗްގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތު އެމަނިކުފާނު ވަނީ ދޮގުކުރައްވާފައި. ފޮޓޯ/އޭޕީ

ޗިލީގެ ރައީސް ގެބްރިއަލް ބޮރިޗްއަށް ކުރާ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.

އުމުރުން 38 އަހަރުގެ ބޮރިޗް ވަނީ އޭނާގެ ވަކީލު ޖޮނަޓަން ވެލެންޒުއެލާ މެދުވެރިކޮށް އެ ތުހުމަތުތައް ދޮގުކުރައްވައި ބަޔާނެއް ނެރުއްވާފައެވެ.

އެ ބަޔާނުގައި ވެލެންޒުއޭނާ ބުނީ, ބޮރިޗް ޖިންސީ ގޯނާ ކުރި ކަމަށްބުނެ މައްސަލަ ހުށަހަޅާފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުން 2014 ވަނަ އަހަރުގެ ނިޔަލަށް ބޮރިޗްއަށް ޖިންސީ އަމަލުތަކެއް ފެންނަ އީމެއިލްތަކެއް ފޮނުވި އަންހެނެއް ކަމަށެވެ.

އޭނާ ހުށަހަޅާފައިވާ މައްސަލައިގައި ބޮރިޗްއަށް ތުހުމަތުކޮށްފައި ވަނީ ޖިންސީ ގޯނާ ކުރި ކަމަށާއި އޭނާގެ ޒާތީ ފޮޓޯތައް ލީކްކުރި ކަމުގެ ތުހުމަތެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ބޮރިޗް އެ އަންހެން މީހާއާ ދުވަހަކު ވެސް ގުޅުން ބާއްވާފައިނުވާ ކަމަށާއި، އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ހުރިހާ މުއާމަލާތެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާކަން ޗިލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި އެޓާނީ ޖެނެރަލް ކްރިސްޓިއަން ކްރިސޮސްޓޯ ވިދާޅުވީ އެ މައްސަލަ ބެލުމަށް ޚާއްސަ ޓީމަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ ބޮރިޗް ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޗިލީގެ ދެކުނުގެ މަގަލާންސްގެ ޕްރޮސެކިއުޓަރު އޮފީހަށެވެ.

ނިއޯލިބަރަލް އިގްތިސާދީ ސިޔާސަތުތަކާ ދެކޮޅަށް ގިނަ ބަޔަކު ކުރި މުޒާހަރާތަކަށް ޗިލީގެ ރައީސްކަމާ ބޮރިޗް ހަވާލުވެވަޑައިގެންފައި ވަނީ 2022 ވަނަ އަހަރުގެ މާޗު މަހެވެ.

comment ކޮމެންޓް