ލޯންޗުން ފައިބަމުން އަހަރެން ވަށައިގެން ބަލައިލީމެވެ. އެއާއެކު އަހަރެންގެ ތުންފަތް މަތީގައި ދުވެލީ ހިނިތުންވުމެކެވެ. ގިނަ ދުވަސް ތަކަކަށްފަހު ރަށުގެ ފަސްގަނޑުގައި ފައިތިލަ ޖައްސާލުމުން ކުރެވުނީ އާދަޔާ ޚިލާފު އިޙްސާސެކެވެ. އަހަރެންގެ ހިތުގައި އަމިއްލަ ރަށާ މެދު އޮތް ލޯބި އެއްވެސް ފަނޑުވުމެއް ނެތި އޮތް ކަމުގެ ހެއްކަކަށް، އަހަރެންގެ ހިތަށް އަރާ ފައިބަމުންދިޔަ އުފާވެރިކަމުގެ ޝުއޫރުތައް އެކަނިވެސް ފުދެއެވެ.

އަހަންނަކީ އުމުރުން 27 އަހަރުގެ ޒުވާން އަންހެން ކުއްޖަކީމެވެ. ރަށުން ސާނަވީ ތަޢުލީމު ހާސިލު ކުރުމަށްފަހު، ހުވަފެން ތަކުގައި ކުލަ ޖެއްސުމަށް އަހަރެން މާލެ ބަދަލުވީ ހިތާ ދެކޮޅަށެވެ. ރަށުން ފުރަން އުޅެމުން މަންމަ ގައިގައި ބައްދައިލަމުން، ރޮއިރޮއިފައި ދެއްކި ވާހަކަތައް އަދިވެސް ތާޒާކަމާއެކު ހަނދާން އެބަހުއްޓެވެ. އެ ދުވަހުގެ އެންމެ މަންޒަރެއް ވެސް، އަހަރެންގެ ހިތުން ފުހެވިގެން ނުދެއެވެ.

އޮފީސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިގްރީ ނިންމާލުމަށްފަހު، އަހަރެން ރަށަށް ބަދަލުވާން ބޭނުންވީ، އުފަން ފަސްގަނޑަށް ކޮންމެވެސް ޚިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައެވެ. އަތިރީ މަތީގައި ހެދިފައިވާ ރުއްތަކުގެ ތެރެއިން އަހަރެން ހިނގަމުން ދިޔައީމެވެ. މާލޭގެ ހަލަބޮލި މާހައުލާ ދުރަށް އާދެވުމުން ސިކުނޑިއަށް ލުޔެއް ލިބިފައިވެއެވެ. ތަންކޮޅެއް ދުރުގައި ހުރި ސައިކަލެއްގެ މަތީގައި އިން ޒުވާނެއް އަހަރެންގެ ލޮލުގައި އަޅައި ގަތެވެ. ކުރިއަށްދިޔަ ވަރަކަށް އެ ޒުވާނާގެ ނަޒަރު ހުރީ ސީދާ އަހަންނަށް ކަން ފާހަގަ ކުރެވުނެވެ. ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި އަތުގަޔާއި ފައިގައި ފާޑުފާޑުގެ ޗޭނު އަޅުވާފައި ހުރުމުން، އެއީ ޕާޓޭއެއް ކަމުގައި އަހަރެންގެ ސިކުނޑި ލޭބަލްކޮށްދީފިއެވެ. ލާފައިވަނީ ގަޔަށް ދޫ ޓީޝާޓެކެވެ. ފުރަތަމަ ނަޒަރުން ވެސް، އަހަރެން އެ ޒުވާނާ ދެކެ ފޫހިވިއެވެ. ރާއްޖޭގެ ހަލާކަކީ މި މީހުންނޭ ހިތަށް އެރިއެވެ. އަހަރެން މަގުން އޮބާލަންދެން އެ ޒުވާނާ ބަލަން އިނެވެ.

ގޭގެ ގޯތި ތެރެއަށް ވަތްއިރު މަންމަ ޖޯލީގައި ހަނޑޫ ހޮވަން އިނެވެ. އަހަރެން ފެނުމާއެކު ލިބުނު ސިހުމުގައި ދޮލަނގު ވެސް ނުވެއްޓުނީ ކިރިޔާއެވެ. ކުރިމަތީގައި ހުރި ގޮނޑީގައި ދޮލަނގު ބަހައްޓަމުން މަންމަ ތެދުވިއެވެ. އެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. އަހަރެން އަންނަކަން މަންމައަށް ސިއްރުކުރީ ވެސް މަންމަގެ މޫނު މަތިން އެ އަސަރުތައް ބަލައިލަން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.

"ދަރިފުޅާ"

އަހަރެންގެ ގައިގައި ބައްދާލިއިރު މަންމައަށް ރޮވިއްޖެއެވެ. ލޯތްބާއެކު އެ މަންމަގެ ކަރުނަތައް ފުހެދެމުން އަހަރެން ހިނިތުންވެލީމެވެ. ކޮނޑުގައި އޮތް ދަބަސް ދައްކާލަމުން ވަރަށް ބަރުކަމުގައި ބުނީމެވެ. އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން މަންމަ، އަހަންނާއެކު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

"ކޮބާ ދޮންބެ؟" އަހަރެން ސުވާލު ކޮށްލީމެވެ.

އަހަރެންގެ ބައްޕަ އަހަރެން ކުޑައިރު ވަނީ ނިޔާވެފައެވެ. އޭގެ ފަހުން މަންމަ އެހެން ކައިވެންޏެއް ނުކުރީ މަންމަގެ ދެ ދަރިންނަށް ދޮން ބައްޕައެއް ހޯދަ ދޭން ބޭނުންނުވާތީ ކަމުގައި ބުންޏެވެ. ދޮންބެގެ އުމުރުން ތިރީސް އަހަރެވެ.

"ކުޅެން ގޮސްވީ" މަންމަ ބުނެލިއެވެ. އަހަރެން އެހެންހޭ އަހަމުން ބަދިގެއާ ދިމާލަށް މިސްރާބުޖެހީމެވެ. މަންމަ ވެސް އަހަރެންގެ ފަހަތުން އައެވެ. އެއްޗެއް ކައިލައިގެން އަހަރެން ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާ ވެލީމެވެ. ނުކުތް އިރު ދޮންބެ ވެސް އައިސް ގެއަށް ވަންނަނީއެވެ. އަހަރެން ފެނުމުން ދޮންބެއަށް ވެސް ލިބުނީ ސިހުމެކެވެ. އެއައި ގޮތަށް އައިސް އަހަރެންގެ އިސްތަށިގަނޑު ހާވައިލިއެވެ. ކުޑައިރުއްސުރެ ވެސް އަހަރެން އެންމެ ނުރުހެނީ އަހަރެންގެ އިސްތަށިގަނޑާ މީހަކު ކުޅެންޏާއެވެ. ޤުދުރަތުން ދެއްވާފައިވާ ފަން އިސްތަށިގަނޑު އަހަރެން ގެންގުޅެނީ އެހާ ވެސް ލޯބިންނެވެ.

"ނުބުނެ އައިމަ އަދަބު ތި ލިބުނީ..." ހޭވިފައި ހުރި އިސްތަށިތައް ރީތިކުރަމުން ދަނިކޮށް ދޮންބެ އާސިފް ބުނެލިއެވެ. އަހަރެން ތުންކޮޅު އޫކޮށްލަމުން މަންމައަށް ބަލައިލީމެވެ. މަންމަ ޖަހައިލީ ހިނިގަނޑެކެވެ.

*****

ދާދި ފަސޭހައިން ރަށު އޮފީހުން ވަޒީފާ ހަމަޖެހުނެވެ.

"އަދިވެސް މީހަކާ އިންނާކަށް ނުވޭތަ ދަރިފުޅާ!" އެއްދުވަހެއްގެ ކެއުމުގެ ވަގުތުގައި މަންމަ ސުވާލުކުރިއެވެ. އަހަރެން ހިނިތުންވެލީމެވެ. އުމުރުން ހަތާވީސް އަހަރު ވީއިރު ވެސް އަހަރެން ދުވަހަކު ވެސް ކުއްޖަކާ ރައްޓެއްސެއް ނުވަމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ކިޔަވާ ދުވަސްވަރު މީހަކާ ރައްޓެހި ވެއްޖެނަމަ ކިޔެވުމަށް ބުރޫ އަރާނެއެވެ. އަނެއްކޮޅުން ދޮންބެގެ ކައިވެނި ރޫޅި ހަ މަސް ވެފައިވާއިރު އިތުރު ކައިވެންޏެއް ކުރުމުގެ ޚިޔާލު ދޮންބެއެއް ވެސް ނުގެން ގުޅެއެވެ. އެކަމާ މަންމަ ހުންނަނީ އަބަދު ދޮންބެ އާ ވާހަކަ ދައްކާލަ ދައްކާލައެވެ.

'ދެން ތިކަމާ ވެސް އުޅެންވީ" އަހަރެން ބުނީމެވެ. އަޑުގައި މާ ބޮޑު ޝައުގުވެރިކަމެއް ނެތްކަން މަންމައަށް ވެސް އެނގޭނެއެވެ.

ހަވީރުގެ ވަގުތެކެވެ. އެކުވެރި ކުއްޖަކާއެކު އަހަރެން ރަށުގެ ތުނޑިއާ ދިމާލަށް މިސްރާބުޖެހީމެވެ. ހޭޅިފަށުގައި ހަދާފައި ހުރި އަށިތަކުން އައްޓެއްގައި އިށީނީމެވެ.

"އޭތް... އޭނަ ހާދަ ވަރަކަށް ޒީއަށް އެ ބަލަނީ" އެކުވެރިޔާ ތަންކޮޅެއް ދުރުގައި އިން ޒުވާނަކު ދައްކާލަމުން ބުނެލިއެވެ. ރަނގަޅަށް ބަލައިލުމުން އެއީ އެންމެ ފުރަތަމަ ދުވަހު ފެނުނު ޒުވާނާކަން އަހަންނަށް ޔަޤީން ވިއެވެ. ފޫހިކަމާއެކު އަހަރެން މޫނު އަނބުރާލީމެވެ.

*****

ދުވަސްތައް ފާއިތުވަމުން ދެއެވެ. އުޅޭ އުޅުމުގައި އެ ޒުވާނާ ވަރަށް ގިނައިން ފެނެއެވެ. އޭނާއަށް ކިޔަނީ ނާއިލް ކަން އެނގުނީ އެކުވެރި ކުއްޖެއްގެ ފަރާތުންނެވެ. ނަން ކިތަންމެ ރީއްޗަސް އެ ޒުވާނާގެ ސިފަ ދެކެ އަހަރެން އެއްވެސް ވަރަކަށް ގަޔާ ނުވެއެވެ. އަހަރެން ހުރީ އެއީ ޕާޓޭއެއް ކަމަށް ނިންމައިގެންނެވެ.

ހަލުވި ކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް މަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެއީ އާދިއްތަ ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ވާރޭ ވެހިފައި ހުއްޓާލާފައި އޮތަސް ފަޒާގައި ތެތް ފިނިކަން ރަސްކަން ކުރަމުން ދިޔައެވެ.

އަހަރެން ގެއިން ނުކުތީ އަތިރި މައްޗަށް ދިޔުމުގެ ބޭނުމުގައެވެ. ގެއާ ކައިރި ވީތީއާ ވެސް އެކީގައެވެ. އަދި އެގަޑީގައި ޖެހޭ ފިނި ރޯޅިތަކުން އުފާ ހާސިލު ކުރުމުގެ ބޭނުމުގައި ވެސް މެއެވެ. އަތިރިމަތީގައި ހުރި ދިއްގާ ގަސްތަކުން ގަހެއްގައި އެލުވާފައި ހުރި އުނދޯއްޔެއްގައި އަހަރެން ޖައްސައިލީމެވެ. ފޯނުން ޑޭޓާ ޖައްސައިލަމުން އެފްބީއަށް ވަދެލީމެވެ. އޭރު އެތަނުން ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނުވެއެވެ. ވިއްސާރަ ވީމާ ކަމަށް ވެސް ވެދާނެއެވެ.

މާ ބޮޑު ސަމާލުކަމެއް ނުދީ އަހަރެން ފޯނަށް ގެއްލިފައި އިންދާ ސިހުނީ ދާދި ގާތުން މީހަކު ވާހަކަ ދެއްކި އަޑު އިވިފައެވެ.

"ޒީވާ" ފިރިހެންވަންތަ ބަރު އަޑެކެވެ.

އަހަރެން އިސްއުފުލައިލީމެވެ. ކުރިމަތީގައި ހުރީ އެއްކަލަ ޒުވާނާއެވެ. އަހަރެންގެ ނަން އެނގުނީ ކިހިނެއްތޯ އެހުމުގެ ބޭނުމެއް ނުފެނުނީ ކުޑަކުޑަ ރަށެއްގައި އުޅެންޏާ ނަން ހޯދަން އެހާ އުނދަގޫ ނުވާނެކަން ސިކުނޑިއަށް ވިސްނުނީތީއެވެ. އެތަނުން ދުރަށް ދާން ޖޯލިން ތެދުވުމާއެކު ނާއިލް އަހަރެންގެ އަތުގައި ހިފައިލިއެވެ. އަހަރެން އެ އަތަށް ބަލައިލުމާއެކު އޭނާ ނިކަން އަވަސް އަވަހަށް އަހަރެންގެ އަތުން ދޫކޮށްލިއެވެ.

"ސޮރީ" ނާއިލް މާފަށް އެދުމުން ވެސް އަހަރެން އެއްޗެއް ނުބުނަމެވެ. ދެލޯ އަޅައިލަމުން އަހަރެން ކުރިއަށް ފިޔަވަޅެއް އަލައިލީމެވެ.

"އަހަންނަށް ޒީވާ ވަރަށް ކަމުދޭ" ނާއިލްގެ އަޑު އިވުމާއެކު އަހަރެންގެ ފިޔަވަޅުތައް ވަގުތުން މަޑުޖެހެވުނެވެ. ފަސް އެނބުރި ބަލައިލީމެވެ. އޭރު ނާއިލް ހުރީ ސީދާ އަހަރެންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ހިނދުކޮޅަކަށް އެ ދެލޮލުގެ ތެރެއަށް ގެއްލިފައި އަހަންނަށް ވެސް ހުރެވުނެވެ. ނާއިލްގެ އެ ތޫނު ލޮލުން ބުނެދޭން މަސައްކަތް ކުރަނީ ކޮން ވާހަކަ ތަކެއްކަން ދެނެގަންނަން އަހަރެންގެ މި ސިކުނޑި ނުކުޅެދުނެވެ.

ހަރަކާތެއް ވެސް ކޮށްލަން ނޭނގިފައި ހުއްޓައި ނާއިލް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އަހަރެން އަތުން މަޑުކުރުމަށް އިޝާރާތް ކޮށްލުމާއެކު ނާއިލް މަޑުކުރިއެވެ.

"އަހަރެން ތި ކަހަލަ މީހަކާ ވައިވެސް އެޅޭކަށް ބޭނުމެއް ނޫން، ތިއޭ މިޤައުމުގެ ހަލާކަކީ، " އަހަރެން ހިތަށް އައި ގޮތަށް އެއްޗެހި ގޮވައިގަތީމެވެ. ނާއިލް އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ މީގެ ހަތަރު މަސް ކުރިން މިރަށަށް އަރުވާލީ ވެސް ބޮޑު މައްސަލައަކާއި ގުޅިގެންނެވެ. އެއީ އެންމެން ދަންނަ ކުށްވެރިއެކެވެ. ރަށުތެރޭގައި ވެސް އުޅެނީ އެއްވަރުގެ ގްރޫޕް ތަކާ އެކުގައެވެ.

އަހަރެން ޝަހާދަތް އިނގިލި ދިއްކޮށްފައި އެ ހުރިހާ ވާހަކައެއް ވެސް ނާއިލްއާ ދިމާލަށް ގޮވައިލީމެވެ. އެވަރުން ވެސް ނާއިލް އެއްޗެކޭ ނުބުންޏެވެ. މޮޅުވީ އަހަރެން ކަމަށް ނިންމާ ހިނގައިގަތީމެވެ. އޭރުވެސް ނާއިލް އެ ހުރި ގޮތަށް ހުއްޓެވެ.

އޭގެ ފަހުން ވެސް އަހަރެން ފެންނައިރަށް، ނާއިލް އަހަންނަށް ބަލަން ހުންނަ ތަން ފެނެއެވެ. އެހެންނަމަވެސް އިސްވެ ވާހަކައެއް ނުދައްކައެވެ.

ރޭގަނޑެކެވެ. އަހަރެން ފިހާރައަކަށް ދާން ވެގެން ނުކުތީމެވެ. ހުރިގޮތަށް ހިނގަމުން ގޮސް ޖެހިގެން އޮތް ގޯޅިން ލަނބައިލި ތަނާ އަހަރެންގެ އަނގަމަތީގައި އަތް އެޅުމަށްފަހު ކޮންމެ ވެސް މީހަކު އެ މީހަކާ ދިމާލަށް އަހަރެން ދަމައިލިއެވެ.

އަހަރެން ގެންގޮސް ވެއްދީ ގެއެއްގެ ގޯތިތެރެއަށެވެ. ގަސްތައް ގިނަ ކަމުންނާއި، ހަނދުވަރުގެ އަލި ނުދޭކަމުން، އެތަނަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. އަހަރެން ގަދަ ދައްކަން ފެށުމާއެކު އެމީހަކު އަހަރެންގެ ކަންފަތް ދޮށުގައި ވާހަކަ ދެއްކިއެވެ.

"ޒީވާ... އަހަންނޭ" އެ އަޑު އިވުމާއެކު އަހަރެންގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ގައިން ހީބި ނެގިއެވެ. ހިތް ނެގި ނެގިފައި ޖެހެން ފެށިގޮތުން ހީވަނީ މޭތެރޭގައި ނޯވެ ފުންމާލަން އުޅެނީ ހެންނެވެ. ދެފައި ކޮޅުން ވާގި ދޫވާހެން ހީވިއެވެ. އެ ޒުވާނާ އަހަރެން ފާރާއި ދޭތެރޭ ހައްޔަރުކޮށްލިއެވެ.

"އަހަރެން ހަނދާން އެބަހުރި ދޯ" އެ އަޑު އަހަންނަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ އަކްމަލްގެ އަޑެވެ. އަކްމަލްއަކީ އަހަންނާ އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ. މިހާރު އުޅެނީ ރަށު ސްކޫލުގެ، އެޑްމިން އޮފިސަރެއްގެ މަޤާމުގައެވެ. ސްކޫލުގައި އުޅުނުއިރު އެއީ އަހަރެންގެ ހިތުން ޖާގަ ހޯދި ހަމައެކަނި ފިރިހެން ކުއްޖާއެވެ. މިޒަމާނުގެ ގޮތަށް ބުނާނަމަ އެއީ އަހަރެންގެ "ކްރަޝް" އެވެ. އޭރު ކޮންމެ ވެސް ވަރަކަށް ވާހަކަ ދެކެވުނު ނަމަވެސް މާލެ ބަދަލުވެ އެކީ ގުޅުން ކެނޑިގެން ދިޔައީއެވެ.

ރަށަށް އައިސް މި ވީ ދުވަސްތަކުގައި އަކްމަލަށް އަހަރެން ފެނުނު ނަމަވެސް އަޅާ ނުލާތީ އަހަރެން އެކަމާ ދެރަވެއެވެ. ހިތަށް ތަދުވެއެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ހޭނިލުމާއެކު އަހަރެން އަވަސް އަވަހަށް ބޯ ޖަހާލީމެވެ.

"އަހަންނަށް ޒީވާ ވަރަށް ކަމުދޭ... އަހަންނާ އިންނާނަންތަ؟" އަކްމަލް ސީދާ ސުވާލު ކޮށްލުމާއެކު އަރު ތެރޭގައި ނޭވާ ވެސް ތާށިވިއެވެ. އަހަރެން ކޮށި އަރާ ގޮތްވިއެވެ. ހިން ދިރުވާލަން ވެސް ހަނދާން ނެތުނެވެ.

"ބްރީތް" ނޭވާ ލާން ވެސް ހަނދާންވީ އަކްމަލް ބުނީމައެވެ. ފުން ކޮށް ދެތިން ނޭވާ ލަމުން އަހަރެން އަމިއްލަ ނަފުސު ހަމައަކަށް އެޅުވީމެވެ.

"އަހަރެން ޖަވާބެއްގެ އިންތިޒާރުގައި ހުންނާނަން" އަކްމަލް ބުންޏެވެ. އެއަށްފަހު އަހަރެންގެ ފޯނު އަތުލިއެވެ. ކޯޑެއް ޖަހާފައި ނީންނާތީ އަކްމަލަށް އަހަރެންގެ ފޯނު ހުޅުވުނެވެ. އޭގައި އޭނަގެ ނަންބަރު ޖަހަމުން ސޭވް ކޮށްލިއެވެ. އަދި އަހަރެންގެ އަތަށް ފޯނު ލައިދިނެވެ.

އަހަރެން އަވަސް އަވަހަށް އެތަނުން ނުކުތީމެވެ. ކުރަން ދިޔަ ކަންތައް މަތިން ހަނދާންނެތި އަނބުރާ ދެވުނީ ގެއަށެވެ. ދިޔުމާއެކު މަންމަ ސުވާލުކުރިއެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ދޮގެއް ހަދައިލީމެވެ.

ނިދަން އޮށޯން ނަމަވެސް އަހަރެންގެ ސިކުނޑިން އަކްމަލްގެ ހިޔާލުތައް ދުރަށް ދާގޮތެއް ނުވިއެވެ. އަހަރެންގެ ހިތް ގޮވަމުން ދިޔައީ އަކްމަލަށް އާބަސް ބުނުމަށެވެ. ފޯނު ނަގާ އަހަރެން އަކްމަލް ސޭވް ކުރި ނަންބަރު ހުޅުވައިލީމެވެ. އެއަށްފަހު ވައިބަރ އިން މެސެޖެއް ކޮށްލީމެވެ. އާބަސް ބުނީމެވެ. އަކްމަލް އެދުނީ ބައްދަލު ކުރުމަށެވެ. އަހަރެން ދެކޮޅު ހެދީމެވެ. ރޭގަނޑުގެ އެ ވަގުތު ބޭރަށް ދާން ބޭނުން ނުވީތީއެވެ.

ކޮންމެއަކަސް އެރެއަށްފަހު އަހަރެމެން ދެމީހުންގެ ގުޅުން ކުރިފަޅާ ހެދެން ފެށިއެވެ. ލޯބިވެރިންގެ ލިސްޓުގައި އަހަރެމެން ދެމީހުންގެ ނަން ވެސް ފެވިގެން ހިނގައްޖެއެވެ. މަންމައާ ދޮންބެއަށް އަހަރެން އެ ގުޅުމުގެ ވާހަކަ ސިއްރުކުރަން ބޭނުން ނުވީތީ، އަކްމަލްގެ ހުއްދައާއެކު އަހަރެން އެ ވާހަކަ މަންމަމެން ކައިރީގައި ބުނީމެވެ. އަކްމަލްއަކީ ވެސް ރަނގަޅު ވަޒީފާއެއްގައި ހުރި ޒިންމާދާރު ޒުވާނެއް ކަމުން މަންމައާއި ދޮންބެވެސް އެއްބަސްވިއެވެ. ޚުދު އަހަރެން ވެސް ބޭނުންވަނީ އަވަހަށް ކައިވެނިކުރާށެވެ. އަކްމަލާ ދެމީހުން ވާހަކަ ދައްކާ ކައިވެނި ކުރަން ތާރީހެއް ކަނޑައެޅީމެވެ.

އެ ތާރީޚުގައި ކައިވެނި ކުރެވިގެން ދިޔައީ އަކްމަލްމެން ގޭ އެންމެންގެ ވެސް ރުހުމާ އެކުގައެވެ.

ކައިވެންޏަށްފަހު ވެސް ނާއިލް ފެނެއެވެ. އަދިވެސް ނާއިލް ހިތުން އަހަރެން ފުހެނުލެވޭ ކަން އެނގެނީ އަހަރެން ފެންނަ ކޮންމެ ފަހަރަކު ނާއިލް ބަލަން ހުންނަ ގޮތުންނެވެ. އެ ނަޒަރުން ބުނެދޭން މަސައްކަތް ކުރަނީ ކީކޭ ކަމެއް ނޭނގެއެވެ. ނާއިލްގެ ލޮލުން އަހަންނަށްޓަކައި އިޙްސާސްތަކެއް ވާކަން ސާފުކޮށް ބުނެދެމުން ދިޔައެވެ. އެހެން ނަމަވެސް އަހަރެން އެކަމާ އަޅައެއް ނުލަމެވެ. ކައިވެންޏަށްފަހު އަކްމަލްގެ ގޯތީގައި އަޅާފައި ހުރި ގެއަށް އަހަރެމެން ބަދަލުވީމެވެ. އަކްމަލް ބޭނުންވަނީ ކައިވެންޏަށް ފަހު ވަކިން އުޅެން ކަމަށް ވާތީއެވެ. އެހެން ނަމަވެސް އަހަރެން ކޮންމެ ދުވަހަކު މަންމަ ކައިރިއަށް ދަމެވެ. ހާލު ބަލަމެވެ.

ކައިވެންޏަށް ތިން މަސް ފާއިތުވެގެން ދިޔައިރު އަހަރެން އަކްމަލްގެ ދަރިއަކަށް ބަނޑުބޮޑުވިއެވެ. އަކްމަލްގެ ފަރާތުން އަހަންނަށް ލިބެމުން ދިޔަ ލޯބި ދެ ގުނަ ވިއެވެ. އެގޭގައި އަކްމަލަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިއެއް ވަކިން ހުރެއެވެ. އެ ކޮޓަރިއަށް ވަނުން އަހަންނަށް ވެސް އޮންނަނީ މަނާ ކޮށްފައެވެ. އަކްމަލްގެ ފަރާތުން އަހަންނަށް ވެސް ، އޯގާތެރިކަމާއި އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ލިބޭތީ އެކަމާ އަހަރެން މާ ބޮޑަށް އަޅައެއް ނުލަމެވެ.

އެއީ ރޭގަނޑެކެވެ. އަހަރެމެން ސިޓިން ރޫމުގައި ތިބީ ޓީވީން ޚަބަރު ބަލަން ވެގެންނެވެ. މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ވިއްކާ ބޮޑުންތަކަކާއި ގޭންގެއް ހައްޔަރު ކުރިކަމުގެ ޚަބަރާއެކު އަކްމަލް ނިތުގައި އަތް ޖައްސާލާ ދާތަށް ފުހެލިތަން އަހަންނަށް ފެނުނެވެ.

"މިހާރުގެ ޒުވާނުންގެ ހާލަތު" ދެފަރާތަށް ބޯ ހޫރާލަމުން އަހަރެން ބުނެލީމެވެ. އަކްމަލް ވެސް ބޯ ޖަހައިލިއެވެ. އޭރު ވެސް އެ މޫނުމަތީގައި ނުތަނަވަސްކަން ދައުރުވަމުން ދިޔައެވެ.

"މާލޭގެ ގޭންގެއް... މާލޭގައި ހާދަ ގިނައޭ ދޯ އެކަހަލަ މީހުން މިހާރު" އަހަރެން ބުނެލީމެވެ. އަކްމަލް ބޯ ޖަހައިލިއެވެ.

ކުއްލިއަކަށް ސިހުން ގެނުވީ ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ފުލުހުން ފެނިފައެވެ. އަހަންނަށް ލިބުނު ސިހުމުގައި ތެދުވެވުނެވެ. އޭރު އަކްމަލް ވެސް ކޮޅަށް ތެދުވެއްޖެއެވެ.

ފުލުހުންގެ ފަހަތުން އާދައިގެ ހެދުމުގައި އެ ވަނީ ނާއިލް ނޫން ދެވަނަ މީހެއް ނޫނެވެ. އެހެންނަމަވެސް މިފަހަރު ފެނުނު ނާއިލް ތަފާތެވެ. ބޯ ހުރީ ކުރުކޮށް ކޮށާލާފައެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން އެ މޫނު ފުރިހަމަ ކަމަށް ދައްކައެވެ. އަހަންނަށް ހައިރާން ކަމެއް ގެނުވީ އެ ހުރިހާ ފުލުހުން ވެސް ނާއިލްގެ ބަހަށް ކިޔަމަންވަމުން ދިޔައީތީއެވެ. އޭނާގެ އެދުމުގެ މަތިން އަކްމަލްގެ ދެ އަތުގައި ބިޑި އެޅުވުނެވެ. ނާއިލް އަކީ ކާކު ހެއްޔެވެ؟ ފުލުހުން އޭނާގެ ބަހަށް ކިޔަމަންވަނީ ވަނީ ކީއްވެ ހެއްޔެވެ؟

"އިއްޔެގެ ވަގުތެއްގައި މާލޭން ހައްޔަރު ކުރި ގޭންގްގެ ބޮޑުންގެ ތެރޭގައި އަކްމަލް ހިމެނޭ... ލިބިފައިވާ މައުލޫމާތުގެ އަލީގައި އެނގޭ މިރަށުގައި ވެސް އުޅޭ ދެ ގޭންގަށް މަސްތުވާތަކެތި ފޯރުކޮށްދެނީ އަކްމަލް ކަން" ނާއިލް ކުރިއަށް ޖެހިލާ ވާހަކަ ދެއްކިއެވެ. އަހަރެންގެ ދެލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ.

"ތީ އޮޅުމެއް" އަހަރެން ބާރަށް ބުނީމެވެ. އޭރު އަހަރެންގެ އަޑުގައި ތުރުތުރު އެޅުމެއް ވިއެވެ. އިތުރު އެއްޗެއް ބުނަން ނުކުޅެދުމާއެކު އަކްމަލަށް ބަލައިލީމެވެ. ފުލުހުންގެ އަތު ތެރޭން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔަ އަކްމަލަށް އަހަރެން ފެނުމާއެކު ހުއްޓެވުނެވެ. އެއަށްފަހު އިސްޖަހާލިއެވެ.

އަހަންނަށް އަތް ޖައްސާލެވުނީ ބަނޑުގައެވެ. އަކްމަލް އިސްޖަހައިލުމާއެކު އަހަންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ފުލުހުން ގޭ ތެރެ ބަލައި ފާސްކުރިއެވެ. އަހަންނަށް ނުވަދެވޭ ގޮތަށް ހުރި ކޮޓަރި ފާސް ކުރިއިރު އެތަނުން އެތައް ކިލޯއެއްގެ މަސްތުވާތަކެތި ނެރެވުނެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭރުވެސް ކަރުނަތައް ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ.

ސޯފާގައި އިށީނދެވުނެވެ. ފުލުހުން އަކްމަލް ގެންދިޔުމާއެކު ގިސްލެވެން ފެށުނެވެ. އޭރު ނާއިލް މަޑުކޮށްލައިގެން ހުއްޓެވެ. އަހަންނާ މެދު ހަމްދަރުދީ ވަމުންދާކަން އެ ދެލޮލުން ސާފުކޮށް އަހަންނަށް ފެންނަމުން ދިޔައެވެ. މޫނު ފޮރުވާލުމާއެކު ނާއިލް ވާހަކަ ދެއްކިއެވެ.

"އަހަންނަކީ ފުލުހެއް... އަހަރެން މި ރަށަށް އައީ އެ ގޭންގްގެ ބޮޑުން ހޯދުމަށް ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން... މާލޭގެ ގޭންގްގެ ބޮޑުން ހައްޔަރު ކުރެވުމާއެކު މިރަށު ގޭންގް ހައްޔަރު ކުރަން ފަސޭހަވި... އަދި އޭގެ ސަބަބުން ގޭންގުގެ ބޮޑެއް ކަމުގައި ވާ އަކްމަލް ހޯދަން ފަސޭހަވީ... އަހަރެން މިރަށައް އައި މަޤްސަދަކީ އެއީ... ގޭންގުތަކާއެކު އުޅުމުގެ ސިއްރަކީ ވެސް އެއީ... އަހަރެންގެ ހިތުގައި ޒީވާއަށްޓަކައި އިޙްސާސްތަކެއް އުފެދުނު. އަދި އަދަށް ވެސް އެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުމުގެ ކުޅަދާނަކަމެއް އަހަންނަކަށް ނުލިބޭ... އެކަމަކު މިއަދު ޒީވާ ތިއީ އެހެން މީހެއްގެ އަންބެއް..." ނާއިލް އެ ހުރިހާ ވާހަކަ އެއް ދެއްކިއިރުވެސް އަހަންނަށް އެއްޗެއް ނުބުނެވުނެވެ.

"ޒީވާ ރުއިން ހުއްޓާލަބަލަ" ނާއިލް ބުނެލިއިރު އެ އަޑުގައިވެސް ވަނީ ވޭނީ އަސަރެކެވެ.

"އަހަރެން ކިހިނެއް؟ އަހަރެން އަކްމަލްގެ ދަރި" އަހަންނަށް ވާހަކައެއް ނުދެއްކުނެވެ. އެހެންނަމަ ވެސް އެ ޖުމްލައިން އެކަނި ވެސް ނާއިލަށް ހުރިހާ ކަމެއް ނަގައި ގަނެވިއްޖެއެވެ.

"އަހަރެން ރޮމުން ނާއިލްގެ ކިބައިން މާފަށް އެދުނީމެވެ. ނިއުޅިގެން ދިޔަ ހަޤީޤަތުގެ ސަބަބުން އަހަރެންގެ ދުނިޔެ އެފުށް މިފުށަށް ޖެހިއްޖެއެވެ. އަހަންނަށް އެއް ކަމެއް ދަސްވެއްޖެއެވެ. މީހާ ހުންނަ ސިފައަކުން މީހާ އަކީ ކޮންކަހަލަ މީހެއްކަން ނުނިންމޭނެ ކަމެވެ. ފޮތެއްގެ އެތެރޭގައިވާ އެއްޗެއް ފޮތުގެ ބަނޑޭރި ގަނޑަށް ބަލައިލައިގެން ނޭނގޭނެކަން އަހަންނަށް އެނގި ކަށަވަރު ވެއްޖެއެވެ.

ރޮމުން ރޮމުން އަހަރެން އަނެއްކާވެސް ނާއިލްގެ ކިބައިން މާފަށް އެދުނީމެވެ. ބަނޑުގައި އަތް ޖައްސާލުމާއެކު ދެލޯ މަރައިލެވުނެވެ.

އަކްމަލަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމާއެކު އަހަރެން އޭނަ ގާތުން ވަރިވީމެވެ. އެ ކަހަލަ މީހަކާ އެކު ދިރިއުޅެން ބޭނުން ނުވާތީއެވެ.

ހަމަސް ފަސް *****

ނާއިލް އަނެއްކާވެސް ރަށަށް އައީ ކޮންމެވެސް މައްސަލައެއް ބަލަން ވެގެންނެވެ. އަހަރެން ފެނުމާއެކު ދަރިފުޅުގެ ހާލު އެހިއެވެ. އަހަރެން އަކްމަލް ކައިރިން ވަރިވި ވާހަކަ ބުނުމުން އެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އަހަރެން ވެސް ލަދުވެތި ކަމާއެކު އިސްޖަހައިލީމެވެ. ނާއިލް ބުނީ އޭނާގެ ޙަޔާތުން އަދިވެސް އަހަރެމެން ދެމައިންނަށް ޖާގަ އޮތް ކަމުގައެވެ. އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެވުނެވެ. ގިނަ ދުވަސްތަކެއްނުވެ އަހަންނާ ނާއިލްގެ ކައިވެނި ކުރެވިގެން ދިޔައެވެ. އަހަރެން ރަށުން ފުރައިގެން ދާން ބޭނުން ނުވުމުން އޭނަ ވަޒީފާ ރަށަށް ބަދަލުކުރިއެވެ. އަހަރެންގެ ދަރިފުޅު ނައިރާ، ނާއިލް ބަލަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. މިއަދު އަހަންނަކީ ނާއިލް އާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ މީހަކީމެވެ. (ނިމުނީ)

comment ކޮމެންޓް