ޓެލެގްރާމް އަށް ވީޑިއޯ ކޯލް ހިދުމަތް ތައާރަފުކުރަނީ

މަޝްހޫރު އެންކްރިޕްޓެޑް ޕްލެޓްފޯމް ކަމަށްވާ ޓެލެގްރާމް އަށް މިއަހަރު ވީޑިއޯ ކޯލިން ހިދުމަތް ތައާރަފުކުރުމަށް ނިންމައިފި އެވެ.

ޓެލެގްރާމް މަޝްހޫރު ވެފައިވަނީ ރައްކާތެރި މެސެޖިން ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. އޭގެ ސަބަބުން އެހެން ބައެއް ޕްލެޓްފޯމުތަކުން ލިބޭ ހިދުމަތްތައް ޓެލެގްރާމް އިން ނުލިބޭ ކަމަށް ޓެލެގްރާމް އިން ގަބޫލުކުރެ އެވެ.

އެހެންކަމުން މަގުބޫލު އަދި މުހިއްމު ފީޗާސްތައް ގެނައުމުގެ ގޮތުން ޓެލެގްރާމް އަށް ވީޑިއޯ ކޯލް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ޓެލެގްރާމް އިން ވަނީ ބުނެފަ އެވެ.

ޓެލެގްރާމްގައި މިހާރުވެސް ވީޑިއޯ ކޯލްގެ ހިދުމަތް ބޭނުންކުރެވެ އެވެ. އެހެންނަމަވެސް އެ ހިދުމަތަކީ މެސެޖެއްގެ ގޮތުގައި ވީޑިއޯ ފޮނުވޭ ކަހަލަ ގޮތަކަށް އިންނަ ހިދުމަތެކެވެ.

ޓެލެގްރާމް އިން ބުނީ، ވީޑިއޯ ކޯލްގެ ހިދުމަތް ތައާރަފުކުރާއިރު އެ ހިދުމަތަކީ ޔޫސާ ފްރެންޑްލީ ހިދުމަތަކަށް ވާނެ ކަމަށެވެ. އަދި ގްރޫޕް ވީޑިއޯ ކޮންފަރެންސް ކުރާނެ ރަނގަޅު ގޮތްތަކެއް ހޯދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ވަނީ ޓެލެގްރާމް އިން ބުނެފަ އެވެ.

ޓެލެގްރާމް އިން މިހެން ބުނެފައިވަނީ އެކުންފުނީގެ ޔޫސަރުންގެ އަދަދާއި ކާމިޔާބީތައް ހާމަކުރުމަށް ނެރުނު ބަޔާނެއްގަ އެވެ.

އެކުންފުނިން ބުނިގޮތުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ޓެލެގްރާމްގެ ޔޫސަރުންގެ އަދަދު ވަނީ ދެގުނައަށް އިތުރު ވެފައި ކަމަށެވެ. އެގޮތުން މިހާރު ޓެލެގްރާމްގެ ޔޫސަރުންގެ އަަދަދު ވަނީ 400 މިލިއަނަށް އަރާފައި ކަމަށް ޓެލެގްރާމް އިން ބުނެ އެވެ.

comment ކޮމެންޓް