ކަރަންޓް މީޓަރުގެ ރީޑިންގް ފެންނަ ފޮޓޯއެއް ފޮނުވުމަށް ސްޓެލްކޯއިން އެދިއްޖެ

ސްޓެލްކޯ---

ކަރަންޓް މީޓަރުގެ ރީޑިންގް ފެންނަގޮތެއް ފޮޓޯއެއް ނަގާފައި ފޮނުވުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށްފައިވާ މި މުއްދަތުގައި ކަރަންޓް ރީޑިން ނަގަން ގޭގެއަށް ވަދެ އުޅުމަކީ ގޭގައި ދިރިއުޅޭ ފަރާތްތަކާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް ރައްކާތެރިކަމެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން މީޓަރުތަކުގެ ރީޑީން ނެގުމުގެ ގޮތުން މީޓަރުގެ ފޮޓޯ ނަގައި އެ ކުންފުނީގެ ވެބް ޕޯޓަލް www.stelco.com.mv/smr މެދުވެރިކޮށް ފޮނުއްވޭނެ އިންތިޒާމް މިހާރު ހަމަޖައްސައިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

" މިހިނގާ އޭޕްރީލް މަހުގެ ބިލްހެދުމަށްޓަކައި ގްރޭޓަރމާލެ ސަރަހައްދުގެ ކަަސްޓަމަރުން ވީ އެންމެ އަވަހަކަށް މި ކުންފުނީގެ ވެބް ޕޯޓަލްއަށް މީޓަރުގެ ފޮޓޯ ފޮނުއްވާދެއްވުން އެދެމެވެ. އަދި މިކުންފުޏަށް މަތީގައި ދަންނަވާފައިވާ ގޮތަށް ފޮޓޯ ފޮނުވެން ނެތް މީޓަރުތަކަށް ކުރިން އެތަނަކަށް ކަރަންޓު ބޭނުން ކުރައްވަމުންއައި މިންވަރަށާއި، މި ހާލަތުގައި އެތަނެއް ބޭނުންކުރައްވަމުން އަންނަގޮތަށް ބަލައި އެވްރެޖް ބިލެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ." ސްޓެލްކޯއިން ބުންޏެވެ.

އެވްރެޖްބިލެއް ހެދިޔަސް ސްޓެލްކޯއިން އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލަކީ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ މިންވަރަށް ބިލު ކުރުން ކަމުގައިވާތީ އެމިންވަރާއި އެއްހަމަ ކުުރުމަށްޓަކައި ފަހުން ފޮނުވޭ ބިލްތަކަށް އެޑްޖަސްޓްމަންޓް ނުވަތަ ބަދަލުތަކެއް ގެނެވިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިގޮތަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން އެއްވެސް ގެއެއްގެ ބިލް ބޮޑު ނުވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ދަނޑިވަޅު އެންމެންގެ ރައްކާތެރިކަމަށްޓަކައި، ބިލަށް ފައިސާ ދެއްކެވުމަށް ސްޓެލްކޯގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރެއްވުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް