އިތުރު 12 މީހަކު ކޮވިޑަށް ޕޮސިޓިވްވެ، ޖުމްލަ 128 އަށް

ކޮޮރޯނާއަށް ޝައްކުކުރެވޭ މީހެއްގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރި ވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އިތުރު 12 މީހަކު ކޮވިޑަށް ޕޮސިޓިވްވެ، ރާއްޖެއިން ޕޮސިޓިވްވީ މީހުންގެ އަދަދު 128 އަށް އަރައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދުގެ މިހާތަނަށް 18 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށެވެ.

މިރޭގެ ޕްރެސް ފެށުމުގެ ކުރިން އިތުރު 11 ކޭސް ފެނިފައިވާކަމަށް ޑރ. ވިދާޅުވިއެވެ. އެ ކޭސްތަކުގެ ތަފްސީލު މިރޭ ހާމައެއް ނުކުރައްވައެވެ.

މިއަދު ކުރިން ފެނުނު ހަތް ކޭހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި މީގެ ކުރިން ފެނިފައިވާ ކޭސްތަކާ ގުޅުމެއް ނެތް މީހުންވެސް ހިމެނޭ ކަމަށެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން ކޭސް 111 އަކީ މީގެ ކުރިން ފެނުނު އެހެން ކޭސްތަކާ ގުޅުމެއް ނެތް ކޭސްއެއް ކަމަށް ޑރ. ވިދާޅުވިއެވެ. އޭނާ އަކީ އިންޑިއާ މީހެއްކަމަށާއި އޭނާގެ ކޮންޓެކްޓުންގެ ތެރޭގައި އެކިގައުމުތަކުގެ 26 މީހަކު ހިމެނޭކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. އެ ކޭސްއާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ޑރ. ވިދާޅުވިއެވެ.

ކޭސް 112 އަކީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ އަކީ "އެމްއެޗްއެފް" ކްލަސްޓާ އާއި ގުޅުންހުރި ކުއްޖެއް ކަމަށާއި އެކުއްޖާ އަކީ އެމްއެޗްއެފް ކްލަސްޓާ އާއި ގުޅިފައިވާ ތަނެއްގައި މަސައްކަތްކުރާ މީހެއްގެ ދަރިއެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ކޭސް 113 އަކީ ޓީޗާ އެޑިއުކޭޓާ އެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، އޭނާ އަކީ ލޮކްޑައުންގެ ހާލަތުގައި ގޭގައި މަޑުކޮށްގެން އިންނަ މީހެއް ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ޑރ. ވިދާޅުވިއެވެ.

"މި ބޭފުޅާގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުން ވަރަށް ރަނގަޅަށް ގޭގައި ހަމަ ކޮންފައިންވެގެން ހުރި ބޭފުޅަކަށް ވަނީ. އަދި އަޅުގަނޑުމެން ދީފައިވާ އިރުޝާދާ އެއްގޮތަށް ދާންޖެހޭ ރޫޓުން ކަންތައްތައް ގޮސްފައިވާކަން ފާހަގަ ކުރެވޭ،" ޑރ. ވިދާޅުވީ މި ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރޭ ހިމެނެނީ އެ ގޭގައި އުޅޭ 27 މީހެއް ކަމަށެވެ.

ކޭސް 114 އަކީ އުމުރުން 60 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަކީ ކޭސް 73 އާއި ގުޅިފައިވާ އާރުއައިއެސް ކްލަސްޓާއާ ގުޅިފައިވާ މީހެއް ކަމަށް ޑރ، ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ 115 އާއި 116 ވަނަ ކޭސް އަކީވެސް ކުރީގެ ކްލަސްޓާ އަކާ ގުޅިފައިވާ ދެމީހުން ކަމަށާއި ކްލަސްޓާ އެލްއެލްވައި އާއި ގުޅިފައިވާ މި ދެމީހުންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެމީހުން ކަމަށެވެ. މި މީހުންނަކީ އައިސޮލޭޝަންގައި ތިބި މީހުން ކަމަށާއި އެމީހުންނާ ގުޅުންހުރި އާ ކޮންޓެކްޓުން ނުތިބޭނެ ކަމަށް ޑރ. ވިދާޅުވިއެވެ.

މީގެ އިތުރުން ކޭސް 117 އަކީ ކޭސް ނަންބަރު 28 އާއި ކޭސް 31 ގެ ދަރިފުޅު ކަމަށާއި އުމުރުން 12 އަހަރުގެެ މި ކުއްޖާ ގުޅެނީ ކްލަސްޓާ ބީއާރުބީއާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ 128 އަށް އަރާފައިވާއިރު އޭގެ ތެރޭ ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސިންނެވެ.

މާލެއިން އެންމެ ފުރަތަމަ ބަލީގެ ޕޮޒިޓިވް ކޭހެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިހާތަނަށް މާލެއިން ބަލީގެ 107 ފެނިފައިވާއިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 16 މީހުންނެވެ.

comment ކޮމެންޓް