އިންޑިއާއިން ރާއްޖެއަށް 50،000 ހައިޑްރޮކްސީކްލޮރޯކްއީން ބޭސްގުޅަ ހަދިޔާކޮށްފި

ޖޫން 8، 2019: ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން 50،000 ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) ބޭސްގުޅަ ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.

އެޗްސީކިއު އަކީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމަށް ފަރުވާދިނުމުގައި ޕްރޮފިލެކްޓިކެއްގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުންދާ ބޭހެކެވެ. މެލޭރިއާ އާއި ލޫޕަސް އާއި ރޫމަޓޮއިޑް އާތުރައިޓިސްއަށް ފަރުވާ ދިނުމަށް ބޭނުން ކުރާތާ އެތައް އަހަރެއް ވެފައިވާ ބޭހެކެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން ރާއްޖެ އަށް 50،000 އެޗްސީކިއު ބޭސްގުޅަ ހަދިޔާކޮށްފައިވާ ކަމަށެވެ. ދިވެހިރާއްޖޭގައި އެޗްސީކިއު ބޭހުގެ ބޭނުންކުރެވޭނީ ދިވެހި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެޗްސީކިއު ބޭސް ރާއްޖެއަށް ގެނެސްފައިވާއިރު ކޮރޯނާ ވައިރަސްގެ ސަބަބުން ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީށް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ދެ ދުވަސް ކުރިން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފަ އެވެ.

އެ ފޯނު ކޯލުގައި، އިންޑިއާ އާއި ދިވެހިރާއްޖެ އާއި ދެމެދުގައިވާ ޚާއްސަ ގުޅުން ފާހަގަ ކުރައްވާ އިންޑިއާ އަބަދު ވެސް ދިވެހިރާއްޖެއާއިއެކުގައި ވާނޭކަމުގެ ޔަގީންކަން މޯދީ ދެއްވި ކަމަށް ހައިކޮމިޝަނުން މިއަދު ބުންޏެވެ.

މޯދީ އާއި ރައީސް ސޯލިހު މަޝްވަރާކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޗްސީކިއު ބޭހުގެ ސަޕްލައި ރާއްޖެއަށް ފޯރުކޮށްދެވުމަކީ ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުމުގެ ހެއްކެއް ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ. އަދި އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ޕޮލިސީއާއި ދިވެހިރާއްޖޭގެ "އިންޑިއާ ފަސްޓް" ޕޮލިސީގެ ބަދަހިކަމުގެ ރަމްޒެއް ކަމަށްވެސް ބުންޏެވެ.

އެޗްސީކިއު ބޭހުގެ ސަޕްލައިގެ 70 އިންސައްތަ އުފައްދާ ގައުމަކީ އިންޑިއާ އެވެ. އެ ބޭސް އިންޑިއާގައި އުފައްދާ އެންމެބޮޑު ދެ ކުންފުންޏަކީ ޒައިޑަސް ކެޑިލާ އަދި އިޕްކާ ލެބްސް އެވެ. އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުން ވަނީ މިދަނޑިވަޅުގައި އެ ބޭހުގެ ޕްރޮޑަކްޝަން އިތުރުކޮށްފަ އެވެ.

އެޗްސީކިއު ބޭހަކީ ކޮވިޑް-19އަށް ފަރުވާ ދިނުމަށް ރަނގަޅު ބޭހެއް ކަމަށް އަދި މިިހާތަނަށް އެއްވެސް ސައިންޓިފިކް ހެއްކެއް ނެތެވެ. އެހެންނަަމަވެސް، އެ ބޭހުން ފައިދާވޭތޯ ބެލުމަށް ދިރާސާ ކުރެވެމުން އެބަދެ އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ހައިޑްރޮކްސިކްލޮރޮކުއިން ދިނުމުން ފައިދާއެއް ނުވި: ދިރާސާ

comment ކޮމެންޓް