ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ހައިޑްރޮކްސިކްލޮރޮކުއިން ދިނުމުން ފައިދާއެއް ނުވި: ދިރާސާ

ހައިޑްރޮކްސިކްލޮރޮކުއިން ބޭސް -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޭޕްރިލް 22): ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންނަށް މެލޭރިއާ ބޭސް، ހައިޑްރޮކްސިކްލޮރޮކުއިން ދިނުމުން ބޭސް ބޭނުން ނުކުރާ މީހުންނާ އަޅާ ބަލާއިރު ވަކި ފައިދާއެއް ނުފެންނަ ކަމަށް އެމެރިކާގެ ވެޓެރަންސް ހެލްތް އެޑްމިނިސްޓްރޭޝަންގެ މެޑިކަލް ސެންޓަރުތަކުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެ ސެންޓަރުތަކުން ކޮވިޑް-19އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ނުވަތަ އެޑްމިޓު ކުރި ފަހުން މަރުވި 368 މީހެއްގެ މެޑިކަލް ޗާޓުތައް ރިވިއު ކުރުމަށް ފަހު ހަދާފައިވާ އެ ދިރާސާގެ ނަތީޖާ އާއްމުކޮށްފައި ވަނީ 'މެޑްއާކައިވް' ވެބްސައިޓުގަ އެވެ. އެ ވެބްސައިޓުން ވަނީ މިދިރާސާއަކީ އަދި އެއްވެސް މެޑިކަލް ޖާނަލްއެއްގައި ޕަބްލިޝް ކޮށްފައި ނުވާ އަދި ކަމާ ބެހޭ މާހިރުންގެ ޓީމަކުން ބަލާ 'ޕިއާ ރިވިއު'ކޮށްފައި ނުވާ ދިރާސާއެއްކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން މި ދިރާސާއަކީ އަދި މެޑިކަލް ކޮމިއުނިޓީން އިތުރަށް ބަލަން ޖެހޭ ދިރާސާއެއްކަންވެސް ފާހަގަކޮށްފަ އެވެ.

އެ ދިރާސާގައި ބޭނުން ކުރި މެޑިކަލް ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ 97 މީހަކު ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ކުރި އެވެ. އަދި 113 މީހަކު ހައިޑްރޮކްސިކްލޮރޮކުއިންއާ އެކު އެހެން ބޭހެއް ކަމަށްވާ އެޒިތުރޮމައިސިން ބޭނުން ކުރި އިރު 158 މީހަކު ހައިޑްރޮކްސިކްލޮރޮކުއިން އެއްގޮތަކަށްވެސް ބޭނުން ނުކުރެ އެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި ހައިޑްރޮކްސިކްލޮރޮކުއިން އެކަނި ބޭނުން ކުރުމުންވެސް އަދި އެޒިތުރޮމައިސިންއާ އެއްކޮށް ބޭނުން ކުރުމުންވެސް ބަލީގެ ސަބަބުން މީހުން މަރުވުމުގެ ފުރުސަތު ކުޑަ ނުވެ އެވެ. އަދި އެޑްމިޓްކޮށްފައިވާ މީހުން ވެންޓިލޭޓަރަށް ލާން ޖެހުމުގެ ފުރުސަތުވެސް ކުޑައެއް ނުވެ އެވެ.

މީގެ އިތުރުން، ހައިޑްރޮކްސިކްލޮރޮކުއިން އެއްގޮތަކަށްވެސް ބޭނުން ނުކުރާ ބަލި މީހުންނާ އަޅާ ބަލާއިރު ބޭސް ބޭނުން ކުރި މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު އިތުރު ކަމަށް ދިރާސާއިން ދެއްކި އެވެ. ނަމަވެސް އޭގެ މާނައަކީ ހައިޑްރޮކްސިކްލޮރޮކޮއިން ބޭނުން ކުރުމުގެ ސަބަބުން ކޮވިޑް-19 ޖެހިފައިވާ މީހުން މަރުވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮވިޑް-19 ޖެހިފައިވާ މީހުން ބޭސް ބޭނުން ކުރުމާއި ކޮވިޑް-19 ޖެހިގެން މަރުވާ ރޭޓާ ކޮންމެވެސް ގުޅުމެއްވާ ކަމެވެ.

އެހެންކަމުން މި ދިރާސާއިން ދައްކުވައިދެނީ ކޮވިޑް-19އަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޮކުއިން ފުޅާ ދާއިރާއެއްގައި ބޭނުން ކުރަން ފެށުމުގެ ކުރިން، އެ ބައްޔާއި ބޭހާ ހުރި ގުޅުން ފުރިހަމައަށް ދިރާސާ ކުރުމުގެ މުހިއްމުކަން ކަމަށް ސައިންސުވެރިން ބުންޏެވެ.

އެ ދިރާސާ ހެދުމުގައި އެމެރިކާގެ ޔުނިވާސިޓީ އޮފް ސައުތު ކެރޮލައިނާ އާއި ޔުނިވާސިޓީ އޮފް ވާޖީނިއާ ސްކޫލް އޮފް މެޑިސިންގެ ސައިންސުވެރިން ބައިވެރިވި އެވެ.

ހައިޑްރޮކްސިކްލޮރޮކުއިންއަކީ މެލޭރިއާ އާއި ލޫޕަސް އާއި އާތުރައިޓިސްއަށް ފަރުވާ ދިނުމަށް ބޭނުން ކުރާތާ އެތައް އަހަރެއް ވެފައިވާ ބޭހެކެވެ. ނަމަވެސް އެ ބޭހަކީ ކޮވިޑް-19އަށް ފަރުވާ ދިނުމަށް ރަނގަޅު ބޭހެއްކަން ކަށަވަރުކޮށްދޭ އެއްވެސް ސައިންޓިފިކް ހެއްކެއް އަދި ނެތެވެ.

comment ކޮމެންޓް