ރޯދަމަހުގައި ކެއިންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތް (1)

މާލޭ މާރުކޭޓެއްގައި ވިއްކަން ހުރި މޭވާއާއި ތަރުކާރީގެ ބާވަތްތަކެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއީ ރޯދަމަހު ކެއުންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތާ ބެހޭގޮތުން އާންމުކޮށް ކުރެވޭ ސުވާލުތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކަލް ނިއުޓްރިޝަނިސްޓު ހެމާޝްރީ ނަރަޔަނަން ދެއްވާފައިވާ ޖަވާބުތަކެއްގެ ދިވެހި ތަރުޖަމާއެވެ.

މި ޖަވާބުތައް "ސަން"ގައި ޝާއިއުކުރާނީ ހަތަރު ލިޔުމެއްގެ މައްޗަށް އެކުލެވޭ ސިލްސިލާއެއްގެ ގޮތުގައެވެ.

1. ރޯދަ ހިފުމުން ސިއްހަތަށް ކުރާ ފައިދާތަކަކީ ކޮބާ؟

ރޯދަމަހު ރޯދަ ހިފުމުން އެކި މީހުންނަށް ސިއްހީ ގޮތުން ކުރާ ފައިދާ ތަފާތުވާނެ. މި ކަންކަން ބަރޯސާވަނީ ރޯދައިގެ ދިގުމިނާއި، ރޯދަމަސް ދިމާވަނީ އަހަރުގެ ކޮން ދުވަސްވަރަކަށްތޯއާއި، ރޯދަ ހިފާއިރު ހުންނަ ގައުމު ނޫނީ ސަރަހައްދަށާއި އަދި ރޯދަ ހިފާއިރު ހުރެވޭ ގައުމު ނުވަތަ ސަރަހައްދުގެ މޫސުމަށް. ދިރާސާތަކުން ދައްކާ ގޮތުގައި އޯވާވެއިޓް ނުވަތަ އޮބީޒްކޮށް ހުންނަ މީހުންގެ ކިބައިން ރޯދަމަހު ބަރުދަން ލުއިވެ، ބޮޑީފެޓް (ސަރުބީ)ވެސް މަދުވޭ. އެކަމަކު ބައެއް ފަހަރު ރޯދަމަސް ނިމުމުން ގެއްލުނު ބަރުދަން އަނެއްކާވެސް އިޔާދަވޭ. ރޯދަމަހު ބަރުދަން ލުއިކުރުމަށްފަހު އެކަން ދެމެހެއްޓުމަށް އެދޭ މީހުން ކުރަން ޖެހޭނެ ކަމަކީ ސިއްހަތަށް ފައިދާހުރި ޑައެޓެއް ދެމެހެއްޓުން. އަދި ރޯދަމަސް ނިމުމުން ހެލިފެލިވެ އުޅުން އިތުރުކުރުން.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރޯދައަށް ހުންނަ ދުވަސްވަރު މީހުންގެ ލެއިން ކޮލެސްޓްރޯލްއާއި ޓްރައިގްލިސެރައިޑްސް މަދުވޭ، އަދި ޝޯޓް ޓާމް އިމްޕްރޫވްމަންޓްސް ފެނޭ. މީގެ އިތުރުން މީހާގެ ދިފާއީ ނިޒާމު (އިމިއުން ސިސްޓަމް)ވެސް ރޯދަމަސް ވަރުގަދަވާކަން އެނގިފައިވޭ.

2. ރޯދަމަހު ބާޒާރުކުރާ ލިސްޓުގައި ހިމަނަންވީ ކާނާގެ ބާވަތްތަކަކީ ކޮބާ؟

ރޯދަމަހު ކެއުމަށް ހޯދަންވީ ބައެއް ބާވަތްތަކަކީ:

  • ފައިބާ ގިނަ މޭވާ (ކަދުރު، ޒައިތޫނި، ކާށި ތެޔޮ)
  • ފްރުކްޓޯސް މަދު މޭވާ (އޮރެންޖު، ފޭރު، ޕެއާޒް، އަލަނާސި، އެކި ވައްތަރުގެ ބެރީޒް، ފަޅޯ، ޑްރެގަން ފްރުޓް، ކަރާ)
  • އެކި ވައްތަރުގެ ނަޓް ނުވަތަ މަދު (އެލްމަންޑްސް، ވޯލްނަޓް، ޕިސްޓާޗިއޯ، ޕެޕިޓާ ނުވަތަ ބަރަބޯ އޮށް، ސަންފްލާވާ ސީޑްސް، ޕީނަޓްސް، ޕެކާންސް)
  • ސިކުނޑިއަށާއި ހިތަށް ފައިދާކުރުވަނިވި އޮމެގާ-3 ފެޓީ އެސިޑްސް ހިމެނޭ މަހުގެ ބާވަތްތައް (ސެލްމަން، ޓްރައުޓް، ސާޑީން، ކޮޑް ފަދަ)
  • ފެހިކަން ގަދަ ތަރުކާރީއާއި ރޫޓް ވެޖެޓަބަލްސް (ކައްޓަލަ، ބީޓްރޫޓް، ޓާނިޕްސް، ކެރެޓު، ފިޔާ، ލޮނުމެދު، ސެލެރީ، ރެޑިޝް އަދި އިނގުރު ފަދަ)

3. ރޯދަ ހިފަން ތައްޔާރުވުމުގެ ގޮތުން ހާރުކެއުމަށް ބޭނުންކުރަންވީ ކޮން ކަހަލަ ކާނާއެއް؟

ޞުހޫރު ނުވަތަ ހާރުކެއުން: ރޭގަނޑުގެ ހާރަށް ގިނައިން ދިޔާ އެއްޗެހި ބޯން ވާނެ. އަދި ރޯދައަށް ހުންނަ ވަގުތު ހައިޑްރޭޝަން ނުވަތަ ހަށިގަނޑުގައި ފެން ހިފެހެއްޓުމަށް، ފެން އެކުލެވޭ ކާނާ ކެއުން ރަނގަޅު. އަދި ހަކަތަ ދެމެހެއްޓުމަށް ސްޓާޗީ ފުޑްސް ކެއުން ރަނގަޅު. ފައިބާ ގިނަ، ނުވަތަ ހޯލްގްރެއިން ފުޑްސްއަކީ ކާބޯތަކެތި ހަޖަމްކުރުމަށާއި، ބަނޑުހައިވުމުގެ އިހުސާސް ފިލުވުމަށް އެހީތެރިވެދޭ ބާވަތްތައް. އެހެންކަމުން މިފަދަ ތަކެތިވެސް ހާރަށް ބޭނުންކުރުން ރަނގަޅު. ތިރީގައި މި ހިމަނާލަނީ ބައެއް މިސާލު

  • އޯޓްސް: އޯޓްސްއަކީ ހޯލްގްރެއިންސް. އޯޓްސްއާއެކު ފެން ނުވަތަ ކިރު އަޅައިގެން ޕޮރިޖް ހެދިދާނެ. އަދި ކިރު ނުވަތަ ޔޯގަޓްއާއެކު މުއެސްލީ ކެވިދާނެ. ނުވަތަ އޯވާނައިޓް އޯޓްސްވެސް ހެދިދާނެ. އެކި ކަހަލަ ތާޒާ ނުވަތަ ހިކި މޭވާއާއި ނަޓްސް ނުވަތަ މަދު އަޅައިގެން އޯޓްސްގެ އެކި ރެސިޕީތައް ތައްޔާރުކުރެވިދާނެ.
  • ފައިބާ ގިނަ، ބްރެކްފާސްޓް ސީރިއަލްސް: މިއީ ފައިބާގެ އިތުރުން ވިޓަމިންސްއާއި މިނަރަލްސްއިން ފުރިގެންވާ ތަކެތި. ސީރިއަލްއަކީ ކިރާއެކު ކާ އެއްޗެއް ކަމުން ފްލުއިޑްސްވެސް އެބަ ލިބޭ. އަދި ކިރުގެ ޒަރިއްޔާޢިން ކެލްސިއަމްއާއި އަޔަޑީންއާއި ވިޓަމިން ބީ ލިބޭ.
  • ބަތް ނުވަތަ ކުސްކުސް ފަދަ ސްޓާޗީ ފުޑް: މޭވާއާއެކު ރައިސް ޕުޑިންގް ހެދިދާނެ. ނުވަތަ ކުސްކުސް ނުވަތަ އެހެން ގްރެއިންއެއްވެސް ކިރާއި އެހެން މޭވާ ހިމަނައިގެން އެކްސްޕެރިމެންޓް ކޮށެްލެވިދާނެ. ހާރުކެއުމަށް ސޭވަރީ ޑިޝްއެއް ހަދާނަމަ އެއަށް މާ ގިނައިން ލޮނު އެޅުމަކީ ބުއްދިވެރި ގޮތެއް ނޫން. މާ ގިނައިން ލޮނު އަޅާއިފިނަމަ ރޯދައަށް ހުންނަ ވަގުތު ކަރުހިއްކުން އެކަށީގެންވޭ.
  • ޔޯގަޓް: މިއީ ޕްރޮޓީންސް، ކެލްސިއަމް، އަޔަޑީން އަދި ވިޓަމިން ބީ ހިމެނޭ އެއްޗެއް ކަމުން ހާރު ކެއުމަށް ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެއް. ސީރިއަލް އަދި މޭވާއާއެކުވެސް ޔޯގަޓް ކެވިދާނެ.
  • ބްރެޑްސް: ހޯލްގްރެއިން ބާވަތްތަކަކީ ފައިބާއިން ފުރިގެންވާ ތަކެތި. މިސާލަކަށް ހޯލް-މީލް ޓޯސްޓް ނުވަތަ ޗަޕާޓީ (ރޮށި) ކެވިދާނެ. ހާރުގެ ވަގުތަށް ބްރެޑްގެ ބާވަތްތަކާއެކު ލޮނުގަދަ ތަކެތި އަދި ޕްރިޒާވްޑް މީޓްސް ކެއުމުން ދުރުހެލިވުން ބުއްދިވެރި. އޭގެ ބަދަލުގައި ނަޓް ބަޓާސް (ޕީނަޓް ބަޓާ، އެލްމަންޑް ބަޓާ ފަދަ)، ސޮފްޓް ޗީޒް ނުވަތަ ދޮންކެޔޮ ކެވިދާނެ. ޕާނަކީ ހިކި އެއްޗެއް ކަމުން ހާރުދަމުގައި ޕާން ކާނަމަ ގިނައިން ފެން ބުއިމަށް ސަމާލުވުން މުހިންމު. ނުވަތަ ސޫޕްއެއް ފަދަ، ފްލުއިޑް-ރިޗް ފުޑްސް ކެވިދާނެ.

(އިތުރު ސުވާލުތަކުގެ ޖަވާބު އަންނަ ހަފްތާގައި)

comment ކޮމެންޓް