ޕޮޒިޓިވްވި މީހުން ތެރޭ ޓެކްސީ ޑްރައިވަރެއް

ޖެނުއަރީ 29، 2020: ވެލާނާ އެއާރޕޯޓްގައި ޓެކްސީ ތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ކުރަމުން ދިޔަ މީހަކު ކޮރޯނާވައިރަސް، ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރު (އެންއީއޯސީ)އިން ހާމަކޮށްފި އެވެ.

ކޮވިޑް-19 އަށް މިއަދު މާލެއިން ޕޮޒިޓިވް ވެފައިވަނީ ދެ ކޭސް އެކެވެ. އެއީ ޕޭޝަންޓް 85 އާއި ޕޭޝަންޓް 86 އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ އޭގެ ތެރެއިން ކޭސް 86 އަކީ ކޮންމެވެސް ވަރަކަށް ޓެކްސީ ދަތުރު ކުރަމުން ގެންދިޔަ މީހެއް ކަމަށެވެ. އޭނާއަކީ ދިވެއްސެއް ކަމަށާއި އޭނާއަކީ ޓެކްސީކުރުމުގެ އިތުރުން އެސްޓީއޯގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައިވެސް މަސައްކަތްކުރާ މީހެއް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އެންއީއޯސީއިން ބުނީ އޭނާގެ ކިބައިން އަލާމާތްތައް ފެނުނީ އޭޕްރިލް 15 ގައި ކަމަށާއި ނަމަވެސް މިހާރު އޭނާގެ ކިބައިން އަލާމާތްތައް ނެތް ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން އިތުރު ހަތް މީހަކު ފާހަގަކޮށްފައިވާކަމަށްވެސް އެންއީއޯސީއިން ބުންޏެވެ.

ޕޮޒިޓިވްވި ޓެކްސީ ޑްރައިވަރަކީ އިތުރު ކްލަސްޓާތަކަކާ ގުޅިފައިވާ މީހެއް ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގް، ކޭސް 36 އާ ހިސާބާ ގުޅޭކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. ކޭސް 36 އަކީ ހުޅުމާލޭގައި ހުރި އަމީން ހިޔާގައި ހުއްޓައި ހުން އައިސްގެން ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމުން ޕޮޒިޓިވްވި މީހާއެވެ.

އަފްޒަލް ވިދާޅުވީ ކޭސް 36 ކުރިން ހުރި ގެއަކީ ޕޮޒިޓިވްވި ޓެކްސީ ޑްރައިވަރު ހުރި ގެ ކަމަށެވެ. އަދި އެ ގޭގައި ތިބި އެހެން ތިން ބިދޭސީއެއްވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެއީ ކޭސް 74، 75 އަދި 83 އެވެ.

comment ކޮމެންޓް