ބަންގްލަދޭޝްއިން ފޮނުވި 100 މެޓްރިކްޓަނުގެ އެހީ ރާއްޖެއާ ހަވާލުކޮށްފި

ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި ބޭހާއި ކާބޯތަކެތި އަދި މެޑިކަލް ސާމާނު ދިވެހި ސަރުކާރާ ހަވާލުކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި ބޭހާއި ކާބޯތަކެތި އަދި މެޑިކަލް ސާމާނު ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

ބަންގްލަދަދޭޝް އިން ރާއްޖެއަށް ފޮނުވި އެހީ ރާއްޖެ ގެނެސްފައިވަނީ އެގައުމުގެ ނޭވީ ޝިޕެއްގައެވެ. އެހީގެ ގޮތުގައި ފޮނުވި ތަކެތީގެ ތެރޭގައި 100 މެޓްރިކް ޓަނުގެ ބޭހާއި ކާބޯތަކެތި އަދި މެޑިކަލް ސާމާނު ހިމެނެ އެވެ.

ބަންގްލަދޭޝްގެ އެހީ އާއި ގުޅޭގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 20،000 ޕީޕީއީ ސެޓާއި 960 އައި ޕްރޮޓެކްޝަން ގޮގްލްސް އަދި 5000 ޕީސް ހޭންޑް ސެނިޓައިޒާ ހިމެނޭ ކަމަށެވެ.

މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ސިފައިންގެ ވެރިންނާއި ބަންގްލަދޭޝް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ނަޒްމުލް ވަނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތް ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮރޯނާވައިރަހުގެ ޝިކާރައަކަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ބަޔަކު ވެފައިވާއިރު، އެމީހުންނަށް ފަރުވާދިނުމުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަށެވެ.

https://sun.mv/135263

ބަންގްލަދޭޝް އިން ވަނީ ކޮވިޑް19 އާއި ގުޅޭ ކަންކަމުގައި އެހީވުމަށް އެގައުމުގެ އަސްކަރިއްޔާގެ 10 މެޑިކަލް އޮފިސަރުންވެސް ރާއްޖެ ފޮނުވައިފައެވެ. މީގެ އިތުރުން އެގައުމުގައްޔާއި ނޭޕާލުގައި ތިބި 71 ދިވެހި ދަރިވަރަކު ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓެއްގައި އިއްޔެ ވަނީ ރާއްޖެ ގެނެސްދީފައެވެ.

comment ކޮމެންޓް