ފަރުވާދިނުމުގައި ބަންގްލަދޭޝްމީހެއް ދިވެއްސެއް ތަފާތެއް ނުކުރާނަން: ފޮރިން މިނިސްޓަރު

ބަންގަލަދޭޝް އިން ރާއްޖެއަށް ފޮނުވި އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮރޯނާވައިރަހުގެ ޝިކާރައަކަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ބަޔަކު ވެފައިވާއިރު، އެމީހުންނަށް ފަރުވާދިނުމުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި 100 މެޓްރިކްޓަނުގެ އެހީ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކާ، ދިވެހިންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުގައި ސަރުކާރުން ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށެވެ.

"ރާއްޖޭގައި ކޮވިޑް 19 ފެތުރުން މަހެއްހައި ދުވަސް ވަންދެން ކޮންޓްރޯލުކުރެވިފައި އޮތް ނަމަވެސް، ހިތާމައާއެކު ފާހަގަކުރަންޖެހެނީ މި ބަލި މިހާރު ކޮމިޔުނިޓީ ސްޕްރެޑެއްގެ ގޮތުގައި ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެން ފަށާފައިވާކަން. ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންވެސް މި ވައިރަސްގެ ޝިކާރައަކަށް ވެފައިވާކަން ހިތާމައާއެކު ފާހަގަ ކުރަން. އެހެންނަމަވެސް، އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، ބައްޔަށް ފަރުވާދިނުމުގައި ދިވެހިންނާ ބަންގްލަދޭޝްގެ ރައްޔިތުންނާ އަދި އެހެން ބިދޭސީ އަކާ ތަފާތު ނުކުރާނެކަމުގެ ޔަގީންކަން. ކޮންމެ ގައުމެއްގެ ރައްޔިތެއް ނަމަވެސް ދޭންޖެހޭ ސިއްހީ އެހީތެރިކަމާ ރައްކާތެރިކަން ފޯރުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް 100 މެޓްރިކްޓަނުގެ ކާބޯތަކެއްޗާއި ބޭސް އަދި މެޑިކަލް އިކުއިޕްމެންޓު ހަދިޔާކުރި އިރު މި ތަކެތި ރާއްޖެ ގެނެސްފައިވަނީ އެ ގައުމުގެ އަސްކަރީ މަނަވަރެއްގަ އެވެ. ބަންގްލަދޭޝް އިން މީގެ ކުރިން ވަނީ ކޮވިޑް19 އަށް ފަރުވާ ކުރުމުގައި އެހީތެރިވުމަށް އެގައުމުގެ 10 މެޑިކަޕް ޕްރޮފެޝަނަލުން ރާއްޖެ ފޮނުވައިފަ އެވެ.

"މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އެދުމަކަށް ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން ވަނީ 10 މެޑިކަލް ޕްރޮފެޝަނަލުން ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީވުމަށް ފޮނުވާފައި. އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ތެރެއިން ބަންގްލަދޭޝް އިން ރާއްޖެއަށް ބޮޑެތި އެހީތައް ވެދެމުންދާ ކަމަށެވެ. އެގޮތުން ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހި ކިޔަވާކުދިންގެ ތެރެއިން ރާއްޖެ ނާދެވި ތިބި 71 ދިވެހިން ބަންގަލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ގެނެސްދިންކަން ފާހަގަކުރައްވާ އެފަދަ އެހީތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށާއި ކާރިސާގެ މި ދަނޑިވަޅުގައިވެސް މި ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމަށެވެ.

މިނިސްޓަރު ވަނީ ބަންގަލަދޭޝް އިން ރާއްޖެއަށް ދިން އެހީތެރިކަމަށްޓަކާ އެގައުމުގެެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށާއި ފޮރިން މިނިސްޓަރު ޑރ. އަބްދުލްކަލާމް މުއުމިން އަދި ބަންގްލަދޭޝްގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

comment ކޮމެންޓް