ބިމުގެ ދަތިކަން ހުރި ރަށްރަށަށް ދަނޑުވެރިކަމަށް ރަށެއް ދޭން ކޮމިޓީއިން ހުށަހަޅައިފި

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ބިމުގެ ދަތިކަމާ ހުރެ ދަނޑުވެރިކަން ކުރެވެން ނެތް ފަރާތްތަކަށް އެކަކަށްވުރެ ގިނަ މީހުންނަށް ދަނޑުވެރިކަން ކުރެވޭ ގޮތަށް ރަށެއް ދޫކުރަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ނިންމައިފި އެވެ.

ކޮމިޓީއިން އެގޮތަށް ނިންމާފައިވަނީ ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ބޭވި ބައްދަލުވުން ތަކަށް ފަހު އެވެ. ކާނާގެ ޔަގީންކަން އިތުރުކުރުމަށް ދަނޑުވެރިންނާ ގުޅިގެން އެސްޓީއޯއިން ކުރާ މަސައްކަތްތައް ވީހާވެސް ބޮޑަށް ލާމަރުކަޒު ކުރުމަށް އެންގުމަށް ކޮމިޓީއިން ވަނީ ނިންމާފަ އެވެ.

އެގޮތުން ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް އެރަށަކުން ލިބެން ހުރި ބިމުގެ ސަރަހައްދުގެ ތަފާސްހިސާބެއް ކައުންސިލުތަކުން ހަދައި އެލްޖީއޭއާ ހިއްސާކޮށް ވަގުތީ ގޮތުން ދަނޑުވެރިކަން ކުރުމަށް އެދޭ ފަރާތްތަކަށް ބިން ދޫކުރުމަށް ލާމަރުކަޒީ ކޮމިޓީއިން ވަނީ ހުށަހަޅާފަ އެވެ. އަދި ދިވެހި އުފެއްދުންތަކާއި ހުނަރުވެރިކަން އިތުރުކުރުމަށް އެލްޖީއޭ މެދުވެރިކޮށް ތަމްރީނު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

"ބިމުގެ ދަތިކަމުގެ ސަބަބުން އަމިއްލަ ރަށުގައި ދަނޑުވެރިކަން ކުރެވެން ނެތް ފަރާތްތަކަށް އެކަކަށްވުރެ ގިނަ މީހުންނަށް ދަނޑުވެރިކަން ކުރެވޭގޮތަށް ފަޅުރަށްތައް ކުރު މުއްދަތަކަށް ދޫކުރުން." ލާމަރުކަޒީ ކޮމިޓީއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ބުނެފައިވެ އެވެ.

މީހުން ދިރިއުޅޭ ގޭގެ ހުސް ޖާގާގައި ކާނާ ލިބޭ ދަނޑުވެރިކަން ކުރުމަށް ބާރު އެޅުމުގެ ގޮތުން ކުޑަ ޖާގައެއްގައި ކުރެވިދާނެ ދަނޑުވެރިކަމާ ގުޅޭ މައުލޫމާތު ކައުންސިލުތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކޮމިޓީއިން ހުށަހެޅި އެވެ. އޭގެ އިތުރުން ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށްރަށުގައި ކުރަނީ ދަނޑުވެރިކަންތޯ ބަލައި އެކަން ނުކުރާނަމަ ހުއްދަ ބާތިލު ކުރަންވެސް ކޮމިޓީއިން ވަނީ ހުށަހަޅާފަ އެވެ. އަދި ދަނޑުވެރިކަމުގައި ހަރަކާތްތެރިވަނީ ދިވެހިންތޯ ޔަގީން ކުރަންވެސް ކޮމިޓީއިން ހުށަހެޅި އެވެ.

"މި ދަނޑިވަޅަކީ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަމަށް އިސްކަންދީގެން މަސައްކަތް ކުރުމަށް މަޖުބޫރު ވެފައިވާ ދަނޑިވަޅެކެވެ. އަދި ދަނޑުވެރިކަމުގެ މަސައްކަތް ރަށްރަށުގައި ވީހާވެސް އަވަހަށް ފަށައިގަތުމަށްޓަކައި ކައުންސިލްތައް މެދުވެރިކޮށް ބިން ދޫކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެމެވެ." ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓުގައި ބުނެގައިވެ އެވެ.

ލާމަރުކަޒީ ކޮމިޓީއިން ނިންމި އިތުރު ކަންކަމުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ދަނޑުވެރިން އަދި ރިސޯޓުތަކަށް އަދި މަސްވެރިންނަށްވެސް އެކި ސްކީމްތަކުގެ ތެރެއިން ލޯނު ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން އެ ފައިސާއަށް އެދި ހުށަހެޅުމަށް ރަށްރަށުގެ މީހުންނަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ކޮމިޓީއިން ވަނީ ހުށަހަޅާފަ އެވެ.

ކޮމިޓީއިން ހުށަހަޅާ ހުށަހެޅުމަށް ސަރުކާރަށް ފޮނުމަށް މިއަދު މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓަށް ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފަ އެވެ.

comment ކޮމެންޓް