ދައުލަތުގެ ހުރިހާ މުވައްޒަފުން ތައްޔާރަށް ތިބުމަށް ރައީސް އެދިވަޑައިގެންފި

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު: އެމަނިކުފާނު ވަނީ ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައި --- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތަށް ނުކުތުމަށް ތައްޔާރަށް ތިބުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

މާލޭގައި ކޮވިޑް-19 ވައިރަސް ފެތުރި މާލެއިން އެކަނި 66 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި ވައިރަސް ޖެހުނު މީހުންނާ ކޮންޓެކްޓުވި މީހުން އަތޮޅު ތެރޭގެ ރަށްރަށުގައި އެބަ ތިއްބެވެ. އެކަމާ ގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުން އަދި ދަރުމަވެރިން ދަނީ 24 ގަޑިއިރު ބަލި ކޮންޓްރޯލުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތާ ގުޅިގެން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވައި މިރޭ ނެރުއްވި ދެންނެވުމެއްގައިވަނީ، ކޮވިޑް-19 ބަލި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، އެކަމާ ދެކޮޅަށް ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސާވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ދެންނެވުމުގައިވެ އެވެ.

"ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ގައުމަށް ކުރިމަތިވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާ ކަމުގައި ދަންނަވަންވެސް ރައީސް ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.

އަތޮޅު ތެރޭގެ ޓާސްކް ފޯސްތަކުގަ އާއި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރާ އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި މިހާރުވެސް ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން، ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރޭ އަމުރުތަކަަށާއި، އެންއީއޯސީގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ވަނީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މާލޭގައި ވައިރަސް ވަރަށް ބޮޑަށް ފެތުރި ކޮންމެ ދުވަހަކު އަންނަނީ ގިނަ ކޭސްތަކެއް މާލެއިން ފެންނަމުންނެވެ. މިދިޔަ ދެ ދުވަހު 17 ކޭސް ފެނިފައިވެ އެވެ. އަދި މިއަދުގެ މިހާތަނަށް ދެ ކޭސް ފެނިފައިވެ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް، މާލޭ ސަރަހައްދުގައި މީހުން ބޭރަށް ނުކުތުމާ އަދި ލަފާކުރުން މަނާކޮށް މާލޭ ސަރަހައްދު މިހާރު އޮތީ ލޮކްޑައުންގެ ހާލަތަށް ގެނެސްފަ އެވެ. އަދި މުޅި ރާއްޖޭގައިވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާއި، ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން ހިމެނެ އެވެ.

comment ކޮމެންޓް