ކުލި ނުދެއްކިގެން ގެއިން ނެރުމުން ސަރުކާރުން ވަގުތީ ހިޔާ ފޯރުކޮށްދީފި

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުލި ނުދެއްކިގެން ރޭ މާލޭގެ ގެއަކުން ނެރުނު ދެކުއްޖަކަށް ސަރުކާރުގެ ފަރާތުން ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައި ވަނީ މީހަކު ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ ދިލްބަހާރު މަގު މައްޗަން ގޯޅީ ސަހަރާ ކައިރީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ދަބަސްތައް ހިފައިގެން މަގުމަތީ ތިބިތަން ފެނިގެން ސުވާލުކޮށްލުމުން، ކުލި ނުދެއްކިގެން ގެއިން ނެރެފައިވާ ކަމަށް ބުނި ކަމަށެވެ.

"ދާނެ އެހެން ގެއެއް ހުރިތޯ ސުވާލުކޮށްލީމާ ބުނީ މާފަންނު ގެއެއްގައި ދައްތައެއް ހުންނަ ކަމަށް. ނަމަވެސް އެގެއަށް ދިޔަސް ނުވައްދާނެ ކަމަށް ދައްތަ ބުނި ކަމަށާއި މިހާރު ގުޅުމުން ފޯނުވެސް ނުނަގާ ކަމަށް،" ޕޯސްޓުގައި ބުނެފައިވެ އެވެ.

އަދި އެންމެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުން އެ ދެކުދިން އިމާދުއްދީން ސްކޫލަށް ދިޔަ ކަމަށެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުލި ނުދެއްކިގެން ގެއިން ނެރުނު ދެބެއިންނަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަަމަށެވެ.

"މިއީ އިންސާނިއްޔަތުކަން ދައްކަންވީ ވަގުތު. މީހަކަށް އެއްޗެއް ދީފިނަމަ ރޯދި އިތުރުކުރައްވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ހާލަތާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގު ވަނީ ބަންދުވެފައެވެ.

އަދި މާލޭގައި ކުއްޔަށް އުޅޭ ގިނަ ބަޔަކަށް ކުލި ނުދެއްކިގެން، އެމީހުން ދިރިއުޅޭ ތަންތަނުން ނުކުތުމަށް އަންގާކަމުގެ ޝަކުވާތައް ވެސް ވަނީ ގިނަވެފައެވެ.

އެމައްސަލަ ބޮޑުވެގެން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ސިޓީއެއްވެސް ފޮނުވާފަ އެވެ.

އެ ސިޓީގައި އެ ޖަމިއްޔާއިން އެދިފައި ވަނީ ދިމާވެފައިވާ މިހާލަތުގައި ކުލި ނުދެއްކުނު ކަމުގައި ވިޔަސް ގެއިން ނުނެރެވޭނެ ގޮތަކަށް ވަގުތީ ގާނޫނެއް ހަދައި ދިނުމަށެވެ.

މި މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، މަގުމަތިވެ ހާލުގައި ޖެހުނު މީހުންނަށާއި، އެކި ކަންކަމުގައި މާލެ އައިސް، ލޮކްޑައުން ކުރުމުން މާލެއިން ނުފުރި ތާށިވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ވެސް ޖެންޑާ އިން އަންނަނީ ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ އިމާދުއްދީން ސްކޫލުގައެވެ.

comment ކޮމެންޓް