މަޖިލީހުން ކަރަންޓު ކެނޑި، މިއަދުގެ ޖަލްސާ ލަސްވެއްޖެ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން ޓެކްނިކަލް މައްސަލައެއް ދިމާވެ، މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުން ލަސްކޮށްފި އެވެ.

މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަން އޮތީ މިއަދު 11:00 ގައެވެ.

އެހެން ނަމަވެސް ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނީ، ކަރަންޓު ކެނޑި، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފެށުން ލަސްކުރެވިފައިވާ ކަމަށެވެ.

އަދި މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ޖަލްސާ ފަށާނެ ގަޑި އިއުލާން ކުރާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފްތާގައި ބާއްވާފައެއް ނުވެއެވެ. އޭގެ ކުރީ ހަފްތާގައި ޖަލްސާތައް ބޭއްވީ މެންބަރުން ގޭގައި ތިއްބަވައިގެން އޮންލައިން ކޮށެވެ. މިއަދުގެ ޖަލްސާ ވެސް ބާއްވަން ނިންމާފައި އޮތީ އޮންލައިން ކޮށެވެ.

މިއަދުގެ ޖަލްސާގައި ތާވަލްކޮށްފައި އޮތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިިވާ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލުގެ ބަހުސާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

މީގެ އިތުރުން ވެސް އިތުރު ބައެއް ބަހުސްތައް މިއަދަށް އެޖެންޑާކޮށްފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން މަޖިލިސް ހުއްޓިފައި އޮތުމަށްފަހު އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފެށީ މިދިޔަ މަހުގެ 31 ގައެވެ. ކޮމެޓީތައް ވެސް ކުރިއަށް ގެންދިޔައީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.

މަޖިލީހުގެ ތަޅުމުގައި އެންމެ ފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ޖަލްސާގައި ވަނީ އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މެމްބަރުންނާއެކު މަޝްވަރާކުރައްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް