ބްލަޑް ބޭންކުން ލޭ ހުސްވަނީ، އެންމެން ބޭނުންވަނީ އޯ ޕޮޒިޓިވް

ގްލޯބަލް ޔޫތް ބްލަޑް ޑޮނޭޝަން ކޭމްޕްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގައި ހުރި ލޭގެ ސްޓޮކް ހުސްވާން ގާތް ވެފައިވުމުން، ލޭ ހަދިޔާކޮށްދިނުމަށް އެދިއްޖެ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ލޭ ލިބުން ދަތިވެ، އެކި ފަހަރު މަތިން ލޭ ހަދިޔާކޮށްދޭން ވަނީ އެދިފަ އެވެ.

އެންމެ ފަހުން ލޭ ހަދިޔާކޮށްދޭން އެމްބީއެސް އިން އެދިފަައިވަނީ މީގެ ދެ ދުވަސް ކުރީންނެވެ.

ސަން އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްބީއެސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއޭޓްރިކްސް، ޑރ. އަހުމަދު އުމަރު ވިދާޅުވީ އެމްބީއެސްގެ ސްޓޮކުގައި ޕޭޝަންޓުންނަށް ދޭ ވަރަށް ލޭ ނެތް ކަމަށެވެ.

"އަޅުގަނޑުމެން މި ބުނަނީ، މިހާރު ލޭ އަޅަން އަންނަ ޕޭޝަންޓް މެދުވެރިކޮށް އެ ފަރާތްތަކަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތެއް ގެނައުމަށް،" އޭނާ ވިދާޅުވި އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންއަށް ގެނެސްފައިވާއިރު ލޭ ހޯދުމަށް އާންމުކޮށް ބާއްވަމުން އަންނަ ކޭމްޕްތައް ވަނީ އެއްކޮށް ހުއްޓިފައި ކަމަށް އުމަރު ވިދާޅުވިއެވެ. އޭގެ ސަބަބުން ލޭ ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އުމަރު ވިދާޅުވީ، އެންމެ ބޮޑު ޑިމާންޑެން އޮތީ އޯ ޕޮޒިޓިވް ލެއަށް ކަމަށެވެ. އެއީ ލޭ އަޅަން އަންނަ ތެލެސީމިއާ ކުދިންގެ ދެބައިކުޅަ އެއްބައި ފަރާތްތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އަދި ހަމަ އެފަދައިން ބީ ޕޮޒިޓިވް ލޭއަކީވެސް ލިބުމަށް އުނދަގޫ ވައްތަރެއް،" އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ 3306089 އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެދުމުން އެ ފަރާތްތަކުން ގެންނާނީ ވެސް ވަކި ގަޑިތަކަށް ކަމަށެވެ. އެއީ އިޖުތިމާއީ ގައިދުރުކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

comment ކޮމެންޓް