ލޮކްޑައުންގައި ޒީނަތްތެރިވާ ސާމާނުގެ ޑިމާންޑް ބޮޑުވަނީ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް -19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ގައުމުތައް ލޮކްޑައުންކޮށް އެންމެން ގޭގައި ތިބުމަށް އަންގާފައިވީ ނަމަވެސް ޒީނަތްތެރިވުމަށް ބޭނުން ކުރާ ސާމާނުގެ ޑިމާންޑް އިތުރުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮސްމެޓިކް ކުންފުނި ކަމަށްވާ ލޮރިއާލް ކުންފުނިން މިފަހުން އާއްމު ކުރި މައުލޫމާތެއްގައި ބުނެފައިވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާއިން އެކުންފުންޏަށް ފައިދާ ޖެހުނު އިންސައްތަ 6.4 އަށް ބޮޑުވެފައިވާ ކަމަށެވެ. އެކަމަކު އެގައުމަކީ ކޮރޯނާ ވައިރަސް ފުރަތަމައިން ފެނި އެންމެ އަވަހަށް ލޮކްޑައުންކޮަށް މުޅި ގައުމުގެ އިގްތިސާދު ފުނޑފުނޑުވި ކަމުގެ ވާހަކަތައް އަޑުއިވުނު ގައުމެވެ.

އެކަމަކު ގޭގައި ތިބެގެން ވެސް ޒީނަތްތެރިވުމަށް ގިނަބަޔަކު ޑިމާންޑު ކުރަމުންދާ އިރު ޗައިނާގައި އޮންލައިންކޮށް ސްކިން ކެއާ، ހެއާ ކެއާ އަދި މޭކަޕް ސާމާނުގެ އިތުރުން އެކި ސެންޓުގެ ޕްރޮޑަކްޓްތައް ގަންނަން އޯޑަރު ފުލުފުލުގައި އައުމުގެ ސަބަބުން ޑިމާންޑާއި އެއްވަރަށް ފޯރުކޮށް ނުދެވޭ ކަމަށް ލޮރިއާލް އިން ބުނެ އެވެ.

ޗައިނާގައި މަޑު މަޑުން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރެވެމުންދާއިރު ގިނަ ބަޔަކު ތިބީ ލޮކްޑައުންއިން ސަލާމަތްވުމަށް ކެތްމަދުވެފަ އެވެ. އަދި ބޭރުތެރެއަށް ނުކުންނަން ވާއިރަށް ހަންގަނޑާއި އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އެގައުމުން ބޮޑު އިސްކަމެއް ދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ވުމާއެކު މިއަހަރުގެ ދެވަނަ ކުައާޓާގައި ޒީނަތްތެރިވުމުގެ ސާމާނަށް އެގައުމުގައި ޑިމާންޑް ދެގުނައަށް އުފުލޭނެ ކަމަށް ލޮރިއާލް އިން ލަފާ ކުރެ އެވެ.

‘’ޗައިނާގައި މިކުރެވޭ ތަޖުރިބާ އަކީ ދުނިޔޭގެ އެެހެން ގައުމުތަަކާ ތަފާތު ތަޖުރިބާއެއް. ޒީނަތްތެރިވުމުގެ ސާމާނުގެ ސޭލްސް ދުވަހަކަށް ވުރެން ދުވަހެއް އިތުރުވާއިރު ގައުމު ހުޅުވިގެންދާ ވަރަކަށް އެހެން ސާމާނުތަކުގެ ޑިމާންޑް ވެސް ދާނީ ބޮޑުވަމުން.’’ ލޮރެއާލް ކުންފުނީގެ ޗެއާމަން ޖީން ޕޯލް އަގޮން ބުނެފައިވެ އެވެ.

އޭނާ ބުނީ ކަސްޓަމަރުންގެ ޑިމާންޑު މިގޮތުގައި އޮވެއްޖެ ނަމަ ޗައިނާގެ އެކޮނަމީ އަލުން ހުޅުވި ކުރިން އޮތް ހާލަތަށް ދިއުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ޗައިނާގެ ފުނޑުވެފައިވާ އިގްތިސާދު ކޮޅަށް ނެގުމަށް ގިނަ އިންވެސްޓަރުން އަންނަނީ އައު ޕްލޭން އަކާ އެކު މަސައްކަތް ފަށަމުންނެވެ. އެގޮތުން ސްޓާބަކްސްގެ ރެސްޓޯރަންޓުތަކާއި ވޮލްކްސްވޮގެން ފެކްަޓަރީތައް އަލުން ހުޅުވާލަާނެ ކަމަށް އެކުންފުނޮތަކުން ވަނީ ބުނެފަ އެވެ

comment ކޮމެންޓް