ޖަލު ހަލަބޮލިކުރަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލެވިއްޖެ: އިމްރާން

މިނިސްޓަރު އިމްރާން އާއި ޕްރިޒަންސް ކޮމިޝަނަރު ޖަލުގެ ހާލަތު ބެއްލެވުން -- ފޮޓޯ: ޓްވިޓާ

ކޮރޯނާވައިރަހުގެ ބިރުވެރިކަން ފެތުރިފައިވާ މި ދުވަސްވަރު ޖަލު ހަލަބޮލިކުރަން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިފައިވާ ކަމަށް، ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ރޭ ހަމަނުޖެހުން ހިންގައި ގައިދިީ އަކަށާއި ދެ އޮފިސަރަކަށް ވަނީ އަނިޔާވެފަ އެވެ. ޖަލުގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން މިނިސްޓަރު އިމްރާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ރޭ ވަނީ ޖަލަށް ވަޑައިގެންފަ އެވެ.

ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް ރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ގަދަކަމުން ޔުނިޓުން ނުކުމެފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރު އިމްރާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 އާއެކު މުވައްސަސާތަކަށް ބާރުބޮޑުވެ ނާޒުކުވި ވަގުތު، ޖަލުހަލަބޮލިކޮށްލަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރަށް ބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލު ވުމަކީ ﷲގެ ވާގިފުޅާއެކު އޮފިސަރުންގެ ކުޅަދާނަކަން ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމަތަށް އިސްކަން ދީގެން ޖަލު ބެލެހެއްޓުން،" މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ޖަލުގައި ރޭ ހަމަނުޖެހުން ހިންގާފައިވަނީ ކޮވިޑް19 އާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 105 ގައިދީއެއްގެ އަދަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ލުއިކޮށްދެއްވައި ވަނިކޮށެވެ. އެމީހުން މިނިވަންވެ، މިހާރު އެމީހުން ގެއަށް ގެންގޮސްދީފައިވާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް