ދަރިފުޅުގެ ތަހުނިޔާއިން ނޫސްވެރިޔާ މުއާޒަށް އުފަލުން ރޮވިއްޖެ!

ނޫސްވެރިޔާ މުއާ އޭނާގެ ދަރިފުޅާއެކު: އުފަންދުވަހުގައި އޭނާއަށް ލިބުނީ ބޮޑު ސަޕްރައިޒެއް --- ފޮޓޯ/ މުއާ

ރާއްޖޭގައި ކޮރޯނާވައިރަހުގެ ހާލަތު ގޯސްވެ، މީހުން މަގުތަކަށް ނިކުމެ އުޅުން މަނާކުރުމާ އެކު ގައުމީ ޓީވީ، ޓީވީއެމްގެ ނިއުސްކާސްޓަރުންނަށް ނިންމަން ޖެހުނީ ވަރަށް އުނދަގޫ ނިންމުމެކެވެ. ލޮކްޑައުން ނަގަން ދެން، އާއިލާތަކާ ދުރުގައި ޓީވީއެމްގައި އެ މީހުން މަޑުކުރަން ނިންމީ އެވެ. ކެއުމާއި ނިދުމާއި ފެންވެރުން ފަދަ ޒަރޫރީ ކަންކަން ޓީވީއެމްގެ އެތެރޭގައި ކުރެވޭ ގޮތް ހަމަޖެއްސީ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ޓީވީއެމްއިން ގެނެސްދޭ ހާއްސަ ކަވަރޭޖްގެ މޫނުތަކުގެ ތެރޭގައި ހިމެނޭ ނިއުސްކާސްޓަރު އަބްދުﷲ މުއާޒަށް އިއްޔެ އަކީ ހާއްސަ ދުވަހެކެވެ. އެއީ، އޭނާގެ އުފަން ދުވަހެވެ. އެކަމަކު، އޭނާއަށް އޮތް ނުތަނަވަސްކަމަކީ އަންހެނުންނާއި ތުއްތުދަރިފުޅާ ދުރުގައި އެ ހާއްސަ ދުވަސް އޭނާ ހޭދަކުރަން ޖެހޭ ކަމެވެ.

އެކަމަކު އޭނާއަށް އެ އިހުސާސް އެހާ ބޮޑަކަށް ނުކުރެވުނެވެ. އިއްޔެ އެކަނި މާލެއިން ހަތް ކޭސް ފެނުމާ އެކު، އެ ކަމުގެ ވާހަކަތައް ގެނެސް ދިނުމުގައި އޭނާ މުޅި ދުވަސްހެން ހޭދަކުރަން ޖެހުނީ ހޭބޯނާރާ ނިއުސްރޫމާއި ސްޓޫޑިއޯގަ އެވެ. އެކަމުގެ ތެރޭގައި އުޅެން ޖެހުމުން އޭނާ ހުރީ އުފަންދުވަހުގެ އުފަލާއި މަޖަލުގެ މަތިން ވެސް ހަނދާންނެތިފަ އެވެ.

ރޭގެ ކަވަރޭޖް ނިންމާލަން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، މުއާޒަށް އުފަންދުވަހުގެ ތަހުނިޔާ ކީ، ލައިވް ޓީވީގައި އޭނާގެ ތުއްތު ދަރިފުޅު، ޒާކް އަބްދުﷲ މުއާޒެވެ. ޒާކް "ހެޕިބާތްޑޭ ބައްޕީ" އޭ ބުނެ ރެކޯޑް ކޮށްފައި އޮތް ވީޑިއޯ ކޮޅު އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ޓީވީއިން ޕްލޭކޮށްލުމާ އެކު، މުއާޒު އުފަލުން ފެންކަޅިވި އެވެ. އޭނާއަށް އިތުރަށް ވާހަކަ ވެސް ނުދެއްކުނެވެ. މުއާޒުއަށް އެވަގުތު ބުނެވުނީ "އަސްލަށް ވެސް ސަޕްރައިޒް ވެއްޖެ" ކަމަށެވެ. ލައިވްގައި އިރުކޮޅަކަށް ވާހަކަ ވެސް ނުދެއްކި އިންނަން ޖެހުނެވެ.

މުއާޒު ބުނި ގޮތުގައި ދަރިފުޅާއި އަންހެނުންނާ އެންމެ ފަހުން ބައްދަލުވީ ހުކުރު ދުވަހުގެ ރޭގަ އެވެ. އެކަމަކު އެއީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. ކަވަރޭޖް ގެނެސް ދިނުމަށްޓަކައި ޓީވީއެމްގެ 28 ސްޓާފުން ލޮކްޑައުން ނިމެންދެން ގެއަށް ނުގޮސް ޓީވީއެމްގައި ތިބޭ ގޮތަށް މެނޭޖްމަންޓުން ނިންމުމާ އެކު، މުއާޒަކީ އެކަމަށް ވޮލަންޓިއާ ކުރި އެކަކެވެ.

"ހުކުރު ދުވަހުގެ ރޭ އަންހެނުންނާ ދަރިފުޅާ އެންމެ ފަހުން ބައްދަލުވީ، ދެން އެހެން ހުއްޓާ ދަރިފުޅުގެ ވީޑިއޯ ކޮޅު ފެނުނީމާ ނޭނގުނު ވީގޮތެއް ވެސް. ގޭގައި ދަރިފުޅާ އަންހެނުން އެކަނި ހުންނާނެކަން އެވަގުތު އިހުސާސްވީ. މިހާ ނުރައްކާ ވަގުތެއްގައި އެ މީހުން ކައިރީ ނުހުރެވުނީމާ މާ ބޮޑަށް ދަރިފުޅާ އަންހެނުން މަތިން ހަނދާންވީ. އެވަގުތު ދެން ވީގޮތެއް ވެސް ނޭނގުނު. ހަމަ ރޮވުނީ. އިހުސާސްތައް ބުނެދޭން ވެސް ނޭނގުނީ އޮންއެއާގައި،" ދަރިފުޅުގެ ވީޑިއޯ ތަހުނިޔާ ފެނުމުން މުއާޒަށް ކުރެވުނު އިހުސާސްތައް އޭނާ، "ސަން"އަށް ކިޔައިދިނެވެ.

މުއާޒް އާއިލާއާއެކު: އޭނާގެ ދަރިފުޅަށް މިހާރު ދެ އަހަރު --- ފޮޓޯ/ މުއާޒު

ރައީސުލްޖުމްހުރިއްޔާ އާއި މަޖިލިސް އަދި ސިޔާސީ ދާއިރާގެ ހަބަރުތައް ގެނެސްދޭ ނިއުސްކާސްޓަރު މުއާޒް މީގެ ކުރިން ވެސް އުފަންދުވަހު ރަށުން ބޭރަށާއި އޮފީހުގެ މަސައްކަތްތަކުގައި އަވަދިނެތި އުޅެން ޖެހެ އެވެ. އެހެންވެ، ގިނަ ފަހަރަށް އާއިލާ މީހުން އޭނާގެ އުފަންދުވަސް ފާހަގަ ކުރަނީ، ތަންކޮޅެއް ފަހުން އެހެން ދުވަހެއްގަ އެވެ.

"އުފަންދުވަހު ގިނަ ފަހަރަށް އާއިލާ ކައިރި ނުވެސް ހުރެވޭ ގޮތް ދިމާވަނީ. އެކަމަކު، މި ދަނޑިވަޅުގެ ގޮތުން ދަރިފުޅު ފެނުނީމާ ވަރަށް ބޮޑަށް ފެމިލީ މަތިން އަސްލު މިސްވީ. ނޭނގެ ވީ ގޮތެއް ވެސް،" މުއާޒު ބުންޏެވެ.

އެކަމަކު މިފަހަރު މުއާޒަށް، ނުތަނަސްކަން އިހުސާސްވީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ނުރައްކާތެރި ވަގުތެއްގައި، އާއިލާއާ ދުރުގައި އެތައް ދުވަސްތަކެއް ވަންދެން ހުންނަން ޖެހިދާނެ ކަމުގެ އިހުސާސްވުމުންނެވެ. މިކަން ނިމޭނެ ދުވަހެއް ވެސް ނޭނގެ އެވެ. އަދި އިއްޔެ އަކީ ރާއްޖޭގައި ރެކޯޑް އަދަދަކަށް ކޭސްތައް ފެނުނު ދުވަހެއް ކަމުން އޭނާ ވެސް އިންތިހާއަށް ކަންބޮޑުވީ އެވެ. އިންސާނެއްގެ ހައިސިއްޔަތުން، ތުއްތު ދަރިފުޅާއި އާއިލާއާ މެދު ވިސްނުނީ އެވެ.

"ވަރަށް ދެރަވި ދުވަހެއް އިއްޔެ އަކީ. ކައިރި ކައިރީގައި އެހާ ގިނަ ކޭސްތަކެއް ފެނުނު ދުވަހެއް. ގިނަ އެއްޗިސް ބްރޭކް ކުރަން ޖެހުނު އަހަރެން. ވަރަށް ދެރަވި ދުވަހެއް. ކިތަންމެ ހިތްވަރުކޮށްފައި ކެމެރާ ކުރިމަތީގައި ހުރި ނަމަވެސް އަސްލު ވަރަށް އަސަރު ކުރޭ. އޮންއެއާގައި ހުންނަ އިރު ފައި ތުރުރުއަޅާ، އަޑުވެސް ތުރުތު އަޅާ. އެހެން ހުއްޓާ ދަރި ފެނުނީމަ ހަމަ ނުހިފެހެއްޓުނީ،" މުއާޒު ބުންޏެވެ."ހިތަށް އަރާ ދެން ކޮން ދުވަހަކުން ބާއޭ ދަރިފުޅާއި އަންހެނުން ކައިރިއަށް ދެވޭނީ،"

އެ ހުރިހާ ކަންބޮޑުވުންތަކަކާ އެކުވެސް މުއާޒުގެ ޝަކުވާއެއް ނެތެވެ. އޭނާ ނިކުމެ ހުރީ ގުރުބާނީތަކެއް ވެގެން ވެސް ރައްޔިތުންނަށް ބޭނުންވާ ސައްހަ މައުލޫމާތު ފޯރުކޮށްދޭށެވެ. ރާއްޖެ އާއި ދުނިޔޭގައި ބަދަލުވަމުން މިދާ މި ނުރައްކާތެރި ވައިރަހުގެ ހާލަތު ބުނެދިނުމަކީ އޭނާ ދެކެނީ ގައުމީ ހިދުމަތެއްގެ ގޮތުގަ އެވެ.

ނޫސްވެރިންގެ ބައްދަުވުމަކަށްފަހު މުއާޒު ރައީސް ސޯލިހާ ވާހަކަ ދައްކަވަނީ: މުއާޒު ކަވަރު ކުރައްވަނީ ރައީސުލްޖުމްހުރިއްޔާ އާއި މަޖިލިސް އަދި ސިޔާސީ ދާއިރާގެ ހަބަރުތައް --- ފޮޓޯ/ ރައީސް އޮފީސް

މުއާޒު ބުނާ ގޮތުގައި މިފަހަރުގެ އުފަންދުވަހަކީ އެންމެ ހާއްސަ އުފަންދުވަހެވެ. މިއަށް ވުރެ ވަކި ބޮޑު ހަދިޔާއެއް އޭނާގެ އުފަންދުވަހަކު ނުދެވޭނެ އެވެ.

"ނޭނގޭ ކިޔައިދޭކަށްވެސް. ދެރަވެގެން އައިސް އެހެން ކަހަލަ އިހުސާސްތަކެއްވީ. ސަޕްރައިޒްވެސްވި،. ސަޕްރައިޒް ވެގެން ދިޔަސް ވަރަށް ހިތްދަތި ވަގުތު ކޮޅެއް އެއީ.. އެކަމަކު ހަޔާތުގައި އައި އެންމެ ބެސްޓް އުފަންދުވަސް. އެއީ ލިބުނު އެންމެ ބޮޑު ސަޕްރައިޒް،" މުއާޒް ބުންޏެވެ.

މިހާރު އޮތް ޔަގީން ކަމަކީ، ރައްކާތެރިކަން!

މުއާ މައްކާގައޮ ދަރިފުޅާއެކު: މިހާރު އޭނާއަށް އޮތް ޔަގީން ކަމަކީ، އެންމެނަށްވެސް ރައްކާތެރިކަން އޮތް ކަން --- ފޮޓޯ/ މުއާ

މުއާޒު ދެކޭ ގޮތުގައި އާއިލާއާ ދުރުގައި އޭނާ މިދުވަސްތަކުގައި ހުންނަން ޖެހުނަސް، އެ ކޮށްދެވެނީ އާއިލާއަށް ޓަކައި ވަރަށް ބޮޑު ގުރުބާނީ އެކެވެ. މުއާޒު ބުނިގޮތުގައި މީގެ ކުރިން ގެއަށްދާ ކޮންމެ ފަހަރަކު، އޭނާ އެ ވައިރަހުގެ ޝިކާރައަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން އޮވެ އެވެ. އޭނާގެ ސަބަބުން އާއިލާއަށް އެބަލި ވާސިލްވެދާނެ ކަންބޮޑުވުމުން މިއަދު އޭނާއަށް ސަލާމަތްވެވިއްޖެ އެވެ.

އާއިލާއާ ދުރުގައި ހުރުމަކީ، އުދަނގޫ ކަމެއް ނަމަވެސް މި ނިންމުމަކީ އެންމެންނަށް އޮތް ރައްކަލެއް ކަމަށް މުއާޒު ބުންޏެވެ.

"އޮފީސްގައި އުޅެފައި ގެއަށްދާއިރު އެއްވެސް ޔަގީން ކަމެއް ނޯވޭ. މިހާރު އޮތް ހިތްހަމަ ޖެހުމަކީ، މިތަނުގައި ހުންނަ އިރު އެ ޔަގީންކަން އޮތުން. މި 14 ދުވަސް ތެރޭ މިތަނުގައި ތިބި މުވައްޒަފުން ބޭރަކަށް ނުނުކުންނާނެ. ބޭރުގައި ތިބި މީހުންނަށް ނުއެއް ވަދެވޭ. ހަމަ އެއްކޮށް ފުލް ލޮކްޑައުން. އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ،" މުއާޒް ބުންނެވެ.

comment ކޮމެންޓް