ތެޔޮ ހުސްވެ ދިޔަވަމުން ދިޔަ ލޯންޗަކުން ތިން މީހަކު ސަލާމަތްކޮށްފި

ފ. އަތޮޅު ކައިރިން ތެޔޮ ހުސްވެ ލޮނުވަންނަމުންދިޔަ ލޯންޗު --- ފޮޓޯ/ ޕޮލިސް

ކަނޑުމަތީގައި ހާލުގައި ޖެހިފައި އޮތް ލޯންޗަކުން ތިން މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އދ. އެރިއަދުއިން ދ. މީދުއަށް ދަތުރުކުރަމުންދިޔަ މި ލޯންޗުން ތެޔޮ ހުސްވެ ލޯންޗުގެ އެތެރެއަށް ލޮނުވަންނަމުންދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 22:00 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގިއިރު ލޯންޗު އޮތީ ފ. ފީއަލި ބޭރުން ހަތް މޭލު ދުރުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ލޯންޗުގެ މައުލޫމާތު ލިބުމާއެކު ފ. އަތޮޅުގެ ފުލުހުންގެ ލޯންޗަކުން ވަނީ ހާލުގައި ޖެހިފައި އޮތް ލޯންޗު އޮތް ހިސާބަށް ދަތުރުކޮށް އެ ލޯންޗުގައި ތިބި ތިން މީހުން ސަލާމަތްކޮށްފައެވެ.

އެ ހާދިސާގައި ސަލާމަތްކޮށްފައިވަނީ ދެ ފިރިހެނުންނާއި އެއް އަންހެނެކެވެ. އެމީހުން މިހާރު ވަނީ ފ. ނިލަންދުއަށް ގެންދެވިފައެވެ.

ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމަށްފަހު ފ. ނިލަންދޫގައި އޮތް އެމްއެންޑީއެފްގެ ސީ އެމްބިއުލާންސްއިން ވަނީ ހާލުގައި ޖެހުނު ލޯންޗު އޮތް ހިސާބަށް ދަތުރުކޮށް ލޯންޗަށް ވަންނަމުންދިޔަ ލޮނުގަނޑު ޕަމްޕުޖަހައިގެން ހިންދޭތޯ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މި މަސައްކަތް ނާކާމިޔާބުވެ 01:14 އެހައިކަންހާއިރު އެ ލޯންޗު އަޑިއަށްގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް